ads
ފޮޓޯ: ރައީސް އޮފީސް
ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީއަކީ ޝެއިޚް މުޖީބުއް ރަޙްމާން: ރައީސް
ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީއަކީ އެގައުމުގެ ފުރަތަމަ ރައީސް ޝެއިހް މުޖީބުއް ރަހްމާން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ބަންގާބަންދު ޝެއިހް މުޖީބުއް ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޝެއިހް މުޖީބުއް ރަހްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިހް މުޖީބުއް ރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ހިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއްކަމަށް ވިދާޅުވި އެވެ. 

ރައިސްގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝެއިހް މުޖީބުއް ރަހްމާނު ކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ގައުމުގެ އިގްތިސޯދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށާއި އެގައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ގައުމުގެ އިގްތިސޯދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިގްތިސޯދެއް ބިނާކުރަމުންދާނެ ކަމަށެވެ. 

ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ. 

މިފަހުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ފައްޓާފައިވާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބަންގްލަދޭޝްގެ އެއާފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެ އެހީތެރިކަމަކީ ދިވެހިން ވަރަށް އުފަލާއެކު ބަލައިގަނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު އަދި އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތުދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް