ads
ވީޑިއޯ ރިޕޯޓް-
ވެކްސިން ޖަހާ ފަހުން މީހުން މަރުވުން: ހަގީގަތަކީ ކޮބާ؟
ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިންނަށް ލިބުނު ހަޒާނާ، ކޮވީޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިމަހުގެ 15 ވީ ހޯމަ ދުވަހު ވަނީ ދެލައްކައަށްވުރެ ގިނަ މީހުންނަށް ދީ ނިންމާލާފައެވެ. ކޮވިޑް-19 އިން ފުރިހަމަ ރައްކާތެރިކަމެއް ލިބިގަތުމަށް ވެކްސިންގެ ދެ ޑޯޒް ހަމަކުރަން ޖެހެއެވެ.

އެއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ރެޑީވުމަށް، ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލިއިރުު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 217،597 އަކަށް އަރާފައެވެ. މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ ކަންކަން ހޯމަ ދުވަހު ހުއްޓާލުމާއި ހަމައަށް ވެކްސިން ޖަހާފައިވަނީ 121،630 މީހަކަށެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 95،967 އަކަށް އަރާފަ އެވެ.

މިއީ އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ރާއްޖެއަށް ވެކްސިން ގެނެސް ވެކްސިން ޖެހުމާއި ހަމަޔަށް މި ވެކްސިން ލިބިގަންނާނެ ކަމަށް ލަފާކޮށްފައިވާ އަދަދަށްވުރެވެސް މާ މަތީ އަދަދެކެވެ. ކިތަންމެ ވަރަކަށް "ނުޖަހާނަމޭ" ބުންޏަސް އެތައް ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމާލީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.  

ވެކްސިންގެ ރައްކާތެރިކަމަށް އޭރު އުފެއްދި ސުވާލުތައް ވެސް މުޅިންހެން ހުއްޓި ވެކްސިންގެ ފުރަތަމަ ޑޯޒް ލިބިގަން މީހުންގެ އަދަދު ލައްކައަކަށް އެރިތަނާހެން ދެން އިވިގެންދިޔައީ ވެކްސިން ޖެހިތަނާ އުމުރުން ދުވަސްވީ މީހަކު މަރުވި ހަބަރެވެ. އެއާއެކު ހަމަ އޭގެ އަނެއް ދުވަހު އޭނާގެ އަންހެނުން ވެސް މަރުވެގެންދިޔައީ އެވެ. 

މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެކްސިންޖެހި އެދެމަފިރިން އޭގެ ދެ ދުވަސްފަހުން އެކުއެކީހެން މަރުވެގެން ދިޔުމުން ވެކްސިންއަށް އާއްމުންގެ ހިތުގައި އޮތް އިތުބާރު މުޅިހެން ފަނޑުވިއެވެ. އެޔަށްފަހު ކައިރި ކައިރީ ކޮވިޑްގައި މަރުވަމުންދިޔަ މީހުންގެ އަދަދުތައް ވެސް ދެގުނަވަމުންގޮސް، މިފަހުން އަނެއްކާވެސް މިމަހުގެ އަށް ވަނަ ދުވަހު ވެކްސިން ޖެހި 45 އަހަރުގެ މީހަކު މަރުވުން އެއީ ވެކްސިން ޖެހުމަށް ރައްޔިތުން ހިފާފަފައިވާ ފޯރިކުޑަކޮށްލި ކަމެކެވެ.

އެއަށްފަހު އާއްމުންގެ ހިތުގައި އަލުން ވެކްސިން ޖެހުމަށް ފޯރި ހިފައިގަތީ، ދެ ޑޯޒް ހަމަކޮށްފިނަމަ ކަރަންޓީން ނުވެ ރަށަށް ދެވޭނެއޭ މިނިސްޓަރު ނަސީމް ވިދާޅުވި ހިސާބުންނެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ކަމަށް އެޗްޕީއޭއިން އިއުލާންވެސް ކުރުމާއިއެކު ކަރަންޓީން ނުވެ ރަށަށް ދިޔުމުގެ އުންމީދުގައި ނަމަވެސް ވެކްސިން ޖަހަން ބޭނުންވި މީހުންގެ އަދަދު ދެގުނަ ވެގެން ދިޔައީއެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ވެކްސިންޖެހި ދުވަހެއްގެ ގޮތުގައި އޮތީ މިމަހުގެ 11 ވަނަ ދުވަހެވެ.

އެއްވެސް ހާލަތެއްގައި ވެކްސިންއަށް އޮތް ބިރުވެރިކަން ފިލައިގެން ދިޔައީކީ ނޫނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅުނު ފިޔަވަޅުގެ ތެރެއިން، ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރަން ޖެހޭތީ މާލޭގައި ރަށަށް ނުދެވި ބަންދުވެފައިވާ އެތައް ބަޔަކު އެ ފުރުސަތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ސެންޓަރުތަކުގެ ކިޔޫ ހަދާލީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފިނަމަ ކަރަންޓީން ނުވެ ރަށަށް ދެވޭނެތީއެވެ.

އެހެންނަމަވެސް ވެކްސިން ޖެހުމަށް ކިތަންމެ ބޭނުންވި ނަމަވެސް ވެކްސިން ގެ ފުރަތަމަ ޑޯޒްވެސް ނުޖަހާ އެތައް ބަޔަކުވެސް އަދިވެސް އެބަތިއްބެވެ. ސަބަބަަކީ ވެކްސިންގެ ރައްކާތެރިކަމާއި މެދު އުފެދޭ ސުވާލުންނެވެ. ދޭތެރެ ދޭތެރެއިން މި ވެކްސިން ޖަހާ މީހުންގެ ތެރެއިންވެސް މީހުން މަރުވަމުން ދިޔުމާއި ގުޅިގެން އެ ބިރުވެރިކަން އޮންނާތީއެވެ. އެޔަށްފަހު އަނެއްކާވެސް މިއަދުވެސް އިވިގެން ދިޔައީ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހު ވެކްސިންޖެހުމަށް ފަހު ކަރަންޓީނުގައިހުރި އުމުރުން 67 އަހަރުގެ އަންހެނަކު މަރުވެފައިވާ ހަބަރެވެ. 

މިއީ ވެކްސިން ޖެހިފަހުން މިހާތަނަށް މަރުވި ހަތަރު ވަނަ މީހާއެވެ. އަދި މިމަހު ތެރޭ މަރުވި ދެވަނަ މީހާއެެވެ. ފެބްރުއަރީ މަހުވެސް ވަނީ ދެމީހުން މަރުވެފައެވެ.

މިއާއިއެކު އާއްމުންގެ ހިތުގައި ވަނީ އަނެއްކާވެސް ކޮވިޑްއިން ރައްކާތެރިވުމަށް މި ޖަހާ ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދެން ފަށާފައެވެ. މި ސުވާލު އުފެދިފައިވަނީ ހަމައެކަނި ރާއްޖެއަކުވެސް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުންވެސް ވަނީ އެކި ސަބަބުތަކާއި ހެދި މި ވެކްސިން ސަސްޕެންޑްވެސް ކޮށްފައެވެ. އެގޮތުން ވެކްސިން ދެމުން އަންނަ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެކްސިން ދިން ބައެއް ފަރާތްތަކަށް ލޭގަނޑުވުމުގެ މައްސަލަތައް ފެންމަތިވެ ވެކްސިން ދިން ބައެއް ފަރާތްތައް މަރުވެފައިވާ ދަަނޑިވަޅެއްގައި އަޔަލޭންޑުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިން މެދުކަނޑާލަން ގޮވާލާފަ އެވެ. ކެމްބޯޑިއާ، އޮސްޓްރިއާ، ލިތުއޭނިއާ، ޑެންމާކު، ނޯވޭ އަދި އައިސްލޭންޑް އިން ވެސް އޮކްސްފޯޑް ވެކްސިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ އިރު ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި 335 މިލިއަން ޑޯޒް މިހާތަނަށް ދީފައިވާއިރު ކޮވިޑް-19 ގެ ވަކްސިންގެ އެއްވެސް މީހެއް މަރުވިކަން ކަށަވަރެވިފައެއް ނުވެ އެވެ.  

ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހިފަހުން މަރުވި ކަމަށް ބެލެވޭ އެއްވެސް މީހަކުވެސް މަރުވެފައިވަނީ ވެކްސިންގެ ސަބަބުންކަން އެޗްޕީއޭއިން ވެސް ކަނޑައަޅާފައެއް ނުވެ އެވެ. އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި އެމީހުން ވެކްސިން ޖެހުމަށްފަހު މަރުވިނަމަވެސް އެއީ ސީދާ ވެކްސިންގެ ސަބަބުން މަރުވި މީހުންގެ ގޮތުގައި ބެލެވޭނެ ގޮތެއް އަދި ނެތެވެ. އަދި އެމީހުންގެ މަރުވެފައިވަނީ ސީދާ ވެކްސިންގެ ސަބަބުންތޯ ކަށަވަރުކުރުމަށް މިހާރު ދަނީ ތަހްލީލްތައް ކުރަމުން ކަމަށާއި އެއްޗެއް ބުނަން އެނގޭނީ ތަހްލީލްތަކަށް ފަހު ކަމަށެވެ. އެހެންނަމަވެސް ވެކްސިން ޖެހިފަހުން މަރުވި ދުވަސްވީ ދެމަފިރިންގެ މަރަށްވެސް މަހެއް ވެގެން ދިޔައިރުވެސް އެ މަރުގެ ހަގީގަތްވެސް ނުވަތަ އެއީ ވެކްސިންގެ ސަބަބުން މަރުވި ފަރާތެއްތޯވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އާއްމުންގެ ބޮޑު ކަންބޮޑުވުމެއް މިކަމުގައި ހުރި އިރު މި މަރު ތަކުގެ ހަގީގަތް އަދިވެސް ސުވާލުމާކެއްގައި އޮތުން އެއީ އެންމެ އެދެވިގެންވާ އަދި ފަހުން އޭގެ ނަތީޖާ ހިތިވެދާނެ ކަންކަމަށް ވުންވެސް އެކަށީގެންވެއެވެ. ބޭރު ދުނިޔޭގެ ގައުމުތަކުންވެސް މި ވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފައްދާއިރު މިއީ އަވަސްވީ ގޮތަކަށް ތަހްލީލްތައް ހެދި އާއްމުންނަށް ކަމުގެ ހަގީގަތް އެނގެން ޖެހޭ ކަންކަމެވެެ.

   

32%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް