ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޔޫޓީއެފް މައްސަލައިގެ ތެރެއަށް ސިފައިން ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް: އާދަމް ޝަރީފް
އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގެ މައްސަލައިގެ ތެރެއަށް އެމްއެންޑީއެފް ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އެޅުމަށް ރާއްޖެއާ އެގައުމާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއްް ކަމަށް ބުނާ ލިޔުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލީކުކޮށްލާފަ އެވެ. އަދި މައުލޫމާތު ލިބުނީ އެމްއެންޑީއެފްގެ އިސް ފަރާތްތަކުގެ ކިބައިން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. 

ލީކުކޮށްލި ކަމަށް ބުނާ އެގްރީމަޓާއި ގުޅިގެން އެމްއެންޑީއެފްގެ ޖެނެރަލުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ އެގްރީމެންޓަކީ ފޭކެއްކަން ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވާފައެވެ.

ރޭ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން އުތުރުތިލަފަޅުގެ މައްސަލައިގެ ތެރެއަށް ސިފައިން ވެއްދުމަކީ ސިފައިންނަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. 

"އެމްއެންޑީއެފްގެ އަގު ވެއްޓޭ ގޮތަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރުމުން ކަންބޮޑުވަން. ޔޫޓީއެފް އެގްރީމެންޓުގެ މައްސަލައިގެ ތެރެއަށް އެމްއެންޑީއެފް ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް. މިފަދަ ކަންކަމުގެ ސަބަބުން އަސްކަރިއްޔާއަށް ކުރާ އިތުބާރާއި، އިހުތިރާމާއި ގަދަރު ކުޑަވާނެ. އެކަން މިދަނީ ފެންނަމުން،" - އާދަމް ޝަރީފު

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި، ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހްތިރާމާއި ގަދަރު ނަގާލަން ކުރާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސިފައިންގެ އިސް ވެރިއެއްގެ ރިސްވަތުގެ މައްސަލައެއް ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅި ނަމަވެސް، އެ ކޮމިޝަނުން ނިންމާފައި ވަނީ އެ މައްސަލަ ނުބެލުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް