ads
މަސްތުވާތަކެތި ނައްތާލުން--
ޑްރަގުން ރައްކާތެރިވުމުގެ ޕްރޮގްރާމެއް ސްކޫލްތަކުގައި، މިފަހަރު މުޅިން ތަފާތުކޮށް
މަސްތުވާތަކެތިން ރައްކާތެރިވުމުގެ ގޮތުން އަޖުމަ ބެލުމުގެ ޕްރޮގްރާމެއް ރާއްޖޭގެ ސްކޫލްތަކަށް ހާއްސަކޮށްގެން ހިންގާއިރު މިފަހަރުގެ މަސައްކަތް ތަފާތު ވާނޭ ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ އެޖެންސީގެ ބޯޑުގައި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލުކުރައްވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަދުބުﷲ ރަޝީދު ސީއެންއެމައަށް ވިދާޅުވީ މިފަހަރުގެ އެންޑީއޭގެ ފަރާތުން އެޑިއުކޭޝަންއާ ގުޅިގެން ޕްރޮގްރާމް ކުރިއަށް ގެންދާނީ މަސްތުވާތަކެއްޗޭ ކިޔާފައި ނޫން ކަމަށެވެ.

އެއީ ކުރީގައި ސްކޫލްތަކުގައި މަސްތުވާތަކެއްޗަށް ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ގެންދެވުނު ގޮތް ގިނަ ބަޔަކަށް ކަމުނުދާތީ ކަމަށާއި އަދި އެ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިން ޑްރަގްގެ ކަންކަމާ މެދުގައި ޝައުގުވެރިވިކަމަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އެހެންކަމުން މިފަހަރުގައި ސްކޫލްތަކުގައި ދަރިވަރުންނަށް ޕްރޮގްރާމް ކުރިއަށް ގެންދާނީ އެކުދިންގެ ކަރިކިއުލަމްގެ ތެރެއިން ލައިފް ސްކިލްސް ދަސްކޮށްދިނުން ކަމަށް ރަޝީދު ވިދާޅުވި އެވެ.

ކަރިކިއުލަމްގެ ތެރޭގައި ހުރި ބައިތައް ކުދިންނަށް އަމަލީގޮތުން ހުނަރުވެރިގޮތަށް ތަރައްގީކުރުވުމަށް އެންޑީއޭގެ ފަރާތުން ސްކޫލުގެ ޕްރިންސިޕަލުންނާ މަޝްވަރާކުރެވިގެން ސްކޫލުގައި ހިންގާނެ ޕްރޮގްރާމްތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ.

ސްކޫލުގެ ކްލާސް ރޫމްތަކުގެ ތެރެއިންނާއި ބޭރުން ހިންގާނެ ޕްރޮގްރާމްތައް ކަނޑައަޅާ، އެކަމަށް ބޭނުންވާ ތަމްރީންތަަކާއި އެހީތެރިކަން އެންޑީއޭގެ ފަރާތުން ފޯރުކޮށްދީގެން ސްކޫލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައި ކަމަށް ރަޝީދު ވިދާޅުވި އެވެ.

އަދި އެޕްރޮގްރާމް މިފަހަރު ހިންގާއިރު ޑްރަގްގެ ވާހަކަތައް ނުދައްކާނެ ކަމަށާއި، ދަރިވަރުންނަށް އެއްވެސް ނެގެޓިވް އިންޕެކްޓެއް މިފަހަރުގެ ޕްރޮގްރާމުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަވަސް މުސްތަގުބަލެއްގައި ޕްރިންސިޕަލުންނާއި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ރަޝީދު ވިދާޅުވީ ފުރަތަމަ އެ ޕްރޮގްރާމްތައް ކުރިއަށްދާނީ އެންޑީއޭގެ ފަރާތުން ކަނޑައެޅޭ ބައެއް ސްކޫލްތަކުގައި ކަމަށެވެ.

އަދި އަލަށް ފަށާ އެޕްރޮގްރާމް ތައްޔާރުކުރަނީ ރާއްޖޭގައި ތިބި ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ރާއްޖެއަށް ފެތޭ ގޮތަށް މިންގަނޑުތަކެއް ކަނޑައަޅައިގެން ކަމަށާއި އެ މިންގަނޑުތަކަށް އެންޑީއޭ ބޯޑުން ހުއްދަދިނުމާ އެކު އެ ޕްރޮގްރާމް ކުރިއަށްގެންދާނީ ހާއްސަ އުސޫލަކަށް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ ހައްލަކީ ރަނގަޅަށް ކަރިކިއުލަމް ތަންފީޒުކުރުމެވެ. އެހެންކަމުން މި ފަހަރުގެ ޕްރޮގްރާމް ތަންފީޒުކުރަން ވިސްނާފައިވަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް