ads
ރާއްޖޭގެ ރަށެއް-- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް
އަހުލު ޕްރޮގްރާމްގެ ދަށުން ހަތް އައިލާއެއް ރަށަށް ބަދަލުކޮށްފި
އަހުލު ޕްރޮގްރާމްގެ ދަށުން ހަތް އާއިލާއެއް ރަށަށް ބަދަލުކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ "ކަޅިމަތި" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔުމްނާ ވިދާޅުވީ ޖެންޑާ ފަރާތުން އަހުލު ޕްރޮގްރާމް ފެށުމާ އެކުގައި އެންމެ ފުރަތަމަވެސް ފެށި އެއް މަސައްކަތަކީ ހުރިހާ ކައުންސިލްތަކަށް އެ ޕްރޮގްރާމްގެ ތެރެއިން ދެވޭ އެހީތެރިކަމާއި އެ ޕްރޮގްރާމް ހިންގާނެ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

އަހުލު ޕްރޮގްރާމަށް ބައިވެރިވުމަށް އެދުމަށް ހުޅުވާލުމާއެކުގައި މިހާތަނަށް 13 އާއިލާއަކުން ވަނީ ރަށަށް ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އަދި އެ އާއިލާތައް ޖެންޑާއިން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ފެތޭތޯ ބެލިވާނެ ކަމަށާއި ރަށަށް ބަދަލުވުމަށް އެދިފައިވާ 13 އާއިލާގެ ތެރެއިން މިހާތަނަށް ވަނީ ހަތް އާއިލާއެއް ރަށަށް ބަދަލުކުރެވިފައި ކަމަށް ފާހަގަކުރެއްވި އެވެ.

ކޮވިޑްގެ ހާލަތުގައި މާލީ ތަނަވަސްކަން ނެތުމުން ބައެއް އާއިލާތައް ރަށަށް ބަދަލުވެފައިވާކަން ފާހަގަކުރަމުން ޔުމްނާ ވިދާޅުވީ އެ އާއިލާތައް ވެސް އަހުލު ޕްރޮގްރާމްގެ ގަވާއިދުތަކަށް ފެތޭނަމަ ޖެންޑާއިން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ޖެންޑާއިން އަހުލު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގެ ހަތަރުވަނަ ބާބާށް ރިއާޔަތްކޮށް، އެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އިން ޖެންޑާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކޮށް ޖެންޑާ މިނިސްޓްރީން ވަނީ ގަވާއިދެއް ވެސް އާންމުކޮށްފަ އެވެ. 

އެ ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތަކަށް، މި ގަވާއިދުގައި ވާގޮތުގެ މަތިން، ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ އާއިލާތަކުން ރަށަށް ބަދަލުވުމަށް ކުރަންޖެހޭ ހަރަދުތައް ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން 3000 ރުފިޔާގެ އެލަވަންސެެއް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އިތުރުން، އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭ ގެދޮރު މަރާމާތުކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް ވެސް ދޭނެ އެވެ. ޝަރުތު ހަމަވެގެން ރަށަށް ފޮނުވާ އާއިލާތަކުގެ ހާލަތު އެއް އަހަރު ދުވަސް ވަންދެން މޮނިޓާކުރާނެ އެވެ. ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.

އެހީއަށް އެދެން ޖެހޭނީ ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެގޮތުން ފޯމު ހުށަހަޅަން ޖެހޭނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާ ރަށުގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި އެފަރާތަކީ އެހީއަށް ޝަރުތު ހަމަވާ ފަރާތެއްކަން ނުވަތަ ނޫންކަން ޖެންޑާ މިނިސްޓްރީން އަންގާނެ އެވެ. 

އެހީއަށް އެދޭ ފަރާތްތަކުގައި ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އެއް ކުއްޖަކު ހުރުމާއެކު ވަޒަންވެރިވާން ބޭނުންވާ ރަށުގައި އެމީހަކަށް ހުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި އެމީހަކު ދިރިއުޅެމުންދާތާ މަދުވެގެން އަހަރު ދުވަސް ވާން ޖެހޭއިރު ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް އެންސްޕާ އިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވެސް ވާންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް