ads
ހިޔާ ފްލެޓްތައް--
"ތަޅުދަނޑި ހަވާލުކުރެވޭނީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކަށްފަހު"
ހިޔާ ފްލެޓްތަށް ލިބޭ ދާއިމީ ލިސްޓުގައި ނަން ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކަށްފަހު ހައްގުވެރިންނަށް ފްލެޓްތައް މިމަސްތެރޭ ހަވާލުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ފްލެޓްތަކުގެ ތަޅުދަނޑިތަށް މިމަސްތެެރޭ ހަވާލުކުރާނެ ކަމަށް ބުނެފައިވާއިރު، މިކަމުގެ އެއްވެސް މައުލޫމާތެއް ހައްގުވެރި ފަރާތްތަކަށް ފްލެޓް ކޮމެޓީގެ ފަރާތުން އަންގާފައި ނުވުމާއި އެ ތަޅުދަނޑިތައް ހަވާލުކުރަން ބުނި ދުވަސް ފަހަނައަޅާ ދާއިރުވެސް އެކަން އެގޮތަށް ވެފައި ނުވާކަމަށް އެ ފަރާތްތަކުން ބުނަމުންދާތީ އެކަމާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މަބުރޫކް ވިދާޅުވީ، ފްލެޓްތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކުރުން ނިންމާފައިވާ ނިންމުން އަދިވެސް ދެމި އެބައޮތް ކަމަށާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންތަށް ދަނީ ކުރެވެމުން ކަމަށެވެ. 

އަދި ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ މީހުން ކަނޑައެޅުމަށް ނަގާ ގުރުއަަތަކަށްފަހު މިމަސްތެރޭ ފްލެޓްތަކުގެ ތަޅުދަނޑިތަށް އެ ފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ގުރުއަތަކީ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓް ލިބެނީ ކޮން ފްލޯއަކުންތޯ ބެލުމަށް ބާއްވާ ގުރުއަތުލުމެެކެވެ. ގުރުއަތުން ދިމާވާ ފްލެޓެއްގެ ތަޅުދަނޑި ހައްގުވެރި ފަރާތްތަކަށް ހަވާލުކުރެވިގެންދާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. 

މަޖިލީހަށް ހައުސިން މިނިސްޓަރު އަސްލަމް ހާޒިރު ކުރެވުނު ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު ވަނީ މިހާރު އާއްމު ކުރެވިފައިވާ ލިސްޓުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަވާކަމަށް ވިދާޅުވެ ލިސްޓުގައި ހިމެނިފައިވާ މީހުންނަށް ފްލެޓް ހައްގުވޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ މަޖިލީހުން އެކަން ބެލުމަށް ފަހު ކަމަށް ވިދާޅުވެފަައިވެއެވެ. އެކަމުގައި މިނިސްޓަރަށް ލަފާ އަރުވާނެ ކަމަށް ނަޝީދު ވިދާޅިވިއެވެ. 

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަބުރޫކް ވިދާޅުވީ، ފްލެޓް ކޮމެޓީން ދާއިމީ ލިސްޓް ފައިނަލް ކުރުމަށްފަހު ހައުސިން މިނިސްޓްރީގެ ފަރާތުން އަދި ބަލަންޖެހޭކަމަށް ލަފާއަރުވާފައިވާ އަށް ކަމެއް އޮތް ކަމަށާއި އެކަންކަމަށް ބެލިގެންދާނެ ކަމަށް މިނިސްޓަރު މީގެ ކުރިންވެސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކަމަށް ބަލާނެ ކަމަށް ބުނެފައިވެއެވެ. 

އޭގެ ސަބަބުން ދާއިމީ ލިސްޓަށް އެއްވެސް ބަދަލެއް އަދި ލަސްކަމެއް އަންނާނެތޯ ކުރެވުުނު ސުވާލަށް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. ފްލެޓް ކޮމެޓީން ނެރެފައި މިވާ ދާއިމީ ލިސްޓުވެސް މިއީ ވަގުތީ ލިސްޓަކަށްވެ، އެ ލިސްޓުން ބައެއް ނަންތައް އުނިވުންވެސް އެއީ އެކަށީގެން ވާކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެވެ.  

6%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
68%
ވަރަށް ސަލާމް
ކޮމެންޓްސް