ads
ހދ. އިސް މެޖިސްޓްރޭޓް އަލީ އާދަމް
މެޖިސްޓްރޭޓް އަލީ އާދަމް ހެދި ގޯހަކުން ބޮޑު ކުށްވެރިއެއް ސަލާމަތްވެއްޖެ
އިޖުރާއުތަކާ ހިލާފަށް އަލީ އާދަމް ނިންމި މައްސަލައަކާ ގުޅިގެން ދަރިފުޅު ލައްވާ ޖިންސީ އަމަލު ހިންގި މަންމައަކު އަށާރަ އަހަރުގެ ޖަލު ހުކުމަކުން ސަލާމަތް ވެއްޖެއެވެ. ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް، 2014 ވަނަ އަހަރު ނިންމި މައްސަލައެއް ހައިކޯޓުން ބާތިލުކޮށް އެ މަންމަ މިނިވަން ކުރީ މި ހަފުތާ ތެރޭގައެވެ. މެޖިސްޓްރޭޓް އަލީ އާދަމް ހެދި ގޯހަކުން ބޮޑު ކުށްވެރިއެއް ސަލާމަތްވެއްޖެ

އުފަން އަންހެން ދަރިފުޅު ލައްވާ ޖިންސީ އަމަލެއް އެހެން މީހަކު ލައްވާ ހިންގުވުމުގެ ކުށުގެ މައްސަލަ، ގާޒީ އަލީ އާދަމް ދަށު ކޯޓުގައި ނިންމިއިރު، އެ އަންހެން މީހާއަށް ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގުތަކެއް ނިގުޅައިގަނެވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި އިޖުރާއަތުތައް ގޯސްކޮށް ހުރުމުން، ޖަލު ހުކުމުން މަންމަ ސަލާމަތްވި ނަމަވެސް އެ ކުޑަ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ފިރިހެން މީހާ މިހާރުވެސް ހުރީ ޖަލުގައެވެ. އޭނާގެ އިއުތިރާފަށް މައްސަލަ ނިންމާފައިވާއިރު އޭނާ ގުނަމުން އަންނަނީ ސަތާރަ އަހަރުގެ ޖަލު ހުކުމެވެ.

ހައިކޯޓުން މި ހަފުތާގައި ބާތިލު ކުރި މި ހާދިސާގައި ހިމެނޭ ކުއްޖާގެ މަންމަގެ މައްޗަށް މެޖިސްޓްރޭޓް އަލީ އާދަމް ހުކުމްކޮށްފައިވަނީ މައްސަލައަށް ޖަވާބުދާރީވާން ފުރުސަތު ނުދީ އެވެ. އަދި މައްސަލައިން ދިފާއުވާން އެކަށީގެންވާ ވަގުތާއި ވަސީލަން ނުދޭ ކަމަށް ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ފާހަގަ ކުރެވެނުވެ.

މިއީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ ހުކުމެއް ކަމުން، އެ ކުއްޖާގެ ވަނަވަރު އާއްމު ވެދާނެ އެއްވެސް މައުލޫމާތެއް ހަބަރުގައި ނުހިމެނީއެވެ. އެހެންނަމަވެސް އެ ކުޑަ ކުއްޖާގެ ނުރުހުމުގައި އެކި ފަހަރުމަތިން ކުއްޖާގެ މަންމަގެ އިސްނެގުމަކަށް ޖިންސީ އަމަލު ހިންގި މި މައްސަލައަކީ ރާއްޖޭގެ އެންމެ އުތުރު ސަރަހައްދުގައި ހިނގި ހާދިސާއެކެވެ.

އިޖުރާއުތަކާ ހިލާފަށް އަލީ އާދަމް ނިންމި މި މައްސަލައާއި ގުޅިގެން އަށާރަ އަހަރުގެ ޖަލު ހުކުމަކުން މަންމައަކު ސަލާމަތްވީއިރު، އަލީ އާދަމްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަލީ އާދަމް އަމިއްލައަށް ނެރުނު އަމުރެއް އަމިއްލައަށް ބާތިލު ކުރި މައްސަލައަކާއި ހައިކޯޓުން ތަހުވީލު ކުރި މައްސަލައަށް އަލީ އާދަމް އަމިއްލައަށް ދެވަނަ ފަހަރަށް ބެލި މައްސަލަވެސްވަނީ މި ފަހުން ފެންމަތި ވެފައެވެ.

އަލީ އާދަމަށް ހދ. އިސް މެޖިސްޓްރޭޓްކަން ދީފައިވަނީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަލީ އާދަމް، އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމުގެ އެއް މަސް ދުވަސް ކުރިން އަލީ އާދަމާ ގުޅޭ ސީރިޔަސް ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ތަހުގީގު ކުރަން ފެށިއެވެ. އަލީ އާދަމާ ގުޅޭ ސީރިޔަސް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށިނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން ތަހުގީގު ކުރަން ފަށާފައިވާ އަލީ އާދަމާ ގުޅޭ ސުލޫކީ މައްސަލަތަކަކީ، އަލީ އާދަމް މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ޚިޔާލުތައް ހިއްސާކުރި މައްސަލަތަކެއްގެ އިތުރުން އަލީ އާދަމް ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ މައްސަލައާއި އަދި ތަފުރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައެކެވެ. މި މައްސަލަތައް ތަހުގީގު ކުރަމުންދަނިކޮށް އޭނާއަށް އިސް މެޖިސްޓްރޭޓްކަން ދިނީ ކީއްވެގެން ކަމެއް ޖޭއެސްސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

18%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް