ads
ފޮޓޯ: ސީއެންއެމް
އީސީ ޝަރީފްގެ ސުވާލެއް އަބްދުﷲ ދީދީއަށް!
ކައުންސިލް އިންތިހާބު އޮތް ތާރީހަށް 18 އަހަރު ފުރޭ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާއި ވޯޓުނުލެވޭތީ ދުސްތޫރީގޮތުން އިންތިހާބު ސައްހަ ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްކެވި ވާހަކައަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ރައްދުދެއްވައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް އިންތިހާބު އެއް އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ގާނޫނުން އިންތިހާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި އުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ގާނޫނޫ އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ  ވޯޓު ލުމުގެ ހައްގާއި، އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް އަބްދުﷲ ދީދީ ވިދާޅުވެފައިވެ އެވެ. 

އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނާ، ވޯޓުދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިހާބެއް ދުސްތޫރީގޮތުން ސައްހަ ނުވާނެ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ. 

އެކަމަށް ރައްދުދެއްވާ އީސީގެ ރައީސް ޝަރީފް ވަނީ، "އިންތިހާބެއްގައި ވޯޓުލާ ދުވަހާއި ހަމަޔަށް 18 އަހަރު ފުރޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު ކޮން އިންތިހާބެއްގައިތޯ؟" ސުވާލު ކުރައްވާފަ އެވެ.

ޝަރީފް ވިދާޅުވީ، ކޮންމެ އިންތިހާބެއްގައި ވެސް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އުމުރު ހަމަވާ ފަރާތްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. 

އޭގެ އިތުރުން ޝަރީފް ވަނީ، އިންތިހާބުގެ އަހަރު ދުވަހަށްވުރެ ކުރިން އިއުލާން ކުރަނީ ކޮން އިޖުރާއަތަކުންތޯ އުފައްދާ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފަ އެވެ. ޝަރީފް ވިދާޅުވީ އެކަން ކުރަނީ ހާއްސަ ހާލަތަކާއި ގުޅިގެން ކަމަށެވެ. 

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ވަނީ "ސަންސެޓް ގާނޫނު" ގެ ނަމުގައި މަޖިލީހުން ގާނޫނެއް ފާސްކޮށްފަ އެވެ. 

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ. 

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު މިހާރު އިންތިހާބު ބާއްވަން ތާވާލުކޮށްފައި ވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް