ads
ރޮޒައިނާ އާދަމް--
ސަރުކާރުން މުއައްސަސާތަކަށް ބިރެއް ނުދައްކާ: ރޮޒައިނާ
ސަރުކާރުން މުއައްސަސާތަކަށް ބިރު ނުދައްކާ ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސަރުކާރު ދިފާއުކުރައްވައިފި އެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ނެރުނު ބަޔާނާ ގުޅިގެންނެވެ. 

ސަރުކާރުގެ ބަޔާނުގައި ބުނީ ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަންކަމާއި، އަދުލުވެރިކަމާއި އެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލާޒިމް ކުރާ ކަމެއް ކަމަށްވެސް ބުނެ އެވެ.

ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށް ވެސް ބުނެފައިވާއިރު ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން މުވައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކުރާއިރު މި ސަރުކާރުން މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ބުނެދީ ސާބިތުކޮށްދިނުން މުހިއްމު ކަމަށެވެ. 

ރޮޒައިނާ ވިދާޅުވީ ފެންނަ މަންޒަރަށް ބަލާނަމަ މި ސަރުކާރުން އަބަދުވެސް މުވައްސަސާތަކަށް އެއްބާރުލުން އެބަދޭ ކަމަށާއި ބިރު ނުދައްކާ ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ބުނީ ވެންޓިލޭޓަރުގެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ގާނޫނު އަސާސީން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިން ކަމަށާއި، އެ މުއައްސަސާއިން ކުރެއްވި ތަހްގީގަށް ބޭނުންވި ހުރިހާ މައުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ތަހްގީގު ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަހްގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވުނު ސަރުކާރުގެ ހުރިހާ މުވައްޒަފުން، ތަހްގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނުކަން ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް