ads
އެންޑީއޭ-
އެންޑީއޭއަށް ފަރުވާއަށް އެދިފައިވާ ފަރާތްތަކުގެ ކިއު ބޮޑުތަނުން ކުޑަކޮށްފި
ނޭޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭއަށް ފަރުވާއަށް އެދިފައިވާ ފަރާތްތަކުގެ ކިއު ބޮޑުތަނުން ކުޑަކޮށްފި ކަމަށް އެ އޭޖެންސީން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެންޑީއޭ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވީ، އެންޑީއޭއަށް ފަރުވާ ހޯދުމަށް އެދިފައިވާ މީހުން އަދި ކޯޓުން ހުކުމް ކޮށްގެން ފަރުވާން ދޭން ތިބި ހުރިހާ އެންމެނަށް ވީހާވެއް އަވަހަށް ފައުވާ ދޭން ފެށުމަށް އެކި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުރިން އެންޑީއޭއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން އައީ މާލެ އަދި ކ. ހިންމަފުށީގައި އެކަނިކަމާއި، މިއީ ފަރުވާ ހޯދާ މީހުނަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް އެންޑީއޭއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ފަރުވާއަށް ބޭނުންވާ މީހުންނަށް ރަށުގައި ތިބެގެންވެސް ފަރުވާދޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށް ހަމީދު ވިދާޅުވިއެވެ.

"މިހާރަކަށް އައިސް އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކަށްވީ، މާލެ އައިސްގެން ފަރުވާ ފަށަން ޖެހޭތީއާ، މިކަހަލަ ކަންތައްތައް ހުރެގެން ފަރުވާފެށުން ލަސްވެފައި ހުރި ފަރާތްތަކެއް. ރިހެބިލިޓޭޝަން ސެންޓަރަަށް ދާން ޖެހިގެން." ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް--19ގެ ހާލަތު ދިމާވެ، މާލެ ސަރަހައްދު ލޮކްޑައުންއަށް ދިޔަ ހިސާބުން ރިހެބިލިޓޭޝަން ސެންޓަރުގައި މީހުން ނުބައިތިއްބާ ވަރަށް ގިނަ ދުވަސް ދިޔަކަން ހަމީދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އިތުރު ލުއިތަކާއެކު، އަލުން ފަރުވާގެ ކަންކަން އެކި ބެޗުތަކަށް ބަހާލައިގެން އަލުން ފަށާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

މި ދުވަސްވަރު ކިއު ކުޑަވާން ދިމަވި އެއް ސަބަބަކަށް ހަމީދު ފާހަގަ ކުރެއްވީ، ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިއުމުގެ ކުރިން، ފަރުވާއަށް އަންނަ މީހުން ކަރަންޓީނު ކުރަމުން ގެންދިޔަ ދިއުމެވެ. އެގޮތުން ދެ ތަނެއްގައި ކަރަންޓީނުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށާއި، ފަރުވާއަށް ދަނީ ކަރަންޓީނަށް ފަހު ކަމަށް ހަމީދު ފާހަގަ ކުރެއްވިއެވެ. 

ކިއު ކުޑަވާން ދިމާވީ އެންޑީއޭއިން އަލަށް ފެށި އިތުރު ތިން މެޑިކަލް ޕްރޮގްރާމް ކަމަށް ހަމީދު ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ދަށުން އަމިއްލައަށް ޑޮކްޓަރަށް ދައްކާ ބޭސް ހިފައިގެން ނުވަތަ އައުޓް ޕޭޝަންޓް ކޮށް އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރިހެބިލިޓޭޝަނަށް ވަކި ތަނެއްގައި ހުންނާކަށް ނުޖެހޭ ކަމަށް ހަމީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބެގެން، ފަރުވާ ހޯދުމުގެ ކަންކަމަށް އެދުމުން އެކަމަށް ފެސިލިޓޭޓް ކޮށްދޭކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް މިއީ އެ ރަށެއްގައި ތިބި މީހުން އަމިއްލައަށް އެދުމުން އެމީހުނަށް ފަހި ކޮށްދޭ ފުރުސަތެއް ކަމަށާއި، އެއީ އެރަށެއްގައި ހުންނަ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދެވޭ "ކޮމިއުނިޓީ ފަރުވާ"ގެ ކަންކަން ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ރަށުގައި ހުރެގެން ފަރުވާ ފުރިހަމަ ކުރުމަށް ލިބޭ ފުރުސަތަކީ ގިނަބަޔަކަށް ލިބޭނެ ލުޔެއް ކަމަށް ހަމީދު ވިދާޅުވިއެވެ. 

މީގެ ކުރިން ހަމީދު ވަނީ އެންޑީއޭ ބަދަލުވެގެން ދެން ދާނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ވެސް އެމީހެއްގެ ވަށާގެންވާ މާހައުލު އެންޑީއޭއިން ބަލަހައްޓަންޖެހޭފަދަ "ކޭސް މެނޭޖްމެންޓް ސިސްޓަމް"އަކަށް ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް