ads
ފޮޓޯ:އަހްމަދް ސައީދް
ފުވައްމުލަކު މީހުން އޮޑިއެހެލާ މަންޒަރު: ދިވެހިންގެ އިޖުތިމާއީ ގުޅުމުގެ ރީތި މިސާލެއް!
ދިވެހިން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމާއި ރީވެތި އަހްލާގުގެ ސަބަބުންނެވެ. އެކަކު އަނެކަކަށް ޖެހޭ ބޮޑެތި ކަންކަމުގައި ދިވެހިންނަކީ އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަ ކަން ދައްކުވާދޭ ބައެކެވެ. ރާއްޖެއިން މިމަންޒަރު މަޑުމަޑުން ފަނޑުވަމުން ދިޔަނަަމަވެސް އަހަރެމެންގެ ކާބަފައިންގެ ދިރިއުޅުމުން މިކަން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

އެދުވަސްވަރު އާއްމުކޮށް ކެމެރާފަދަ ތަކެތި ގެންގުޅެނީ މަދުބައެއް ކަމުން މިފަދަ މަންޒަރުތައް ވީޑިއޯއަކުން ބަލާލަން ލިބެނީ ވަރަށް މަދުންނެވެ. ފުވައްމުލަކަށް އުފަން އަހްމަދު ސައީދު ހިމެނެނީ މިފަދަ މަދު ބޭފުޅުންގެ ތެރޭގައެވެ. 

މާލެއިން ރަށަށް އައިސް ބޮޑު ގެއެއްގައި އެކަނި މާއެކަނި ހުންނަން ޖެހުމުގެ ފޫހި ތަޖުރިބާ ކުރަން ޖެހުމުން ސައީދު ވަނީ އެފުރަސަތުގެ ބޭނުން އޭނަގެ ކެމެރާގެ ލެންސަށް ރެކޯޑް ކުރެވިފައިވާ ކުރީގެ ތާރީހީ މަންޒަރުތައް އާއްމުންނަށް ދައްކާލާ އެ ހަނދާންތައް އާކޮށްލުމަށެވެ. 

އެގޮތުން ގިނަ އަހަރުތަކެއް ވެފައިވާ ކަންކަމުގެ ހަނދާންތައް އެކަނިވެރިކަން ފިލުވައިލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށިއެވެ. ކޮންމެ ދުވަހަކުވެސް ތާރީހުގެ އާ މަންޒަރެއް ފޮޓޯއަކުން ނުވަތަ ވީޑިއޯއަކުން ބަލާލާ އެއާ މެދު ހިޔާލުކޮށް ވާހަކަ ދައްކާލުމާއި އެ ހަނދާންތައް އާކުރުމުގައި ކަރަންޓީނުގެ 10 ދުވަސް ހޭދަ ކުރުމުގެ މަގުސަދުގައި ސައީދު ދަނީ މިފަދަ ވީޑިއޯތައް ފޭސްބުކްގައި ހިއްސާކުރަމުންނެވެ. 

އެގޮތުން މިއަދަކީ ކަރަންޓީނުގެ ފަސް ވަނަ ދުވަހެވެ. މީގެ 24 ވަރަކަށް އަހަރު ކުރީ ދިވެހިންގެ މެދުގައި އޮތް އިޖުތިމާއީ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން، އަދި ކަންކަމުގައި ހިލޭ ސާބަހަށް އެހީތެރިވުމުގެ ރީތި ސަގާފަތް ފެންނަ ފުވައްމުލަކު މީހުން އޮޑިއެހެލާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރަމުން ސައީދު ބުނެފައިވަނީ، އެ ވިޑިއޯއަކީވެސް ފުވައްމުލަކުން ދެން ހޯދައި ނުގަނެވޭނެ މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ކަމަށެެވެ.

އެ ވީޑިއޯއިން ފެންނަނީ ފުވައްމުލަކުގައި ބައިން ފުރަތަމަ ދޯނި އިލާ، (ތަރާނާގޭ) އިބްރާހިމް މުހައްމަދުގެ މަސްދޯނި ' ބޯދި' އެހެލާ މަންޒަރެވެ. ' ބޯދި' އަކީ ރަށުގައި ބަނދެފައިވާ ފުރަތަމަ ފައިބަރު އުޅަނދެވެ. އަދި އެހާތަނަށް ބަނދެ ނިންމި އެންމެ ބޮޑު އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. ގަލްފުދީނާރު ބޯޓް މި އުޅަނދަށްވުރެ ބޮޑު ނުވާނަމަ، ބޯދި ވާނީ އެންމެ ބޮޑު އުޅަނދަށް ކަމުގައި ގަބޫލު ކުރެވޭ ކަމަށް ސައީދު ބުނެފައިވެއެވެ.

ބޯދި ބަނދެފައިވަނީ ކެނެރީގޭ ގޯތި ތެރޭގައެވެ. ވީޑިއޯގައި ފެންނަނީ ކެނެރީގޭ ގޯތި ތެރެއިން ނެރެގެން ގާޒީ މަގުގެ ހުޅަނގުން އިރަށް،  އޭރު ހުޅަނގު މޫސުމުގައި ބޭނުންކުރާ ރަސްމީ ބަނދަރު، ' ރަސްގެފަންނަށް ' ބޯދި ދަމާފައި ގެންދާ މަންޒަރެވެ. އެ ވީޑިއޯ ނެގިއިރު، އެ އުޅަނދު ދަމާފައި ގެންދާ މަންޒަރުގެ އިތުރުން، އެމަސައްކަތުގައި މީހުން ހަރަކާތެރިވާ މަންޒަރާއި، ޖޯޝާ ފޯރި ހިތްޕުމުގައި ގެންގުޅޭ އުކުޅުތަކާއި ހީސަމާސާ ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވުމާއި އަންހެނުންނާއި ފިރިހެނުން ގުޅިގެން އެކުއެކީގައި މިފަދަ ބޮޑެތި ކަންކަން ކުރާގޮތް ރެކޯޑް ކުރުމަށް ސައީދު ވަނީ މަސައްކަތް ކޮށްފައެވެ. 

"24 ވަރަކަށް އަހަރު ފަހުން ވީޑިއޯއަށް ނަޒަރު ހިންގައިލުމުން އެ މަންޒަރުތައް ރެކޯޑްކުރި ކުރުން ތާރީޚަށްޓަކައި ރަނގަޅު ރެކޯޑިންގއަކަށް ވެފައިވާކަން ގަބޫލު ކުރެވޭ. މި ވިޑިއޯއިން ފެންނަ ބައެއް މޫނުތައް މިހާރު ދުނިޔޭގައި ނޫޅުއްވާކަން އެނގޭ. އަދި ބައެއް އެހެން ބޭފުޅުންނަކީ އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުގެ ސަބަބުން އާއްމުންގެ ތެރެއިން ނުފެންނަ ބޭބޭފުޅުން. އެހުރިހާ ބޭފުޅުންނަށް ﷲ ތަޢާލާ ހެޔޮ ރަޙުމަތް ލެއްވުން އެދި ދުއާކުރަން" ސައީދު ބުނެފައިވެއެވެ.

އޮނޑިއެހެލުމަކީ އޭރު ރާއްޖޭގައި އެ ރަށެއްގެ އެންމެން ބައިވެރިވެގެން ކުރާ އިޖްތިމާއީ މަޖާ މަސައްކަތެކެވެ. އެ މަަސައްކަތުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާއިރު އަނެއް ބަޔަކު ތިބެނީ އެ މަސައްކަތުގައި ހަރަކާތެރިވާ މީހުންނަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށެެވެ. 

މިފަދަ މަންޒަރުތައް މިހާރު ރާއްޖެއިން މަދުން ނޫނީ ނުފެނުނަސް މިިއީ ދިވެހިންގެ އެއްބައިވަންތަ ކަމާއި ރީތި ސަގާފަތު ދައްކުވާދޭ ކަންކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް