ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 26 އަހަރު
މިއަދަކީ އެމްޑަބްލިޔުއެސްސީ ގެ ފެނާއި ނަރުދަމާ ހިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ. އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

60 މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި މިކުންފުނިން މިހާރު ދަނީ 900 އަށްވުރެ ގިނަ މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ އަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުނެވެ. 

އެމްޑަބްލިޔުއެސްސީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށްފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ. 

ގްރޭޓާ މާލެ ރީޖަންގެ އިތުރުން އެމް.ޑަބްލިޔު.އެސްސީ އިން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު ރ.ދުވާފަރުގައި މިކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެކުންފުނީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މިގޮތުން، މިކުންފުންޏަކީ މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި، ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާ، އޯ ޕްލަންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ޤާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީއިން ދަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އެކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީއިން އިލެކްޓޯނިކް ހިދުމަތްތައްވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ހިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ.

ކުންފުންޏަށް 26 އަހަރު ފުރިގެންދާއިރު 2021 ވަނަ އަހަރު ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. 2020 ވަނަ އަހަރަކީ މުޅިދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް މިކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށްވެސް މިކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން ވަނީމުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. 

އެމްޑަބްލިޔުއެސްސީގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވަނީ ހުރިހާ މުވައްޒަފުންނާ ވާޗުއްލަކޮށް ބައްދަލުކުރައްވައި މުހާތަބު ކުރައްވާފައެވެ. 

"މިފުރުސަތުގައި ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރަން. މިއަދު މިކުންފުނީގެ ކުރިއެރުމަށްޓަކައި ކެނޑިނޭޅި ދެއްވަމުން ގެންދަވާ އިރުޝާދު ތަކާއި މިކުންފުނިން މިއަދު ދެކެމުން މިދާ އިޤްތިސާދީ ކުރިއެރުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް ނުހަނު އިހްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރަން. އަދި އެންމެހާ ލޮބިވެތި ރައްޔިތުން މިކުންފުންޏަށް ކުރައްވާ އިތުބާރަށްވެސް ޝުކުރު އަދާކުރަން" މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވިއެވެ.

އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާޗުއަލް ރަން" އެއްވެސް ދުވެފައެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަަަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް