ads
ކުމުންދޫގެ ފެނާއި ނަރުދަމާ އިފްތިތާހުކުރުން--
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އިފްތިތާހުކޮށްފި
ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން އިފްތިތާހުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ ކުމުންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މަކުނުދޫ ދާއިރާގެ މުހައްމަދު ރާއީގެ އިތުރުން ހދ. ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހުސެން އާއީ ކައުންސިލްގެ ނައިބު ރައީސް ހަސަން ހުސެން އާދަމް ކަމަށެވެ. 

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށް ގެންދެވި ހޮޅިވަޅުލުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުން ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި، 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 5 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. އެ މަޝްރޫއުއަށް ޖުމްލަ 102 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް