ads
އީގަލްސް- ތިމްޕޫ މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: އީގަލްސް މެޗު – އަދިވެސް ވާނުވާގައި
އޭއެފްސީ ކަޕު ޕްރިލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗުގެ ކަންތައް އަދިވެސް ކޮޅެއްގައި ނުޖެހެއެވެ. ކުރިން ހަމަ ޖައްސާފައި އޮތީ މާދަމާ މި މެޗު ޑާކާގައި ކުޅޭށެވެ. އެހެންމަވެސް މި މެޗުވަނީ ފަސްކޮށްފައެވެ.

މިހާރު ކަނޑައަޅާފައި އޮތް ގޮތުން ޑާކާގައި މިމެޗު ކުޅޭނީ މި މަހުގެ އެކާވީސް ވަނަ ދުވަހުއެވެ.

ނަމަވެސް މެޗު ކުޅޭނެ ސްޓޭޑިއަމެއް އަދިވެސް ފައިނަލެއް ނުވެއެވެ. ޑާކާގައި މެޗު ނުކުޅެވޭނެކަން މިހާރުވަނީ ޔަގީންވެފައެވެ. ކޮވިޑާ ގުޅިގެން ބަންގްލަދޭޝްގެ ހާލަތު ވަރަށް ގޯސްވެ، އެ ގައުމުވަނީ ލޮކްޑައުންކޮށްފައެވެ. މި ވަގުތު ޑާކާގައި ހާލަތު އޮތް ގޮތުން ބައިނަލްއަގްވާމީ ފްލައިޓުތައް އެ ގައުމަށް ދަތުރު ނުކުރެއެވެ.

ޑާކާގައި މި މެޗު ކުޅެވޭނެ ހާލަތެއް ނެތުމުން، ޑާކާ އަބަހާނީން ހުށަހަޅާފައިވަނީ ނޭޕާލުގައި މި މެޗު ކުޅޭށެވެ. އިންޑިޔާގައި މި މެޗު ކުޅެންވެސް އަބަހާނީން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކޮޅެއްގައި ނުޖެހުމުން، އަބަހާނީން ފަހުން ހުށަހެޅީ ނޭޕާލުގައި މެޗު ކުޅޭށެވެ. އެއީ ޑާކާގައި މެޗު ނުކުޅެވޭނެތީ އޭއެފްސީން ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅެން އެ ފުރުސަތު އަބަހާނީއަށް ހުށަހެޅުމުންނެވެ. ނޭޕާލުގައި މެޗު ކުޅުމަށް އަބަހާނީން ހުށަހެޅި ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމައެވެ. ނޭޕާލުގައި ކުޅެވޭނެ ގޮތެއް ނުވެއްޖެ ނަމަ މި މެޗު ކުޅޭނީ މާލޭގައެވެ.

މި މެޗާ ގުޅޭ ގޮތުން އެފްއޭއެމުން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނެތް ނަމަވެސް އެ މެޗު މާލެއަށް ބަދަލު ކުރެވޭތޯ އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ބަހެއް ނުލިބެއެވެ.

އީގަލްސް ޑާކާ އަބަހާނީއާ ކުޅެން ފުރުސަތު ހޯދީ ޕްރިމިލިނަރީ ފުރަތަމަ މެޗުގައި މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. ޑާކާ އަބަހާނީއާ އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާ ނޭޕާލު އާމީ ޓީމު މާދަމާ ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ. ބެންގަލޫރާ ނޭޕާލު ޓީމުގެ މެޗު އޮންނާނީ ގޯއާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް