ads
އިއޯނީ ސަލިވިއަން ---
އެއްވެސް ދީނެއް ގަބޫލުނުކޮށް އުޅުނު އަންހެނަކު އިސްލާމްވިގޮތް!
އެހެން ދީނުތަކުގެ މީހުންނަށް އިސްލާމީ ހިދާޔަތު ލިބުނު ގޮތުގެ ވާހަކަތަކަކީ، ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އަޑު އަހާ ވާހަކަތަކެވެ. އަދި މިފަދަ ވާހަކަތަކަކީ އެތައް ބަޔަކު ދީނީ ކަންކަަމަށް ދޭ އަހައްމިއްޔަތު އިތުރު ކުރުމަށް ލިބޭ ހިތްވަރަކަށްވެސް ގިނަ ފަހަރު ވެއެވެ. އެއްވެސް ދީނެއް ގަބޫލުނުކޮށް އުޅުނު އަންހެނަކަށް ހިދާޔަތް ދެއްކެވި ގޮތް

މިއީ އިނގިރޭސިވިލާތުގެ އަންހެނެއްގެ ވާހަކައެވެ. އިއޯނީ ސަލިވިއަން ނަމަކަށް ކިޔާ މި އަންހެން މީހާއަކީ އެއްވެސް ދީނެއް ގަބޫލު ނުކުރާ އާއިލާއެއްގެ މީހެކެވެ.

އެގޮތުން އޭނާގެ މަންމަ އާއި ބައްޕައަކީ ވެސް ޓީޗަރެކެވެ. މެދުފަންތީގެ އާއިލާއަކަށް އުފަން އިއޯނީ ވަނީ އިންގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީން މާސްޓާ އޮފް ފިލަސޮފީ ހާސިލު ކުރުމަށް ފަހު އިއޯނީ މަސައްކަތުގެ މާހައުލަށް ނިކުތެވެ. 

އިއޯނީ ކިޔައިދިން ގޮތުގައި، ޔުނިވާސިޓީ ނިންމުމަށް ފަހު މަސައްކަތް ކުރުމަށް އޭނާ 2000ވަނަ އަހަރު މެދު އިރުމަތީގެ އެކި ގައުމުތަކަށް ދިޔަ އެވެ. އެގޮތުން މިސްރު، ޖޯޑަން، ފަލަސްތީން އަދި އިޒްރާއީލަށް ދިޔަ ކަމަށް އިއޯނީ ކިޔައި ދިނެވެ. 

އޭރު އޭނާއަށް އިސްލާމް ދީނަކީ ކޮބާކަން، އަދި އިސްލާމް ދީނާއި ގުޅިގެން އެނގޭ ކޮންމެ އެއްޗެއް އެނގެނީ އިސްލާމް ދީނާއި ގުޅިގެން ހުޅަނގުގެ މީޑިއާތަކުން ފަތުރާ، ހަގީގަތެއް ނެތް ވާހަކަތައް އެކަނި ކަމަށް އިއޯނީ ކިޔައިދިނެވެ. ކުރުގޮތަކަށް ބުނާ ނަމަ، އިއޯނީ އަށް އެނގެނީ އިސްލާމް ދީނާއި ގުޅިގެން ހުރި "ސްޓީރިއޯޓިޕިކަލް" ވިސްނުމެވެ.

ނަމަވެސް އޭނާ މަސައްކަތުގެ މާހައުލަށް ނިކުމެ، އިސްލާމްދީނުގައި ސާބިތުވެ ތިބި މީހުންގެ ދިރިއުޅުން ކައިރިން ބަލާލުމުގެ ފުރުސަތު ފެނުމުން އިސްލާމް ދީނާއި މެދު ގެންގުޅުނު ބޯދާ ވިސްނުން ބަދަލު ކުރަން ޖެހުން ކަމަށް އިއޯނީ ކިޔައިދިނެވެ. އޭނާގެ މި ދަތުރުން، އިސްލާމްދީން ގަބޫލުކޮށް ތިބި މީހުންގެ ފުށުން ފެނުނީ، އެމީހުންގެ ދީނިއްޔަތުން ހިތްވަރު ނެރިގެން ހަޔާތާ ކުރިމަތިލާ މަންޒަރު ކަމަށް އިއޯނީ ކިޔައިދިނެވެ. އެ މީހުންގެ ދިރިއުޅުމުގައި އެތައް ގޮންޖެހުންތަކާ ކުރިމަތިވެ، ހަނގުރާމައިގެ ތުންފަތީ ދިރިއުޅެމުން އައިއިރު ވެސް، އެމީހުން ހިތްވަރު ލިބިގަނެ ކުރިއަށްދިޔައީ ދީނުގެ ހިދާޔަތުގައި ކަމަށް އިއޯނީ ކިޔައިދިނެވެ.

އޭގެ ފަހުން 2001 ވަނަ އަހަރު ޖޯޑަންގެ ރައްޔިތަކާ ދިމާވެ، އެ މީހާ އާއި ކައިވެނީގެ ގޮތުން އިއޯނީ ގުޅުނެވެ. އިއޯނީ ކައިވެނީގެ ގޮތުން ގުޅުނީ މުސްލިމަކާއެވެ. ނަމަވެސް އޭނާ ކައިވެނީގެ ގޮތުން ގުޅުނީ، ދީނީ ކަންކަމަށް އެހާ އަހައްމިއްޔަތު ކަމެއް ނުދޭ މީހެއް ކަމަށާއި، ކައިވެންޏަށް ފަހުވެސް ދެމަފިރިން އެކީ ބާ ތަކަށާއި ކްލަބް ތަކަށް ދިޔަ ކަމަށް އިއޯނީ ކިޔައިދިނެވެ. 

ނަމަވެސް އޭނާ އިސްލާމް ދީނަށް ހިތް ޖެހުނީ ކައިވެނި ކުރި ފަހުން ކަމަށް އިއޯނީ ކިޔައިދިނެވެ. އިއޯނީ ކިޔައިދިން ގޮތުގައި، ކައިވެންޏަށް ފަހު އަރަބި ދަސް ކުރުމުގެ ޝައުގުވެރިކަމެއް އުފެދުނެވެ. އަދި އަރަބިން ލިޔަން ކިޔަން ދަސްކުރި އިރު، ގުރުއާނުގެ ތަރުޖަމާ ކިޔަން ފެށި ކަމަށް އިއޯނީ ކިޔައިދިނެވެ. 

އިއޯނީ ކިޔައިދިން ގޮތުގައި، އިސްލާމް ދީނަށް ލޯބިޖެހުނީ އަރަބި ކިޔަވަން އުޅުމުގެ ތެރެއިންނެވެ. އެދުވަސްވަރު ގުރުއާން ތަރުޖަމާ ކިއުމުން، ކުރިން ނޭނގޭ އެތައް ކަމެއް އެނގުން ކަމަށާއި، އިސްލާމް ދީނުގައި ކަންކަން ކުރުމަށާއި ނުކުރުމަށް އަންގަވާފައިވަނީ ކީއްވެގެންކަން ފުރަތަމަ ފަހަރަށް ދަސްވި ކަމަށް އިއޯނީ ކިޔައިދިނެވެ. 

އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނީ އެކަށް މީހަކު ނުވަތަ ޝެއިހެއް މަޖުބޫރު ކޮށްގެން ނޫންކަމަށާޢި، ނަމަވެސް އަމިއްލައަށް ދީނީ ކަންކަން އުނގެނި، ދީނަށް ލޯބި ޖެހިގެން ކަމަށް އިއޯނީ ކިޔައިދިނެވެ. އަދި އަމިއްލައަށް ދީނީ ކަންކަން އުނގެނެން ފެށުމުން، ރޯދަ ހިފުން، ޒަކާތްދިނުން އަދި އައުރަ ނިވާ ކުރުން ފަދަ ކަންކަމީ ހަރުކަށިކަން ނޫން ކަމަށާއި، ނަމަވެސް އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ތިމާގެ އަމިއްލަ ނަފްސު ރަނގަޅު ކުރުމަށް އެތައް ފުރުސަތުތަކެއް ވާކަން ދަސްވި ކަމަށް އިއޯނީ ކިޔައިދިނެވެ. 

އިސްލާމްދީނުގެ ހިދާޔަތު ލިބުނު ނަމަވެސް، އާއިލާގެ މަސްލަހަތަށްޓާކާ އިއޯނީ ވަނީ އޭނާ އިސްލާމްދީން ގަބޫލު ކުރިކަން އާއިލާއަށް ފޮރުވާފައެވެ. ނަމަވެސް ދީން ގަބޫލު ކުރުމަށް ފަހު ވެސް ގިނަ ދުވަސް ވަންދެން ބުރުގާ ނާޅާ އުޅުމަކީ އަމިއްލަ ނަފްސަށް ގައްދާރުވުން ކަމުގެ އިހުސާސްވާން ފެށި ހިސާބުން އޭނާ ބުރުގާ އެޅި ކަމަށާއި، އެއީ އެހެން މީހުނަށް އޭނާ އިސްލާމްދީން ގަބޫލު ކުރިކަން އެނގުން ހިސާބު ކަމަށް އިއޯނީ ކިޔައިދިނެވެ.

އިއޯނީ ވަނީ އޭނާ އަކީ މުސްލިމެއްކަން އޭނާގެ ބުރުގަލުން ދޭހަވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބައެއް ފަހަރު އެހެން މީހުންގެ ފުރައްސާރަ ކުރިމަތިވާ ކަމަށެވެ. އަދި އާންމު ތަންތަނުގައި އެކި ކަހަލަ އުނދަގުލާ ކުރިމަތިވާ ކަމަށް އިއޯނީ ކިޔައިދިނެވެ. 

މުސްލިމުންނާ ދެކޮޅަށް މީޑިއާގައި ހުރި "ނެގަޓިވް" ކަންކަމާ ގުޅިގެން ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އިއޯނީ ކިޔައިދިނެވެ. ނަމަވެސް އޭނާ އިސްލާމްދީން ގަބޫލު ކުރުމަށް ކުރި ދަތުރަކީ އަބަދު ވެސް ހަނދާނުގައި ހުންނާނެ ކަމެއް ކަމަށް އިއޯނީ ކިޔައިދިނެވެ. އަދި މިއީ މީހާގެ ހިތަށް ހަމަޖެހުން ލިބުނު ކަމެއް ކަމަށް އިއޯނީ ކިޔައިދިނެވެ. 

(ނެރޭޓިވް އޮފް ކޮނވާޝަން ޓު އިސްލާމް އިން ބްރިޓެއިން: ފީމެއިލް ޕާސްޕެކްޓިވް - ރިސާޗަށް (ދީފައިވާ އިންޓަވިއުއަކުން ނަގާފައި)

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް