ads
ރަމަޟާން މަހާ ގުޅޭ ބައެއް ސުންނަތްތައް އަދި ދުޢާތައް
މިއީ ރޯދަމަހެވެ.އެހެންކަމުން މި މާތްވެގެންވާ މަަހުގެ ކަންްތައްތައް ބަހައްޓަށްވީ ގޮތަށް ބަދަލާލުމަކީ މުހިންމުކަމެކެވެ. ތިރީގައި މިވަނީ ރަމަޟާން މަހާ ގުޅޭ ބައެއް ސުންނަތްތައް އަދި ދުޢާތަކެވެ.

އިރު އޮއްސުމުން ރޯދަ ވީއްލުމަށް އަވަސްވެގަތުން އަދި ހާރުކެއުމަށް ސަމާލުކަން ދިނުން އަދި ހާރުކެއުން ލަސްކުރުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ، ހަމަކަށަވަރުން، ހާރު ކެއުމުގައި ބަރާކާތް ހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން) އަވަހަށް ރޯދަވީއްލުމާއި، ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ. (އަލްބުޚާރީ އަދި މުސްލިމް)

ރޯ ކަދުރުން ނުވަތަ ހިކި ކަދުރުން ނުވަތަ ފެނުން ރޯދަ ވީއްލުން:

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރެއްވުމުގެ ކުރިން ރޯ ކަދުރުން ފަރިއްކުޅުއްވައެވެ. ރޯ ކަދުރު ނެތިއްޔާ، ހިކި ކަދުރު ކޮޅަކުންނެވެ. ހިކި ކަދުރު ނެތިއްޔާ، ފެންފޮދެއް ހިއްޕަވައެވެ. (އައްތިރްމިޛީ)

ރޯދަ ވިއްލާ އިރު ދުޢާކުރުން:

ރޯދަވެރިޔާ ރޯދަވިއްލާއިރު ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަކުރައްވައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ:“ ހަމަކަށަވަރުން ރޯދަވެރިޔާއަށްޓަކައި އޭނާ ރޯދަ ވީއްލާއިރު ކުރާ ދުޢާ، ރައްދު ނުކުރުވޭ ހުއްޓެވެ.“ (އިބްން މާޖާ)


  • ރޯދަވިއްލާއިރު ކިޔުމަށް ވާރިދުވެގެން އައިސްފައިވާ ބައެއް ދުޢާ ތަކުގެ ތެރޭގައި:

(ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الأَجْرُ إِنْ شَاءَ اللهُ)

މާނައީ: ”ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތް ﷲ ގެ އިރާދަފުޅުން އަޖުރު ކަށަވަރުވެއްޖެއެވެ.“

(އަބޫދާވޫދް އަދި އައްނަސާއީ)

(اللَّهُمَّ لَكَ صُمْتُ ، وَعَلَى رِزْقِكَ أَفْطَرْتُ )

މާނައީ: ” އޭ ﷲ! އިބައިލާހަށްޓަކައި މިއަޅާ ރޯދަ ހިފައިފީމު، އަދި އިބަ އިލާހުގެ ރިޒްޤުން މިއަޅާ ރޯދަ ވީއްލަމެވެ.”

( އަބޫދާވޫދް)

ހާރުކާއިރު ކަދުރު ބޭނުން ކުރުން

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: “މުއުމިނު އަޅާގެ ހާރަކަށް ކަދުރުގެ މޮޅުކަމާއެވެ.“ ( އަބޫދާވޫދް)

ރަމަޟާންމަހުގެ ފަހު 10 ގެ ރޭތަކުގައި މި ދުޢާ ކިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވެވިއެވެ.

(اللَّهُمَّ إِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّي )

މާނައީ: ” އޭ ހައްދަވާ ބޮޑުކުރެއްވި ﷲ ، އިބަ ﷲ އީ ފާފަ ފުއްސަވާ އަދި ފާފަ ފުއްސެވުމަށް ލޯބި ވޮޑިގަންނަވާ ފަރާތެވެ. އެހެންކަމުން، މިއަޅާއަށް ފުއްސަވާފާދޭއެވެ. (އައްތިރްމިޛީ)


އެޑިޓަރުގެ ނޯޓް:

މިއީ އިލުމުޑޮޓްކޮމް އޮންލައިން ނޫހުން ނަގާފައިވާ އާޓިކަލް އެކެވެ. މި އާޓިކަލް ޕަބްލިޝްކޮށްފައި މިވަނީ އެއްވެސް އުނި އިތުރެއް ގެނައުމަކާނުލަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް