ރޯދަ ހިފަނީ ކީއްވެ؟
ރޯދަ ހިފަނީ ކީއްވެ؟
Share
ކޮންމެކަމެއްކުރާއިރުވެސް އެކަމެއްގެ މަޤްޞަދު ފާހަގަވެ އެނގެން އޮންނަނަމަ އެކަމެއްކުރަން ފަސޭހަވެއެވެ. އަދި އެއީ އެލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަސައްކަތްކުރުމަށް އިތުރު ބާރެއްލިބޭ ކަމެކެވެ. ރޯދައެއީ ތިބާގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ލަނޑުދަނޑިތައް ފާހަގަކުރުމަށް އެހީތެރިވެދޭ އަޅުކަމެކެވެ.
Advertisement

މިދަންނަވާފަދަ ސުވާލުތައް ތިބާގެ ނަސްފު ތިބާއާއި ކުރުން އެކަށީގެންވެއެވެ. ރޯދައަށް ހުންނައިރު ކެއިންބުއިމާއި އަނބިފިރިކަމުގެ ގުޅުން ހިންގުމުން ދުރުހެލިވެ ތިބެނީ ކީއްވެހެއްޔެވެ ؟ އެކަންތައްތަކަކީ އެހެންވަޤުތުތަކުގައި  ހުއްދަ ކަންތައްތަކެވެ. އަދި ރޯދައަށް ހުރުމުން ބަނޑުހައިވެ ފެންބޮވައި ވަރުބަލިވާއިރުވެސް އެކަންކަމުން ދުރުހެލިވެ ތިބުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ އަދި ތަފާތުވައްތަރުތަކުގެ މީރު ބުއިންތަކާއި ކެއުންތައް ތިބާގެ ލޮލުގެ ކުރިމަތީގައިވާއިރުވެސް އެއެއްޗެހީގެ ބޭނުންކުރުމަށް ޝައުޤުވެރިނުވަނީ ކީއްވެހެއްޔެވެ ؟އަދި ﷲ ތަޢާލާ އަހަރެމެންނަށް ރޯދަހިފަން އަމުރު ކުރެއްވީ ކީއްވެތޯއާއި އަދި ރަމަޟާންމަހުގެ ރޯދަފަރުޟު ކުރެއްވީ ކީއްވެތޯވެސް ސުވާލު ކޮށްފާނެއެވެ.

މިހުރިހާ ސުވާލެއްގެ ޖަވާބުގައި ދަންނަވަންޖެހެނީ ރޯދައަކީ އަޅުގަނޑުމެން ބަނޑުހައިހޫނުކޮށް ވަރުބަލި ކުރުމަށް ފަރުޟު ކުރެއްވި ކަމެއްނޫނެވެ. އެހެނީ ﷲ ތަޢާލާއީ އެންމެ އޯގާވަންތަ އިލާހެވެ. މައިމީހާ އޭނާގެ ތުއްތުދަރިފުޅަށް އޯގާތެރިވާ ވަރަށްވުރެބޮޑަށް ﷲ ތަޢަލާ އެކަލާނގެ އަޅުތަކުންނަށް އޯގާވަންތަވެރިއެވެ. ﷲ ތަޢާލާގެ ޥަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ. " މާތްﷲ ތިޔަބައިމީހުންނަށް ތަނަވަސް ފަސޭހަގޮތް އިރާދަކުރައްވައެވެ. ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަށް މެދުވެރިކުރައްވާކަށް އިރާދައެއް ނުކުރައްވައެވެ." (ސޫރަތުލް ބަޤަރާ 185)

އޭ ޢިއްޒަތްތެރި އަޚާއެވެ! ތިބާފަހަރެއްގައި ބުނުންއެކަށީގެންވެއެވެ. އަހަރެމެން ރޯދަހިފަނީ، އެކަމަކީ ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކަމަކަށްވާތީއެވެ. އަދި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އިޖާބަދިނުން އަހަރެމެންގެ މައްޗަށް ޥާޖިބުވެގެންވެއެވެ.

އާއެކެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ މުސްލިމް ކޮންމެފިރިހެނަކާއި އަންހެނެއްގެ މައްޗަށް ޥާޖިބު ކަމެކެވެ. އެއީ އެކަމުގެ ފައިދާއާއި ޙިކުމަތް އަޅުގަނޑުމެންނަށް ފާޅުވެއެނގެން ނެތްކަމެއްކަމުގައިވިޔަސްމެއެވެ. ފަހެ މާތްﷲ އަށް ބޯލަނބައި ކިޔަމަންގަތުން އަޅުގަނޑުމެންގެ މައްޗަށް ޥާޖިބުވެގެންވެއެވެ. އެހެނީ ހުރިހާ ހެޔޮކަމެއްވަނީ ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވި ކަންތައްތަކުގައެވެ.

ރޯދައިގެ މަޤްޞަދު:

ރޯދަ ފަރުޟުކުރެއްވުމުގައި ފައިދާއާއި މަތިވެރި މަޤްޞަދެއްވާކަން ކަށަވަރެވެ. ﷲ ތަޢާލާގެ ޥަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ" (ސޫރަތުލް ބަޤަރާ 183 )

ނޯޓު: މިލިޔުމަކީ 2005 އޮކްޓޫބަރުމަހުގެ " ދަރުމަ" މަޖައްލާއަށް އަނާރާ ނަޢީމް ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިއުމަށް އެއްވެސް އުނި އިތުރެއް ގެސްފައެއް ނުވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް