ads
ފަރިވެފަ، ފޮނިވެފަ ދިޔަޔަސް
ވާހަކަ: ފަރިވެފައި، ފޮނިވެފައި ދިޔަޔަސް
އެކިގޮތްގޮތުން އެކި ސިފަސިފައިގައި އެކި މީހުނަށް މީހުން އަބަދުވެސް ހަނގާގޮށް ގޯނާކޮށްއުޅެއެވެ. މި ހަޑި މުޑުދާރު، ދަށުތަރަޖައިގެ އަމަލު ކުރަނީ ގިނަފަހަރު އަނެކާގެ ހުންނަ އައިބު ނުވަތަ ތަފާތު ސިފައަކާއި ނުވަތަ ކަމަގާއި މެދުގައެވެ. އިސްކޮޅު ނުވަތަ ރޫފައާއި ހެދިއެވެ. މާދިގު ނުނީ މާކުރުވީމައެވެ. މާ ފަލަ ނޫހީ މާހިކިވީމައެވެ. ހަމުގެ ކުލަ ނުވަތަ ގުނަވަނެއްގެ ބައްޓާމާއި ހެދިއެވެ. މިޒާޖު ނޫނީ، ހުންނަ ނުކުޅެދުންތެރިކަމަކާއި ހެދިއެވެ. އަހަންނަށް ވީ މުޅިން އެހެން ގޮތެކެވެ. އެންމެ ކުޑައިރުން ފެށިގެން ހަނގާކުރުުމުގެ ޝިކާރައަށް އަހަރެންވީ އެފަދަ އެއްވެސް އައިބުކަމެއްނެތީމައެވެ. ތަފާތުކުރެވުނީ އާދަޔާ ޚިލާފަށް ރީތިވީމައެވެ.

އެއީ އަހަރެން ކުރާނެ ކަމެއްހެއްޔެވެ. އަހަރެން ފުރާވަރަށް އަރައިގެން އައިރު އެންމެ އުނދަގޫކަމަކަށް ވީ މިކަމެވެ. ސްކޫލުގައި އުޅޭ ގިނަ އަންހެން ކުދިން އަހަންނާއި މެދު ހަސަދަވެރިވެއެވެ. އެމީހުން ދެކެނީ އަހަންނަކީ އެމީހުންނަށް ހުރި ބިރެއް ނުވަތަ ހުރަހެއްކަމުގައެވެ. ފަސްފަހަތުގައާއި ކުރިމަތީގައިވެސް އެކި ނަންނަމުން ގޮވާ ހީ މަލާމާތްކޮށްހަދައެވެ. ގިނަ ފިރިހެން ކުދިން އެއާއި ތާފަތެވެ. އެމީހުން ދެކެނީ މުޅިން އެހެން ނަޒަރަކުންނެވެ. މުޅިރަށުގެ އެކި އުމުރުގެ ގިނަފިރިހެނުން އަހަންނާއި މެދު ދެކެނީ އެފަދަގޮތްގޮތަށެވެ. މަގުމަތިން ފޮށި ހަދައެވެ. ސަލާން ފޮނުވުމާއި އެކި ފިލްމްސްޓާރުންގެ ނަންނަމުން ގޮވުމާއި ލާނެތް ބަސްތަކުން އަހަރެން ލަދުގަންނުވާލުމަކީ އެއެންމެނަށް ލިބޭ އުފަލެއްކަހަލައެވެ. ރަށުގެ ގިނަމީހުން އަހަރެން ދަންނަނީ ވަނަމަކުންނެވެ. އެފަދަކަންކަމާއި ހެދި މަގުމައްޗައް ނުކުމެ އުޅުމަކީ އަހަރެން އެއްގޮތަކަށްވެސް ކުރާހިތްވާކަމެއްނޫނެވެ. ސްކޫލުން ގެއަށް ފިޔަވައި އެހެންތާކަށް ނުދަމެވެ. މާގިނަ ރައްޓެހިންނެއްނުތިބެއެވެ. ގޭތެރޭގައި ވެސް ކަންތައް އޮންނަނީ އެކަހަލަ ގޮަކަށެވެ. އަންހެން ކޮއްކޮ އާއި ދެބެންދެދަރި އަންހެން ކުދިން އަހަރެން ދެކެ ރުޅިއާދެއެވެ.

ބޮޑުވަމުން ދިޔަ ވަރަކަށް އަމިއްލަ ނަފްސަށް ކުރާ އިތުބާރު މަޑުމަޑުން ފަނޑުވަމުންދިޔައެވެ. އެކަހެރިކަމަށް ލޯބިކުރެވެއެވެ. މީހުުންދެކެ ފޫހިވެއެވެ. ގޭތެރޭގައި ވެސް ކިރިޔާކަމެއް ވިޔަސް އަވަސް އަހަވަށް ރުޅިއާދެވެއެވެ. ވަށައިގެން އުޅޭ މީހުން ކުރާ ހަނގާގެ ސަބަބުން އަހަރެންގެ ހިތަށް ތަދުވެއެވެ. ބައެއްފަހަރު ކެތްނުވާވަރަށެވެ. އެފަދަ ވަގުތު ތަކުގައި އެތަދު ކަނޑުވަނީ ޖިސްމާނީ ތަދަކުންނެވެ. އަމިއްލަ ނަފްސަށް ގެންލުންދޭން ފެށުނީ އެގޮތަށެވެ. ފުރާވަރު ނިމުންއިރު އަހަރެންގެ ދެއަތުގައި ލަކުނުނެތް އެންމެތަންކޮޅެއްވެސް ނެތެވެ. އުމުރުގެ އެހެންކުދިންނާއި ހިލާފަށް ލޯބިވެރިއަަކު ނުހުރެއެވެ.

 ކިޔަވާނިމި ވަޒީފާއަށް ދާންފެށުމުންވެސް އަހަރެންގެ ހަޔާތަށް ބަދަލުތަކެއް އަންނަންފެށިއެވެ. ދިރިއުޅުން މާލޭގެ ހަލަބޮލި މާހައުލަށް ބަދަލުވުމުން ރަށުގައި އަބަދު މީހުންދޭ ސަމާލުކަން ކުޑަވިއެވެ. ކަޅުހެދުންލާ ނިވާވީމެވެ. މަތީ ތައުލީމު ހާސިލް ކުރި ވަރަކަށް ހޭލުންތެރިކަން ވެސް އިތިރުވިއެވެ. ނަމަވެސް އަހަރެންގެ މިޒާޖަކަށް މާބޮޑުބަދަލެއް ނާދެއެވެ. މީހުނާއި ކުރިމަތިލާ އިސްނަގާ އުޅޭކަށް ނުކެރެއެވެ. އެކަނިވެރިކަމާއި އެކަހެރިކަމަށް ލޯބިކުރެވެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެން އޮފީސްނިންމާލާފައި ގެއަށް ދިއުމަށްޓަކާ ހިނގާފައި ދިޔައީ އަމީނީމަގުންނެވެ. ގަލޮޅު ހިސާބުން އަހަންނަށް މަގުމަތީގައި ހުއްޓެވުނީ އިވުނު އަޑެއްގެ ސަބަބުންނެވެ. ފްލެޓްގެ ފާރުމަތީގައި އިށީގެދެން ތިބި ޒުވާން ދެފިރިހެން ކުއްޖަކު ކުރިމަތިން ދިޔަ އަންހެން ކުއްޖަކާއި ދިމާކޮށް ފޮށި ބުނެލި އެއްޗަކުންނެވެ. އެވަރަކުން ނުނިމުނެވެ.  " ފަރިވެފަ ފޮނިވެފަ ދާތި ގޮވާ ހިތްވޭ.. ވަރަށް އަތްލާ ހިތްވޭ .." މިހެން ކިޔަމުން އެކުއްޖާގެ ފަަހަތުން އަޅުވާލިއެވެ.

އަހަރެންގެ ލޭކެކިގެން ދިޔައެވެ. އަވަސް ފިޔަވަޅުގައި ގޮސް އެމީހުނާއި އަރާހަމަކޮށްލީމެވެ. އެއިރު އަންނަށް އަންހެންކުއްޖާ ހުރީ ހާސްވެފައެވެ. ދެފިރިހެން ކުދިންގެތެރެއިން އެކަކު އަންހެންކުއްޖާގެ އިސްތަށިގަނޑުގައި އަތްލާން އުޅުނެވެ. އަހަރެން ބަލާކަށް ނުހުރެ އެދޭތެރެއަށް އަތްދަބަސް ހުރަސްކޮށްލީމެވެ. އެވަގުތު އެތިންމީހުން ވެސް ހުއްޓުނެވެ. އަހަރެން ހުރީ ދަތްކުޑިވިކިވިކިއެވެ.

" ކަލޭމެން ނުޖެހޭ އޭނައާ ފޮށޭކަށް، އަދި އެބަކިޔައެއްނު އަތްލާ ހިތްވެއޭ.. ކޮބާތަ ލަދު! ބުންނަން ވާހަކައެއް .. ކޮންމެ ގޮތަކަށް ހެދުން އަޅާފަހަހުއްޓަސް، ކޮންމެ ސިފައެއްގަ ހުއްޓަސް އެއްވެސް މީހަކާ ތިގޮތަށް ދިމައެއްނުކުރެވޭނެ، އެހެރީ ފުލުސް އޮފީހެއް، ހަމަ މިވަގުތު ރިޕޯޓުކުރާނަން. ކަލޭމެންނަށް ކީކޭތަ ހީވަނީ، ރީތިކޮންމެ އަންހެންކުއްޖަކީ ، ސިޓީއުރައަށް ލައިގެން ކަލޭމެނަށް ދައުވަތު ފޮނުވަމުން ދާ ކުއްޖެކޭތަ ހީވަނީ؟ ބަލަ އެމީހުން ރީތިވަނީ އެމީހުންގެ އުފަލަށްޓަކާ، ކަލޭމެނަށް ތިއްތިދެއްކޭކަށްނޫން.. ކަލޭމެންލައްވާ ފޮށޭކަށްނޫން .. އެނގޭތަ ކިހާ އުނދަގޫވާ ކިހާ ބިރުވެރިކަމެއްކަން ތީ؟ ކަލޭގެ މަންމަ ނޫނީ ދައްތަ ނޫނީ  އަންހެން ކޮއްކޮ ނޫނީ އަމިއްލަ ދަރިއަކާ މީހަކު ތިގޮތަށް ދިމާކޮށް ފޮށުނީމަ ކަލޭމެންނަށް ކުރެވޭނީ ކޮންކަހަލަ އިހުސާސެއް . އެނގޭތެ މީހެއްގެ މުޅި ދިރިއުޅުން ތޮގޮތަށް ހަލާކުކޮއްލެވިދާނެކަން .. "

އެކުދިން ތިބީ ބުނާނެ އެއްޗެއްނޭގި އިސްޖަހައިގެންނެވެ. އަހަރެން ހިތުގަ ހުރި ހުރިހާއެއްޗެއް ކިޔާލީމެވެ. ދުވަހަކުވެސް މީހަކާ އެފަދަގޮތަކަށް މުޚާތަބު ކުރި މީހަކަށް ނުވާ އިރު އެހިތްވަރު އައީ ކޮންތާކުން ކަމެއްވެސް ނޭނގުނެވެ. އަންހެންކުއްޖާ ޝުކުރުގެ ނަޒަރަކުން ބަލާލާފައި ހިނިތުންވެހުރެ ދިޔަައެވެ. ދެފިރިހެން ކުދިން ދެންވެސް ތިބީ ތިބިގޮތަށެވެ.

" މީގެ ފަހުން ވެސް އެއްވެސް މީހަކަށް ތިގޮތަށް ނުބެހެން ހަނދާން ބަހައްޓާތި !  ކިތަންމެ ފަރިވެފަ ފޮނިވެފަ ދިޔަޔަސް ، ފޮށޭކަށް ނުޖެހޭ .."

އެދުވަހަށް ފަހު އަހަންނަށް ހިތްވަރެއް ލިބުނެވެ. އަހަންނަށް ވީގޮތަށް އެހެން އެއްވެސް ކުއްޖަކަށް ވާން ނޭދޭތީއެވެ. މަގުމަތިން ފޮށޭމީހުނާއި ދެކޮޅަށް ސޯޝަލް މީޑީއާގައި ކެމްޕެއިންއެއް ފެށީމެވެ. އަހަރެން ކަހަލަ އެތައް ކުދިންނަކާ ދިމާވިއެވެ. މިކަންމާބޮޑުކަމަށް ނުހަދާ ތިބި އެތައްބައެއްގެ ސަމާލުކަމަށް އެކަން އައެވެ. މަގުމަތިން ބަޔަކު އެފަދަ ގޮތަކަށް އުނދަގޫ ކުރާތަން ފެނިއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އާންމުން ހޭލުންތެރިވިއެވެ.  – ނިމުނީ - 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް