ads
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް
މިނިސްޓްރީގެ މެންޑޭޓު ނޭނގުމުން މަހުލޫފް ހޫނުފެނަށް!
ރިހެބް ސެންޓަރުތަކާ ވޮކޭޝަނަލް ޓްރެއިނިންގް އަކީ ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގެ މެންޑޭޓުގައިވާ ކަމެއް ނޫން ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމުން، ގިނަ ބަޔަކު މަހުލޫފަށް ފާޑު ކިޔަން ފަށައިފި އެވެ.

މިނިސްޓަރު މަހުލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓްރީއަށް ރިހެބް، ވޮކޭޝަނަލް ޓްރެއިނިންގް އަދި އާޓް ސެންޓަރުގެ މަސައްކަތް ނުކުރެވެނީ އެއީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންކަމަށް ނުވާތީ ކަމަށެވެ. 

އެގޮތުން އެދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، މިނިސްޓްރީގެ މެންޑޭޓުގެ ދަށުން، ރަށްރަށުގައި ކުޅިވަރު ފެސިލިޓީތަކާއި ޔޫތު ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޓުވިޓާއި ގުޅިގެން، އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު މަހުލޫފް ވަނީ މިކަންކަން ހިމެނެނީ ކޮންކޮން މިނިސްޓްރީ ތަކެއްގެ މެންޑޭޓުގައިކަން ކިޔައިދީފައެވެ. 

އެގޮތުން ރިހެބް އެއީ ޖެންޑާ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި، ވޮކޭޝަނަލް ޓްރެއިނިންގް އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް، އަދި އާޓްސް އަކީ ހެރިޓޭޖް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއާއެކު ގިނަ އާންމުނެއް ވަނީ މިނިސްޓަރު މަހުލޫފަށް އަމިއްލަ މިނިސްޓްރީގެ މެންޑޭޓުގައި ހިނގާ ކަންކަން ނޭނގޭ ކަމަށް ބުނެ މިނިސްޓަރަށް ފާޑުކިޔާފައެވެ. އަދި ކޮމިއުނިޓީ އެމްޕަވަމަންޓުގެ ދަށުން ކުރާ މަސައްކަތަކީ ކޮބާތޯގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ މިނިސްޓްރީގެ މެންޑޭޓު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 

ގައިމުވެސް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ހަމައެކަނި ކަމަކީ ރަށްރަށުގައި ފުޓުބޯޅަ ދަނޑު އެޅުމެއް ނޫނެވެ. 

މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން، މަސްތުވާތަކެއްޗާއި، އެހެނިހެން ނޭދެވޭ އިޖުތިމާއީ ބަލިތަކުން ދުރުހެލިކުރުވައި، ޒުވާނުންގެ ކިބައިގައި ގައުމީ ރޫހާއި މުޖުތަމައުގެ މަސްލަހަތު ކުރިއެރުވުމުގެ ސަގާފަތު އަށަގަންނުވައި ހަރުދަނާކުރުމަށް ބޭނުންވާ ޕްރޮގްރާމުތައް ރާވައި ހިންގުމަކީ ގައިމު ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. 

ނެޝަނަލް ޑްރަގް އޭޖެންސީއަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ތަނަކަށް ވީނަމަވެސް، މަސްތުވާތަކެއްޗައް ހުށަހެޅިފައިވާ ޒުވާނުން، އެ ވަބާއިން ސަލާމަތް ކުރުމުގެ މަސައްކަތްތަކެއް ޔޫތު މިނިސްޓްރީގެ މެންޑޭޓުގައިވެސް އެބަ ހިމެނެއެވެ. މިހާލަތުގައި ރިހެބްގެ ކަންކަމަކީ ހަމައެކަނި ޖެންޑާ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމަށް ބުނެ ފަރު ޖައްސާލެވޭކަށް ނެތެވެ. ޒުވާނުންގެ ރައްކާތެރިކަމަށް، މުޖުތަމައުގެ ކުރިއެރުމަށް ދެ މިނިސްޓްރީ ގުޅިގެންވެސް މަސައްކަތް ކުރެވޭނެކަން ކަށަވަރެވެ.

ދެން އޮތީ ވޮކޭޝަނަލް ޓްރެއިނިންގެ ވާހަކައެވެ. ޒުވާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގައި ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދިނުމާއި، ސްކޫލް ދައުރުނިމި މުޖުތަމައުއަށް ނިކުންނަ ކުދިންނަށާއި، ހިޔާރު ކުރާނެ މަސައްކަތުގެ ދާއިރާ ކަނޑައަޅާފައި ނެތް ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވައި، އެމީހުންނަކީ މަސައްކަތްތެރި، މުޖުތަމައުއަށް ބޭނުން ހިފޭނެ ބަޔަކަށް ހެދުމަށް ބޭނުންވާ ޕްރޮގްރާމުތައް ރާވައި ހިންގުމާއި އެފަދަ ޕްރޮގްރާމުތައް ރާވާ ހިންގާ ފަރާތްތަކަށް އެހީތެރިވުމަކީ ގައިމުވެސް ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި ހިނެމޭ ކަމެކެވެ.

ރާއްޖޭގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގް ނިޒާމެއް ގާއިމުކޮށް، އެ ނިޒާމު ތަރައްގީކޮށް، މި ނިޒާމަށް ބޭނުންވާ ސިޔާސަތުތައް އެކަށެއެޅުން އެއީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމާއި، ހިންގާ ފަރާތްތަކަށް އެހީވުން ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭކަން މިިނިސްޓަރަށް ނޭނގުމަކީ ކަންބޮޑުވާ ކަމެކެވެ. 

ޒުވާނުންނާއި ގުޅޭ ކޮންމެ ކަމެއް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގެ މެންޑޭޓަށް އަންނާނެ އެވެ. އެކަމަކާ ގުޅޭކަމަކީ އެހެން މިނިސްޓްރީއެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަމަށް ބުނެ، އެފަދަ ކަންކަން ދޫކޮށްލުމުގެ ބަދަލުގައި، އެހެން މިނިސްޓްރީތަކާ ގުޅިގެން ޒުވާނުންނާއި، ކޮމިއުނިޓީ އެމްޕަވަމަންޓަށް އެމިނިސްޓްރީން މަސައްކަތް ކުރަން ޖެހެއެވެ. ގައިމުވެސް އެއީ ހަމައެކަނި ކުޅިވަރުގެ ކަންކަމަށް އޮތް މިނިސްޓްރީއެއް ނޫނެވެ.

އާންމު ރައްޔިތުން އެ ދައްކަނީ އެވާހަކައެވެ. މިނިސްޓަރު މަހުލޫފުގެ އިސްތިއުފާއަށް ގޮވާ، މިނިސްޓަރަށް، މިނިސްޓްރީގެ މެންޑޭޓު ނެނގޭކަމަށް އެބުނަނީ މިހެންވެއެވެ. ރައްޔިތުން އެކިޔަނީ، ޔޫތު މިނިސްޓްރީއަކީ ހަމައެކަނި ފުޓުބޯޅަ އަށް ހާއްސަ މިނިސްޓްރީއެއް، ނުވަތަ ކުޅިވަރަށް ހާއްސަ މިިނިސްޓްރީއެއް ނޫން ކަމަށެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ މިހާތަނަށް މަސައްކަތް ހުރިގޮތުން ހީވަނީ އެއީ ހަމައެކަނި ކުޅިވަރަށް ހާއްސަ މިނިސްޓްރީއެއް ހެން ކަމަށެވެ. 

ރައްޔިތުން އެ ކިޔަނީ، މިނިސްޓަރަށް މިނިސްޓްރީގެ މެންޑޭޓު ނޭނގުމަކީ ލަދުވެތި ކަމެއްކަމަށެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް