ads
ދިވެހިރާއްޖޭގެ ހައިކޯޓު-
32 ދުވަސް ހައި ކޯޓު ސްޕީޑް! މިއީ އިންސާފު؟
ރާއްޖޭގެ އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކަށް ވެގެންދާނީ އިންސާފުގެ ވާހަކައެވެެ. ކުށްވެރިންނަށް ހައްގު އަދަބު ނުލިބުމާއި، ވިކްޓިމް އަށް އިންސާފު ނުލިބޭ ވާހަކައެެވެ. ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުން ދިގުދެމިގެންދާ ވާހަކައެވެ.

ކޮރަޕްޝަނާއި ރޭޕް ކޭސްތަށްވެސް އިންތިހާއަށް އިތުރުވެފައިވާއިރު، މައްސަލަތަށް ނުބެލި ދިގު ދަންމަމުން ދިޔުމުގެ ނަތީޖާއަކަށް ގިނަފަހަރު ވަނީ އިންސާފު ނުލިބުމެވެ. ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުން ލަސްވެގެން މިއުޅެނީ މައްސަލަ ރަޖިސްޓްރީ ނުކޮށްލެވިގެންނޭ ބުނެފި ނަަމަ ގިނަ މީހުންގެ ކައިރިއަށް  އަންނާނީ ރުޅި ކަންނޭނގެއެވެ.

ނަމަވެސް ކަން ހުރީ މިހެންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލައެއް ރަޖިސްޓްރީ ކުރުމަށް އެވަރެޖްކޮށް ބައްތިރީސް ދުވަސް ނަގައެވެ. މިއީ އެކަށީގެންވާ މުއްދަތަށްވުރެ ގިނަ ދުވަސްކަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ވަނީ ފާހަގަކޮށްފައެވެ.

އިންސާފު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން ރަޖިސްޓްރާއާ ހިސާބުން މައްސަލަ "ސްޓަކް"ވެފައި މަހަކަށް ވުރެ ގިނަ ދުވަސް ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މި ވަގުތުވެސް ގޮތެއް ނުނިމި 86 މައްސަލަ ހައިކޯޓުގެ ރެޖިސްޓްރާގެ އަތުގައި އެބައޮތެވެ. މިކަމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ސުވާލުކުރުމުން ހައިކޯޓުން ބުނީ މައްސަލަތައް ލަސްވަނީ މުވައްޒަފުން މަދުވުމުގެ ސަބަބުން ކަމަށެވެ. އަދި ބައެއް ފަހަރު ވަގުތީ އަމުރެއް މައްސަލައިގައި ހިމެނޭކަން ނޭނގިގެންވެސް މައްސަލަ ލަސްވެފައި ހުންނާނެ ކަމަށް ހައިކޯޓުން އެ ކޮމިޓީގައި ބުނެފައިވެއެވެ. 

ހައިކޯޓުގެ ރެޖިސްޓްރޭޝަނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް އަންނަނީ ބަލަމުންނެވެ. މިކަމާ ގުޅިގެން ޖޭއެސްސީން ހޯދަމުން އަންނަ މައުލޫމާތުތަކުގެ ތެރޭގައި ހައިކޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާގައި މައްސަލަތައް ފުނި ޖެހި، މައްސަލަތައް ލަސްވަމުން އަންނަ ސަބަބު ހިމެނެއެވެ.

މުވައްޒަފުންގެ މައްސަލަ އަކީ ހައްލު ކުރެވިދާނެ މައްސަލައެކެވެ. މުވައްޒަފުން ނެގިދާނެއެވެ. ލޯކަލް ކައުންސިލްތަކުގެ މުސާރަތަށް ބޮޑުކޮށްފައިވާއިރު، އަދުލު އިންސާފު ގާއިމުކުރުން ލަސްވަމުންދަނީ ކޯޓުގައި މުވައްޒަފުން ނެތިގެން ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން، ވަގުތީ އަމުރެއް މައްސަލައިގައި ހިމެނޭކަން ނޭނގިގެން މައްސަލަ ލަސްވެފައި ހުރުމަކީ ފަރުވާކުޑަވުމެވެ. މިކަންކަން ހައްލުކުރުމަށް ހައިކޯޓުން އެއްވެސް ފިޔަވަޅެއް އަޅާތޯ ބެލުމަށް ސީއެންއެމް އިން ހައި ކޯޓުގެ މީޑިއާ އޮފިސަރާ ސުވާލު ކުރުމުން ވިދާޅުވީ އެކަމާ ގުޅިގެން އިތުރު ވާހަކައެއް ނެތް ކަމަށެވެ.

މި ދައްކަނީ އިންސާފުގެ ވާހަކައެވެ. މީހުންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއްގެ ވާހަަކައެވެ. އަސާސީ ހައްގެކެވެ. ހާއްސަކޮށް ޖިންސީ ގޯނާނެ މައްސަލަތަކުގައި އިންސާފު ނުލިބި އާންމުން ތިބީ ކަންބޮޑުވެ، ގޮތް ހުސްވެފައެވެ.

އިނގިރޭސި ބަހުން ބުނާ ނަމަ "ޖަސްޓިސް ޑިލޭއިޑް، އިޒް ޖަސްޓިސް ޑިނައިޑް" ނުވަތަ އިންސާފް ލަސްވުން އެއީ އިންސާފު ނުލިބުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް