ads
ރީކޯ މޫސާ މަނިކު----ފޮޓޯ: މޯލްޑިވްސް ޓައިމްސް
ރިޔާސީ ހާލީގައި ބަރުލަމާނީ ބިހެއް ފީއެއްނުކުރެވޭނެ: ރީކޯ
ރިޔާސީ ހާލީގަ ބަރުލަމާނީ ބިހެއް ފީއެއްނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީއަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ފާޑު ވިދާޅުވެއްޖެއެވެ.

ދެހާސް ހަވަނަ އަހަރު މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނަމުގައި އޭރުގެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ބެއްވި "މޭޑޭ މުޒާހަރާ" އަށް މިއަދު 15 އަހަރު ފުރިގެންދިޔުމުން އެދުވަހުގެ ހަނދާންތައް އާކުރަމުން ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ޗެއާ ޕާސަންއެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވާ ރީކޯ ބުނީ، 2006ވަނަ އަހަރުގެ މޭޑޭ މުޒާހަރާ އަކީ 30 އަހަރުގެ ހުދުމުހްތާރުވެރިކަން ސިއްސުވާލި ފުރަތަމަ މަގުމަތީ މުޒަހަރާ ކަމަށެވެ. 

އަދި އެއީ މުޒާހަރާތަކުގެ ފެށުމެއްކަން ފާހަގަކުރައްވަމުން ރީކޯ ވިދާޅުވީ، "ހުރިހާ ބުރަޔަކާ ނާމާންކަމެއްގާ ޕާޓީ ނަގާކޮޅައްޖެހި ހިދުމަތްތެރިން މިއަދު ގެއްލުވާލިއަސް މާޒީއެއް ނުފޮހެވޭނެ" ކަމަށެވެ.

 


މީގެ އިތުރުން ރީކޯވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ދައްކަވަން ފެއްޓެވި ބަރުލަމާނީ ނިޒާމުގެ ވާހަކައާއި ވެރިކަން އެ ނިޒާމަށް ފޮރޮޅާލުމަށް މަސައްކަތް ކުރައްވާ ކުރެއްވުމަށް އިޝާރާތްކުރައްވާ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން "ރިޔާސީހާލީގައި ބަރުލަމާނީ ބިހެއް ފީއެއްނުކުރެވޭނެ" ކަަމަށް ރީކޯ ވިދާޅުވިއެވެ. 

ސީއެންއެމްއާއި ވާހަކަދައްކަވަމުން ރީކޯ ވިދާޅުވީ އެމްޑީޕީން އޭރުކުރި ބުރަ މަސައްކަތުން ބާރުތައް ވަކިވެފައިވާ ނިޒާމެއް ރާއްޖޭގައި މިހާރު ގާއިމު ކުރެވިފައިވާއިރު ކުއްލިއަކަށް އައިސް ނިޒާމު ބަދަލުކުރަން ވާހަަކަދެއްކެވިޔަސް އެކަން ނުވާނެ ކަމަށެވެ.

ދެހާސްހަވަނަ އަހަރު ބޭއްވުނު "މޭޑޭ މުޒާހަރާ"އަކީ އެންމެ ފުރަތަމަ ރާއްޖޭގައި ބަޔަކު އެއްވެގެން ކުރެވުނު ފުރަތަމަ ސިޔާސީ މުޒާހަރާއެވެ. އެ މުޒާހަރާ ރާވާ ލީޑުކޮށްފައިވަނީ އޭރު ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވަމުންދިޔަ ރީކޯ އެވެ. ރީކޯ ލީޑުގައި ހުންނަވާ އެ މުޒާހަރާ ފަށާވަނީ ސޯޝަލް ސެންޓަރު ކުރިމަތިން ގާގަތްގަނޑަކަށް 03:00 ހާއިރުއެވެ. ހަމަނުޖެހުމެއް ނުހިގާ އެ މުޒާހަރާ ސިފައިން ހުއްޓުވާފައިވަނީ ބޭންކު އޮފް މޯލްޑުވްސް ކުރިމަތިންނެވެ. އެހާތަނުން ގާތްގަނޑަަކަށް ރޭގަނޑު 07:00 ހާއިރު މުޒާހަރާ ވަނީ ހުއްޓާލާފައެވެ. 

މިމުޒާހަރާގެ ހަދާންތައް އާކޮށް ރީކޯ ޓްވީޓުކުރައްވާފައި މިވަނީ އެމްޑީޕީ ފެށުނީންސުރެ ޕާޓީގެ ކަންކަމުގައި އުޅުއްވާ ބޭފުޅަކީ އަދި ޕާޓީއާއިމެދު އަބަދުވެސް ވިސްނަވާ ބޭފުޅަކީ ރައީސް ނަޝީދުކަމަށް އެމަނިކުފާނު ވިދާޅުވަމުންދާތީ އެކަމަށް ރައްދުދެއްވައެވެ. ޕާޓީ ފަށައިގަނެ ޕާޓީއަށް ބާރުވެރިކަން ހޯދުމަށް 2006ވަނަ އަހަރު އެމްޑީޕީން މިފަދަ މުޒާހަރާތައް ކޮށް ނުރައްކަލުގެ ތެރެއަށް ހުށަހެޅުނުއިރު ރައީސް ނަޝީދު ހުންނެވީ ކޮންތާކުތޯ ރީކޯ ވަނީ ސުވާލު އުފައްދާފައެވެ. އަދި އޭރު ޕާޓީ ނެގެހެއްޓުމަށްޓަކައި މަސައްކަތްކުރެއްވި ބޭފުޅުން ޕާޓީން ދުރުކޮށްލިޔަސް މާޒީ ނުފޮހެވޭނެ ކަމަށް ރީކޯ ވިދާޅުވެއެވެ. 

އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އެންމެ ފުރަތަމަ ގާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ. އެގޮތުން އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގާއިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ހަރަކާތްތެރިކަން ގެނުވައި، އިސްލާހީ ބަދަލުތައް ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުގެ މައްޗަށް އެމްޑީޕީއަށް ނުފޫޒުފޯރުވުނެވެ.

ޖެނުވަރީ 2005 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ގާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ގާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އަދި ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ދޫނުދީ، އެކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީގެ އޮފީހުން ނުނިކުމެ، ސުލްޙަވެރިކަމާއެކު އިށީނދެތިބުމުގެ ނަތީޖާއެއްގެ ގޮތުން، 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް