ads
ބައްސާމްއާއި މަހްލޫފު
އަނެއްކާވެސް އޭއެފްސީން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު
އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ނުބާއްވައިފިނަމަ އޭއެފްސީން އަނެއްކާވެސް ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިޝާރާތެއް ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފު އަނެއްކާވެސް ދެއްވައިފިއެވެ. މަހުލޫފު މިގޮތަށް އިޝާރާތް ކުރެއްވީ، ކޮވިޑުގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް އޭއެފްސީ ކަޕުގެ މެޗުތަކެއް މާލޭގައި ކުޅެން ތައްޔާރުވަމުންދާތީ އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަދި ރާއްޖޭގައިވެސް ކޮންމެ ދުވަހަކު ރިކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެންމަތިވެފައިވަނިކޮށް އިންޑިއާގެ ކުލަބުތައް ހިމަނައިގެން އޭއެފްސީ ކަޕުގެ މެޗުތައް މާލޭގައި އަންނަ ހަފުތާގައި ފަށަން ސަރުކާރުން ނިންމާފައިވަނީ ޚާއްސަ ހުއްދައެއް ދީގެންނެވެ. މި ކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަޑު އުފުލަމުން އަންނަނިކޮށް ސަރުކާރުގެ ނިންމުން ދިފާއު ކުރައްވަން އެފްއޭއެމްގެ ރައީސްއާ އެކު ނުކުންނެވީ ކުޅިވަރު ވަޒީރު މަހުލޫފުއެވެ.

ބުދަ ދުވަހު މެންދުރު ރަސްމީ ބޯޅަ ދަނޑުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަހުލޫފު ވިދާޅުވީ ރާއްޖޭން އޭއެފްސީ ކަޕުގެ މެޗުތައް ނުބާއްވައިފިނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑް ކުރުން ކަހަލަ ކަމެއް ދިމާވެދާނެ ކަމަށެވެ.

މިކަން ނުކޮށްފިކަމަށްވާނަމަ، އަޅުގަނޑުމެންނަށް ބައިވެރި ނުވެވިއްޖެ ކަމަށްވާނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑް ކުރުން ކަހަލަ ނޫން ނަމަ ހަމަގައިމުވެސް ރާއްޖޭގެ މި ކުލަބުތަކަށް ދެން އެ ފުރުސަތު ގެއްލުން ކަހަލަ ކަންކަންވުމުގެ ފުރުސަތު ވަރަށް ބޮޑު.

މަހުލޫފު މިހެން ވިދާޅުވި ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން ބައެއް އެހެން ގައުމުތަކުގެ ކުލަބުތައް މުބާރާތުން ވަކިވާންވެސް އޭއެފްސީންވަނީ ފުރުސަތު ދީފައެވެ. މި ގޮތުން ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީވެސްވަނީ މުބާރާތުން ވަކިވެފައެވެ. އަދި މީގެ އިތުރުން އޮމާންގެ ބައެއް ކުލަބުތަކާ އަދި އެހެން ބައެއް ކުލަބުތައްވެސް އޭއެފްސީ ކަޕުން އަދި އޭއެފްސީ ޗެމްޕިއަންސް ލީގުންވެސް ވަކިވެފައިވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ކުލަބަކަށް އަދި އެއިން ކުލަބެއް ނިސްބަތްވާ މެންބަރު ގައުމަކަށްވެސް އޭއެފްސީގެ އެއްވެސް އަދަބެއްވެސް އިންޒާރެއްވެސް ނުދެއެވެ.

މީގެ އިތުރުން ރާއްޖެއާ އެއް ދުވަހެއްގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ތައްޔާރުވެފައިވާ ހޮންކޮންގއިން އެ ގައުމުގެ އެފްއޭއިން އެދިގެން ގްރޫޕް ސްޓޭޖުގެ މެޗުތައްވަނީ އަންނަ މަހަށް ފަސްކޮށްދީފައެވެ. މިއިން ކޮންމެ ކަމެއްގައިވެސް އޭއެފްސީގެ ފުރިހަމަ އެއްބާރުލުން ދީފައިވާއިރު ރާއްޖޭގައި އަންނަ ހަފުތާގައި ކުޅެން އޮތް މެޗުތައް ފަސް ކުރުމަކުން ނުވަތަ ކެންސަލް ކުރުމަކުން ނުވަތަ ހާލަތައް ރިއާޔަތްކޮށް ރާއްޖޭގެ ކުލަބުތަކުން މުބާރާތުން ވަކިވިޔަސް އޭއެފްސީން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެއެވެ.

އޭއެފްސީގެ މެޗުތައް ރާއްޖޭގައި ނުބާއްވާފައިނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު މަހްލޫފު ދެއްވާފައިވާއިރު، މީގެ ކުރިން ރާއްޖޭގެ ކުލަބުތައް އެފްއޭއެމްގެ އިހުމާލުން އޭއެފްސީ ކަޕުން ފުރުސަތު ނުލިބިވެސް ހިނގައްޖެއެވެ.

ދެހާސް ނަވާރަވަނަ އަހަރު އެކަން އެގޮތަށް ދިމާވީ އެފްއޭއެމުގެ އިހުލާމުން ދިވެހި ކުލަބުތައް އޭއެފްސީގެ ކްލަބް ލައިސަންސިން އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރަޖިސްޓްރީ ނުވެވުމުންނެވެ. އޭރު އެގޮތަށް އެކަން ދިމާވުމުން މަހްލޫފު ވަނީ ފެކްޓް ފައިންޑިން ކޮމިޓީއެއް އުފައްދަވައި، ދިވެހި ކްލަބުތަކަށް އޭއެފްސީން ފުރުސަތު ނުލިބެން ދިމާވި ގޮތް ބަލަން މަސައްކަތް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް