ads
އަލީ ވަހީދު--
އަލީވަހީދު ހޯދަން ފަސޭހަ ވާނީ ކޯޓު އަމުރު ބާތިލްކޮށްގެން: ދައުލަތް
އަލީވަހީދު ހުރިތަނެއް ހޯދަން ފަސޭހަ ވާނީ ޕާސްޕޯޓު ދޫކުރުމަށް ކޯޓުން ކުރި އަމުރު ބާތިލުކުރުމުން ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

ދައުލަތުން މިހެން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދު އުޅޭތަނެއް ދައުލަތަށް ސާފުކޮށްދެވި ނުވާތީ ދައުވާ ފޯމު ބާތިލްކުރުމުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު އިޖުރާއީ ގޮތުން ބޭއްވި އަޑުއެހުމުގަ އެވެ.

އެ އަޑުއެހުމުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލުކުރުމް  ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ބާތިލްކޮށްފި ނަމަ އަލީ ވަހީދު މިހާރު ހުރި ތަނެއް އިންޓަޕޮލް މެދުވެރިކޮށް ހޯދައި އޭނާ ގެންނަން ކުރަންޖެހޭ މަސައްކަތަށް ފަސޭހަވާނެ ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު، އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ވެސް ކުރިއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. 

ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތްކަމަށް ވެސް ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓުގައި ބުނެފައެވެ. 

މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެއެވެ. ގޮތެއް ނިންމުމަށް ފަހު ދައުލަތާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ކޯޓުގެ ވެބްސައިޓުގައި ވެސް ހާމަކުރާނެއެވެ. 

އަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ

2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ

3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.

5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.

6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ، އެވެ.

އަލީ ވަހީދުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް އެ މައްސަލަތައް ފޮނުވުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބުނެފައިވަނީ، ޕީޖީ އޮފީހުން މި މައްސަލައާ ގުޅޭ ދަޢުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، ނިމުނު 2020 ވަނަ އަހަރުގެ 18 ނޮވެމްބަރުގައި ކަމަށެވެ.

މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންގެ ފަރާތުން ފޮނުވާފައިވަނީ ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އަލީ ވަހީދު މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ބަޔާން ފުލުހުންނަށް ދިނުމަށްފަހު ބޭރަށް ނުކުމެވަޑައިގެން އަލީ ވަހީދު މީޑިއާ ބައްދަލުކޮށް ވިދާޅުވެފައިވަނީ، ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށާއި، މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. މައްސަލައިގެ ތަހުގީގު ނިމުމުން ރައްޔިތުންނަށް ހަގީގަތް ހާމަވެގެން ދާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުއަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް އެ މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް