ads
ފުލުހުން އާއްމުކުރި ވީޑިއޯގެ މަންޒަރެއް ފޮޓޯ:---
ބޮން ގޮއްވާލިއިރުގެ ވީޑިއޯއިން ފެންނަ މި ޒުވާނާއަށް ތައުރީފް ހައްގު
ބިރުވެރި ހާދިސާއެއް ދިމާވުމުން، ކުއްލިއަކަށް ލިބޭ ޝޮކުގައި ތިމާގެ ފުރާނަ ސަލާމަތް ކުރަން އަވަސްވެގަތުމީ އިންސާނީ ތޮބިއްޔަތުގައި ލައްވާފައިވާ ކަމެކެވެ. މިކަހަލަ ދަނޑިވަޅެއްގައި ތިމާއަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި އެހެން މީހުންނަށް އެހީވުމަށް އަވަސްވެގަތުމުގެ ހިތްވަރު ހުންނަ މީހުން އެއީ ވަަރަށް މަދު، އަދި ނުހުނު ތައުރީފް ހައްގު ބަޔަކެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާގެ ސީސީޓީވީ ފުޓޭޖުން ފެނިގެންދަނީ އެފަދަ ޒުވާނެކެވެ. ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދުން ސައިކަލުގައި ދަތުރުކުރަމުން ދިޔަ އެ ޒުވާނާ، ބޮން ގޮވުމާއިއެކު އަވަސްވެގަތީ ހަމަލާގައި ޒަހަމްވި މީހުންނަށް އެހީވުމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ހާދިސާ ހިނގުމާއިއެކު ގިނަ ބަޔަކު ދުއްވައިގަތީ ބޮންގޮއްވާލި ސަރަހައްދާއި ދުރަށެވެ. ނަމަވެސް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަޅު ޓީޝާޓެއް ލައިގެން ހުުރި އެ ޒުވާނާ ވަނީ ކޮނޑުގައި އޮތް ފެހިކުލައިގެ ދަބަސް ނަގާ، މަގުގެ އެއްފަރާތަކަށް ހޫރާލާފައެވެ. އަދި ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު އަނިޔާވި މީހެއްގެ ފައިގައި އޮޅާ، ލޭމަނާ ކުރުމަށް އެހީތެރިވާން ފަށާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާގައި އެ ޒުވާނާއަށް ވެސް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައެެވެ. އެގޮތުން އޭނާ ކަނާއަތް ފަރާތުގެ ކަންފަތްމަތީ އަތްއަޅައިގެން ގޮސް މަގުގެ އެއް ފަރާތެއްގައި އިށީންނަތަން ފެނެއެވެ. 

މި ވިޑީއޯގައި ފެންނަ ޒުވާނާގެ އިތުރުން އެވަގުތު އެތަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސް.ޕީ.ޖީ) އޮފިސަރުންގެ ހިތްވަރު ވެސް ފާހަނގަކޮށްލަން ޖެހެއެވެ. އެސްޕީޖީގެ ތިން އޮފިސަރުން އަނިޔާވެފައި ތިބި ހާލުވެސް ބެލީ ވީއެންމެ އަވަހަކަށް ކާރަށް އަރުވާ، ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވޭތޯ އެކެވެ. އެމްއެންޑީއެފްއިން ހާދިސާއާ ގުޅިގެން ބޭއްވި ޕްރެސްގައި އެސްޕީޖީ އޮފިސަރުންނަށް ތައުރީފު ކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް، އަބްދުﷲ ޝަމާލް ވިދާޅުވީ، އެސްޕީޖީ އޮފިސަރުންގެ ހުށިޔާރު ކަމުގެ ސަބަބުން ރައީސް ނަޝީދު 6 ވަރަކަށް މިނެޓު ތެރޭގައި އޭޑީކޭއަށް ގެންގޮސް ފަރުވާ ދޭން ފެށިފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. މިހާރުވެސް އެމަނިކުފާނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ފުލުހުން އަންނަނީ މި ހަމަލާ އަކީ ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

76%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް