ads
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، އަދި އޭނާއަށް ކޯޓުގައި ޖާމިނުވި އައްސަދު އަލީ (އަޑުބަރޭ) ----
އިގުރާރާ ހިލާފު ވުމުން އަޑުބަރޭއަށް އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރުމަށް އެދިއްޖެ
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި، އަލީ ވަހީދުގެ ފަރާތުން އެ މައްސަލައިގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާ ހިލާފުވުމުން އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި ޖާމިނު ވުމަށް އަޑުބަރޭ ވަނީ އިގުރާރެއްގައި ސޮއި ކޮށްފައި ކަމަށެވެ. 

ނަމަވެސް އަޑުބަރޭ ވަނީ މި އިގުރާރާއި ހިލާފުވެފައި ކަމަށް ޝަފީއު ފާހަގަަ ކުރެއްވި އެވެ. އެގޮތުން މި އިގުރާރުގައިވާ ގޮތުން، އަލީ ވަހީދާ މެދު ތުހުމަތު ކުރެވިފައިވާ ކުށުގެ ތަހުގީގަށް އޭނާ ހާޒިރު ކުރުމުގެ އިތުރުން، ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރު ކުރުމަށް އަޑުބަރޭ ވަނީ އެއްބަސްވެފައެވެ.

މި އިގުރާރާ ހިލާފުވުމުން އަޑުބަރޭއަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، ހިލާފުވި ކަމުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު، މި ގާނޫނުގައިވާ އަދަބެއް ކަނޑައެޅުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ. 

ޖާމިނުވުމުގެ އިގުރާރާ ހިލާފު ވެއްޖެ ނަމަ. އެމީހަކަށް ދެވޭނެ ހަތަރު އަދަބެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއީ؛

  • އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން،
  • ދެއަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން،
  • 15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން، އަދި
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުމެވެ.

މި އަދަބުތަކުގެ ތެރެއިން، އަޑުބަރޭއަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު ދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި އެދުނުކަމަށް ޝަފީއު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އަލީ ވަހީދުގެ މައްސައްލައިގެ އަޑު އެހުމެއް ބާއްވައި ދިނުމަށް ޕީޖީއިން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. 

ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނެފައިވަނީ، އަލީ ވަހީދު މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ބަޔާން ފުލުހުންނަށް ދިނުމަށްފަހު ބޭރަށް ނުކުމެވަޑައިގެން އަލީ ވަހީދު މީޑިއާ ބައްދަލުކޮށް ވިދާޅުވެފައިވަނީ، ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށާއި، މި މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. މައްސަލައިގެ ތަހުގީގު ނިމުމުން ރައްޔިތުންނަށް ހަގީގަތް ހާމަވެގެން ދާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކުރުމުން އޭނާ ވަނީ ކޯޓުގެ ހުކުމް އިއްވި ރޭ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

އޭގެ ފަހުން ޕީޖީގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅި ނަަމަވެސް، އަލީ ވަހީދު އުޅޭތަނެއް ޕީޖީއަށް ނުހޯދި، އޭނާއަށް ޗިޓު ރައްދު ނުކުރެވެމުން އެ ކޯޓުން ވަނީ މައްސަލައިގެ ދައުވާ ބާތިލްކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް