ads
ވީޑިއޯ ރިޕޯޓް
އެމްއެމްޕީއާރުސީ ހިޔާނާތުގާ ހިމެނޭ ކުންފުނިތަކުގެ ހިއްސާދާރުންގެ ނަންތައް ލީކުކޮށްލައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ފަހުގެ ތާރީހެއްގައި ދިވެހި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތެވެ.

މި ހިޔާނާތުގެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު އެންޓި ކަރަޕްޝަން ކޮމިޝަނުން ވެސް ރިޕޯޓެއް އެކުލަވާލާފަ ވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މި ވައްކަން ތަހުގީގުކޮށް، 13 ޖުލައި 2017 ވަނަ އަހަރު ތަހުގީގީ ރިޕޯޓެއް (2017/275-TR) އާންމު ކޮށްފައެވެ.
މިރިޕޯޓުގައި ކޮންމެ ރަށަކާއި އެރަށެއް ނެގި ކުންފުނިތަކާ ބެހޭ މައުލޫމާތު ހުރި ނަމަވެސް އެންމެ ސާފުކޮށް އެރަށްތައް ނެގި ކުންފުނިތަކުގެ ފަހަތުގައި ތިބީ ކޮން ފަރާތްތަކެއްކަން ހާމައެއް ނުވެއެވެ. 

މި ލިސްޓު އާއްމުކުރި ނަވާނަވައި ޖަމިއްޔާ އިން ބުނީ މަސައްކަތް ކޮށްފައިވާނީ މި ކުންފުނިތަކުގެ ހިއްސާދާރުންނަކީ ކޮބައެއްތޯ ދެނެގަތުން ކަމަށެވެ.
އެގޮތުން، އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހިއްސާދާރުންގެ ތެރޭގައި އިތުރު ކުންފުނިތައް ހުރިކަން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.

ނަވާނަވައިން ވަނީ މި ކުންފުނިތަކުގެ ހިއްސާދާރުންގެ ތަފްސީލު ލިސްޓެއް އާންމުކޮށް ބަޔާނެއް ނެރެފައެވެ.

އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއްގެ 642 ހިއްސާދާރެއްގެ ނަން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރެގައި ދިވެހިންނާއި ބޭރު ގައުމުތަކުގެ ރައްޔިތުން ހިމެނެއެވެ. އަދި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ. އެގޮތުން ސަން ޓްރެވަލް ޝިޔާމް އަދި ފުނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރިން ޝެއާ ހޯލްޑަރުކަން ކުރައްވާފައިވާ ކުންފުންޏެއްވެސް ލިސްޓުގައި ހިމެނެއެވެ.

ނަވާނަވައިން ބުނެފައިވަނީ ރާއްޖޭގެ އެންމެ އަގުހުރި ވަސީލަތްތަކަކީ ގުދުރަތީ ވަސީލަތްތައް ކަމުގައިވާ ރަށްތަކާއި، ކަނޑާއި، ފަޅު، ފަރު ފިނޮޅު ތަކާއި އަދި އެތަންތަނުގައިވާ ދިރުންތައްކަމަށާއި ފެށުނީއްސުރެން ވެސް ރާއްޖޭގެ ދިރިއުޅުން ބިނާވެގެން އައިސްފައިވަނީ މި ވަސީލަތްތަކުގެ މައްޗަށް ކަމަށެވެ. އަދި ފެށުނީއްސުރެން ދައުލަތް ހިންގާ ފަރާތްތަކުން އަންނަނީ މި ވަސީލަތްތައް ނުހައްގުން، ނުއަގުގައި ގާތްތިމާގެ މީހުންނަށް ދެމުން ކަމަށް އެ ޖަމިއްޔާއިން ބުުނެއެވެ.

"އެހެންކަމުން މުއްސަނދި ވަސީލަތްތަކުން ފައިދާވަމުން އަންނަނީ އަބަދުވެސް މަދުބަޔަކަށެވެ. 1972 ވަނަ އަހަރު ޓޫރިޒަމްގެ ފެށުން ވެސް އައީ އޭރުގެ ސަރުކާރު ހިންގަންތިބި ގާތްތިމާގެ މީހުންނަށް ބަހާލި ރަށްތަކުންނެވެ. އެހިސާބުން ފެށިގެން މި މަދު އާއިލާތަކުން އައީ މުއްސަނދި ކަމާއި، ބާރު ކޮންޓްރޯލު ކުރަމުން" ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

މިފަދަ ހުރިހާ ކުންފުންޏެއްގެ ހިއްސާދާރުން އޭސީސީގެ ރިޕޯޓުން ފެންނާކަށް ނެތެވެ.  

މިއަދު ދެކެވޭ ވާހަކައަކީ ހިޔާނާތުގެ ކަޅު ފައިސާގައި ޖެހުނު މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ވާހަކައެވެ. އެމީހުން އަތުން އެ ފައިސާ އަނބުރާ ހޯދުމާއި، އެމީހުން ކުރި ޖީނާއީ ކުށްތަކަށް އަދަބު ދިނުމުގެ ވާހަކައެވެ. ނަމަވެސް މި ބޮޑު ހިޔާނާތުގެ މައްސަލަ މިކަންކަމާ ހަމައިން ނިންމާލެވިދާނެ ކަމަށް ނަވާނަވައިން ގަބޫލެއް ނުކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އަހަރެމެންގެ ރަށްތަށް އަނބުރާ އަހަރެމެންގެ ބެލެނިވެރިކަމަށް ރުޖޫއަ ނުކުރަނީސް އިންސާފު ލިބި، "އެސެޓް ރިކަވަރ" ވެއްޖެ ކަމުގައި ނުބެލެވޭނެ ކަމަށް ވެސް ނަވާނަވައިން ވަނީ ބުނެފައެވެ.


ނަވާނަވައިން ދިވެހި ދައުލަތަށް ގޮވާލާފައިވަނީ އެމްއެމްޕީއާރްސީގެ ވައްކަމުން ފޭރިގަނެފައިވާ ރައްޔިތުންގެ އަމާނާތްތައް (ރަށްތަކާއި ފަޅުތައް އަތުލައި، މިރަށްރަށުގެ ތެރެއިން ތަރައްގީ ކޮށްފައިވާ ރަށްތައް މި ސިނާއަތުގެ މަސައްކަތްތެރިންގެ ކޯޕަރޭޓިވްތަކެއް ގޮތަށް ހިންގުމަށް މަސައްކަތްތެރިންނާ ހަވާލުކުރުމަށެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ބުނެ ދައުލަތް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ދައްކާ ބަހަނާ ދެއްކުން ހުއްޓާލުމަށް އެ ޖަމިއްޔާއިން ގޮވާލައިފައި ވެއެވެ. ބޮޑެތި ފައިސާވެރިންގެ އިތުބާރަށް ވުރެން އާންމުންގެ އިތުބާރާއި، ފުދުންތެރިކަމާއި، ހެޔޮހާލު ކަށަވަރު ކުރުން މާ މުހިންމު ކަމަށް ނަވާނަވައިން ބުނެއެވެ. މިހުރިހާ ރަށަކާއި ފަޅުތައް އަތުލައި މަސައްކަތްތެރިންގެ ޑިމޮކްރެޓިކް ކޯޕަރޭޝަންތަކުން މިތަންތަން ހިންގުމަށް ހުޅުވައިލުން މުހިންމީ މިސަބަބަށް ޓަކައެވެ.

"އަހަރެމެންގެ އިގުތިސާދާއި ދިރިއުޅުން މަދު ބޮޑު ފައިސާވެރިން ތަކެއްގެ ނުފޫޒުން ސަލާމަތްކޮށް، އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން އާންމުން މިނިވަން ކުރުމަށްޓަކައި، އެމްއެމްޕީއާރްސީ ވައްކަމުގެ ތެރެއިން ގެއްލުނު ރަށްތަކާއި ދެން ވެސް ހުރި ހުރިހާ ރިސޯޓުތައް، މަސައްކަތްތެރިން އަމިއްލައަށް (ކޯޕަރޭޓިވް އުސޫލުން) ހިންގަން ދޫކުރުމަށް މިހާރުން މިހާރަށް ދައުލަތަށް ގޮވާލަމެވެ". ނަވާނަވައިގެ ބަޔާނުގައި ބުނެފައިވެއެވެ.

81%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް