ads
ސޯނޫ ސޫދު
ސޯނޫގެ ޕޯސްޓަރަށް ކިރު ނޭޅުމަށް ފޭނުންގެ ކިބައިން އެދިއްޖެ
ކޮވިޑާ ގުޅިގެން ސޯނޫ ސޫދު ދައްކަމުންދާ ދީލަތިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން އިންޑިއާގެ އުއްތަރަ ޕްރެދޭޝް އަށް ނިސްބަތްވާ މީހުން ސޯނޫގެ ބޮޑެތި ޕޯސްޓަރުތައް އެކި ސަރަހައްދުގައި ހަރުކޮށް އެއަށް ދަނީ ކިރު އަޅަމުންނެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ހޮސްޕިޓަލުތަކުން އޮކްސިޖަން ލިބުން ދަތިވެފައިވާ ދަނޑިވަޅުގައި ސޯނޫ ވަނީ ގިނަ އަދަދެއްގެ ބަޔަކު ފުރާނަ ސަލާމަތްކުރުމަށް އެހީވުމަށް ހޮސްޕިޓަލުތަކަށް އޮކްސިޖަން ލިބޭނެގޮތް ހަދައިދީފައެވެ.

ސޯނޫގެ މިފަދަ ދީލަތި ގިނަ އެހީތަކެއް ކޮވިޑް ހާލަތުގައި ލިބެމުންދާތީ ސޯނޫއަކީ އިންސާނިއްޔަތުގެ ނަމޫނާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާ އަށް ތައުރީފުކުރަމުންނެވެ. އަދި އެކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން ސޯނޫގެ ޕޯސްޓަރުތަކަށް އާއްމުން ކިރު އަޅާ ވީޑިއޯތަކެއް ވަނީ ވައިރަލްވެފައެވެ.

އޭނާގެ ޕޯސްޓަރަށް ކިރު އެޅުމުން ސޯނޫ  އެންމެ ފުރަތަމަ ވަނީ އުފާވެ ފަހުރުވެރިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކާ އެކު ގިނަ ބަޔަކުވަނީ އެކަން ހުއްޓުވުމަށް ސޯނޫ ކައިރީ އެދިފައެވެ. 

އެ ފާޑުކިޔުންތައް ކުރިމަތިވާން ފެށުމުން އޭނާގެ ޕޯސްޓަރުތަކަށް ކިރުއަޅާ ވީޑިއޯތަކެއް ހިއްސާކޮށް އޭނާ ބުނެފައިވަނީ އެކަމާ މެދު ވަރަށް އުފާވާކަމަށާއި، ނަމަވެެސް ކިރު އިސްރާފުނުކޮށް އެފަދަ ތަކެތި ބޭނުން ޖެހިފައިވާ ބަޔަކަށްޓަކައި "ސޭވް" ކުރުމަށް އެދޭކަމަށެވެ.

އިންޑިއާގައި ކޮވިޑުގެ ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާވަަރަށް ކޮންމެ ދުވަހަކުވެސް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. މި ދަނޑިވަޅުގައި ސޯނޫ ދަނީ ދުވާލެއްގެ މައްޗަށް ދީލަތިކަމާއެކު އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެެ. އެގޮތުން އޮކްސިޖަން އާއި ހޮސްޕިޓަލު އެނދުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ބަޔަކަށް ސޯނޫ ވަނީ އެހީތެރިވެފައެވެ. 

ކޮވިޑާ ގުޅިގެން އާމްދަނީ ލިބޭނެ މަގު ބަންދުވެ ހާލުގައި ޖެހިފައި ތިބި މީހުންނަށް ވެސް ސޯނޫ ވަނީ ބޯހިޔާވަހިކަމާއި ކާނާ ފޯރުކޮށްދީފައެވެ. އަދި އެހީއެއް ބޭނުންވާ ނަމަ ސީދާ އޭނާއަށް މެސެޖު ކުރުމަށް ވެސް ސޯނޫ ވަނީ އެދިފައެވެ.

ސޯނޫ ވަނީ ދާދި ފަހުން އޭނާގެ ފޯނުގެ ސްކްރީން ރިކޯޑިން އެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ވީޑިއޯއިން ފެނިގެންދަނީ ސިކުންތުކޮޅެއްގެ ތެރޭގައި އެހީއަށް އެދި މީހުންކުރާ މެސެޖުތަކާއި ފޯން ކޯލްތައް ހުއްޓުމެއްނެތި ލިބެމުން އަންނަ ނޯޓިފިކޭޝަންތަކުން ފޯނު ސްކްރީން ފުރާލާތަނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް