ads
މަނަދޫ ކުނިގޮނޑުގައި ނެޕީ އެޅުމަށް ހުރި ޖަމްބޯ ބޭގުތައް ފުރިފައި -- ފޮޓޯ: ހަމީދު / ޓްވީޓާ
މަނަދޫގައި ކުނީގެ މައްސަލަ ބޮޑުވެފައި
ނ. މަނަދޫން ކުނި ބޭރު ނުކުރާތާ ހަތަރު މަސް ފާއިތުވެ، ނެޕީ އެޅުމަށް ބަހައްޓާފައި ހުރި ޖަމްބޯ ބޭގުތައް ފުރި، ރަށުގައި ބަލި މަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ނ. މަނަދޫން ކުނި ބޭރު ނުކުރާތާ ހަތަރު މަސް ފާއިތުވެ، ކުނިކޮށީގައި ނެޕީ އެޅުމަށް ބަހައްޓާފައި ހުރި ޖަމްބޯ ބޭގުތައް ފުރި، ރަށުގައި ބަލި މަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

މަނަދޫ ކައުންސިލުގެ ނައިބް ރައީސް ހުސައިން ނަޒީދު ސީއެންއެމްއަށް ވިދާޅުވީ، އެރަށުގައި ކުނީގެ މައްސަލަ ބޮޑުވެފައި ވަނީ މިދިޔަ އަހަރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް ރަށުން ކުނި ބޭރު ނުކުރެވޭތީ ކަމަށެވެ.

ނަޒީދު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ކޮންމެ މަހަކު އެއް ފަހަރު އެ ކުންފުނިން މަނަދޫން ކުނި ގެންދަން ޖެހެ އެވެ. އެރަށުން ނަގައި ކުނި ގެންދަނީ ރ. ވަންދޫ އަށެވެ.

ވަންދޫއަކީ އެސަރަހައްދުގެ ކުނި މެނޭޖް ކުރާ ރަށެވެ.

ނަޒީދު ވިދާޅުވީ އެއްބަސްވުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ވެމްކޯއިން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ. ބައެއް ފަހަރު ފަސް މަސް ފަހުން ވެސް ކުނި ނަގަން ވެމްކޯގެ އުޅަނދުތައް އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރަށުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެކަން ކުރަން ފައިސާ ވެސް ނެތުމުން އިތުރު ގޮތެއް ނެތި، ކުނި ބަލައި އަންނާނެ ދުވަހެއް ވަންދެން އެ ކުނިތައް އެގޮތަށް ބަހައްޓަން ޖެހޭ ކަމަށެވެ.

"މިހާރު އެތާގައި ނެޕީ އަޅަން ހުރި ޖަމްބޯ ބޭގުތައް ފުރިގެން ކޮތަޅު ކޮތަޅައަށް އަޅާފަ ވެސް ނެޕީތައް އެބަހުރި. ދެން ކުނި ގޮނޑުގެ މުވައްޒަފުން ވެސް ދަގަނޑާއި ޕްލާސްޓިކާއި ބިއްލޫރި ކަހަލަ އެއްޗެހި ވަކިކޮށްފަ ބަހައްޓާނީ،" އެރަށު ކުނިގޮނޑަކީ މީހުން އުޅޭ ސަރަހައްދާ ދުރުގައި، އިރުމަތި ފަރާތުގައި އޮންނަ ތަނެއްކަން ފާހަގަކޮށް ނަޒީދު ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުނި ނައްތާނުލެވި ހުރުމުގެ ސަބަބުން މަނަދޫގެ ރައްޔިތުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބަލި މަޑުކަމެއް ފެތުރިދާނެތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާ ބެހޭ އިދާރާތައް ޓެގްކޮށް ސޯޝަލް މީޑިއާގައި ވެސް ދަނީ އެދެމުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ރ. ވަންދޫ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފަ އެވެ.

ނަޒީދު ވިދާޅުވީ، ސީދާ މަހުން މަހަށް ކުނި ނަގަން ނާދެވެނީ ވެމްކޯ އިން ވަކި ތަރުތީބަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ގެންދާތީ ކަމަށާއި އަދި ވަންދޫ ސާފު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ވެސް ކުރިއަށްދާތީޫ ކަމަށެވެ.

މަނަދޫގެ ކުނީގެ މައްސަލައިގައި ވެމްކޯގެ ބައެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް