ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އެޑިއުކޭޝަން މިނިސްޓަރު--
ޑޭޓާގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ހަދައިފި
އޮންލައިންކޮށް ކިޔައިދިނުމުގައި ދިމާވާ ޑޭޓާގެ މައްސަލަތައް ހައްލުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ހަދައި، މިހާރު ޓެސްޓުކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮންނެވެ. އަދި ކޮވިޑުގެ ސަބަަބުން މޮނީޓަރިންގެ ހާލަތައް ލައިފައިވާ ރަށްތަކުގައިވެސް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

މިއަދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދެމުންދާއިރު ދަރިވަރުންނަށް އެންމެ ބޮޑަށް ބޭނުންވާ އެއް އެއްޗަކީ ޑޭޓާ ކަމުން ޑޭޓާ ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. 

އެގޮތުން ދިރާގާއި އުރީދޫ އިން ދަރިވަރުންނަށް ވަރަށް ހެޔޮ އަގުގައި ޕެކޭޖުތަކެއް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. ދަރިވަރުންނަށް އިންޓަނެޓް ޑޭޓާ ދިރާގު މެދުވެރިކޮށް ބެލެނިވެރިންގެ ފޯނަށް ދަނީ ފޯރުކޮށްދެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުރީދޫ މެދުވެރިކޮށް ޑޭޓާ ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޑޭޓާގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމުގެ ގޮތުން ސްކޫލްތަކުން ބޭނުން ކުރުމަށް ހާއްސަ ޕްލެޓްފޯމެއް ހަދައި މިހާރު ޓެސްޓުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕްލެޓްފޯމު ޓެސްޓުކުރުމުގެ ގޮތުން އަންނަ ހަފްތާގައި ސްކޫލްތަކުގައި ޕައިލެޓް ކުރެވޭނެ ކަމަށާއި ކުރިއަށް އޮތް އޮގަސްޓު މަހު ހުރިހާ ސުކޫލަކަށްހެން އެ ޕްލެޓްފޯމު ލޯންޗުކުރެވިގެންދާނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޑޭޓާގެ މައްސަލައަށް ރަނގަޅު ސޮލިއުޝަން އެއް ހޯދުމަށްޓަކައި ލޯކަލް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. މި ހަފްތާ ތެރޭގަ އެ ޕްލެޓްފޯމް ވަނީ ޓެސްޓު ކުރެވިފަ. އަދި އިރާދަކުރެއްވިއްޔާ އަންނަ އޮގަސްޓުގައި މި ޕްލެޓްފޯމް ހުރިހާ ސުކޫލުތަކެއްގަހެން ޔޫސްކުރަން ފެށޭނެ. ކުރިއަށް އޮތް ހަފްތާ ތެރޭގަ އަޅުގަނޑުމެން ބައެއް ސުކޫލުތަކުގަ ޕައިލެޓް ކުރާނަން މި ޕްލެޓްފޯމްވެސް. އޭރުން އަޅުގަނޑުމެންނަށް ޑޭޓާގެ މައްސަލައަށް ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެ." މިނިސްޓަރު

ކޮވިޑަށް ޕޮޒިޓިވް ދަރިވަރުންނާއި ކަރަންޓީންގައި ތިބި ދަރިވަރުންނަށް ކުރިއަށް އޮތް އިމްތިހާން ހެދުމުގެ އިންތިޒާމްތައްވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށްދާކަމަށް މިނިސްޓަރު އައިޝަތު އަލީ އިތުރަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް