ads
ބިދޭސީން މުދާ އުފުލުމުގައި ހަރަކާތްތެރިވަނީ- ފޮޓޯ: ސީއެންއެމް
ބިދޭސީންގެ މައްސަލަ: ކޮވިޑާ އެއްފަދަ ރޯގާއެއް!
ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ވާ މައްސަލައެއް ކަމަކަށް ނުވެއެވެ.

ކޮންމެ ސަރުކާރެއްވެސް އަންނަނީ މިމައްސަލަ ވެސް ހައްލު ކޮށްދޭން ވައުދު ވަމުންނެވެ. ނަމަވެސް ދުއްވަން  އޮޑިއަށް އެރުމުން ވަކި ހިސާބަކުން އަތުން ދޫވެ ދަނީ ދާނެ ގޮތަކަށެވެ. މައްސަލައަށް އަޅާ ނުލެވިއެވެ. ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ލޭބަރުންގެ ގޮތުގައި އައި ބިދޭސިންނަށް އޮތީ ދޫދެވިފައެވެ. އުޅޭނެ ގޮތަކަށް އުޅެން އޮތީ މިނިވަންކަން ދެވިފައެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މިފަސްގަނޑުގައި ދިވެހީންނަށް ވުރެ ބިދޭސީންގެ މިނިވަންކަން ބޮޑެވެ. 

ބިދޭސީންގެ މައްސަލައަކީ ދިގު ޒަމާންވީ މައްސަލައެކެވެ. 90ގެ އަހަރުތަކުން ފެށިގެން މިމައްސަލައަށް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުންގެ ފަރާތުންނެވެ. އެކަމަކު އޭރުވެސް ސަރުކާރުގެ ފަރާތުން މިކަމަށް އަޅާލެވުނު ކަމަކަށް ނުވެއެވެ. އެއީ ރައީސް މައުމޫނުގެ ޒަމާނެވެ. 

ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރީ ބިދޭސީންގެ މައްސަލައާއެކު އެތައް މައްސަލަތަކެއް ގައުމުގައި ހިނގަމުންދާކަމަށް ބުނެ މައުމޫނު ކުށްވެރި ކުރަމުންނެވެ. މައުމޫނުގެ ވެރިކަން ވެއްޓި ދެން ވެރިކަން ލިބުނީ އެމްޑީ ޕީ އަށެވެ. އަޑަށް ބާރުލާފައި ވެރިކަމަށް އަންނަން ވެގެން ރައީސް ނަޝީދު ވެސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. ދެއަހަރާއި ބައިގެ ވެރިކަމުގައި ބިދޭސީންގެ މައްސަލައަށް ގެނެވުނު މާ ބޮޑު ބަދަލެއް ނެތެވެ. 

އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަމުގައި ވެސް ބިދޭސީންގެ މައްސަލައަށް ވީ އަނެއް ދެ ވެރިކަމުގައި ވީގޮތެވެ. އެ މައްސަލަ ހައްލެއްނުވި އެވެ. ދެން ގައުމާ ހަވާލުވި ރައީސް ޔާމީނުގެ ވެރިކަން ނިމި އަނެއްކާވެސް މިއޮތީ އެމްޑީޕީގެ ފުރިހަމަ ބާރު ހިނގާ ވެރި ކަމެކެވެ. ތަކުރާރުވަނީ އެއް ބީޓެކެވެ. މައްސަލައަށް ހައްލެއް ނާންނަތާ އެދެވޭ ކުރިއެރުމެއްވެސް ނާދެއެވެ.

މިއަދާހަމައަށް އައި އިރު މިމައްސަލައިގައި ގައުމު މިއޮތީ ކިހާހިސާބެއްގައި ބާވައެވެ. ކުރިއަށް އެޅުނު ފިޔަވަޅެއް އެބަ އޮތް ބާވައެވެ. އޮތިއްޔާ އޮތީ ކޮން ކަމެއް ބާވައެވެ. ފެންނަން އޮތް ހަގީގަތަކީ ބިދޭސީން އިހުނަށްވުރެ މިގައުމަށް ވަރުގަދަވެގެން ހިނގައްޖެ ކަމެވެ. ކިޔަމަން ވުމެއް ނެތްކަމެވެ. ކޮންސްޓްރަކްޝަން ދާއިރާ މުޅިން ކޮންޓްރޯލް ކޮށްފިއެވެ. ރިޓެއިލް ވިޔަފާރިތަކުގައި ގޮތް ނިންމަނީ އެމީހުންނެވެ. ރާއްޖޭގެ ބޮޑެތި މާރުކޭޓުތައް އެމީހުން ހިތަކަށެވެ. ސުވާލަކީ މިހެން ކިހާދުވަހަކަށް އަހަރެމެންނަށް ތިބެވިދާނެހެއްޔެވެ؟

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ވެސް ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބޯޅަދަނޑަށް އެއްވުމުން މިރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުންދާ މިންވަރު ސިފަކުރެވިގެން ދިޔައެވެ. ސަރުކާރުން އެކަން ކުރީ އެމީހުން ގަވާއިދަށް ފެއްތުމުގެ ބޭނުމުގައެވެ. ނަމަވެސް ކޮވިޑް އައުމާ ގުޅިގެން އެޕްރޮގްރާމްވެސް ހުއްޓިގެން ދިޔައެވެ.

އޭގެފަހުންވެސް ހާއްސަ ޕްރޮގްރާމެއްގެ ދަށުން ގަވައިދާ ހިލާފަށް ތިބި ބިދޭސީން ރަށަށް ފޮނުވަމުން ގެންދިޔައެވެ. 

ހުރިހާ ސަރުކާރަކުންވެސް މިމައްސަލައަށް ހައްލު ގެނެވޭތޯ މަސައްކަތް ކުރެއެވެ. އެކަމަކު ސުވާލަކީ އެކަށީގެންވާ ގޮތަކަށް އެމަސައްކަތްތައް ހިނގާހެއްޔެވެ. ފެންނަމުންދަނީ އެމަސައްކަތްތައް ހުއްޓެމުން ހުއްޓެމުންގޮސް އެއްކޮށް ހުއްޓިގެން ދާތަނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ އެތައް ކަމެއް ގުޅިފައިވެއެވެ. އެކެއް،ދޭއް ތިނެއް ކިޔާފައި ފެށި ބިދޭސީންގެ އަދަދުތައް ވޭތުވެދިޔަ ތިރީހަކަށް އަހަރުތެރޭ މިވަނީ ލައްކައިން ގުނަން ޖެހިފައެވެ. ރަސްމީ ހިސާބުތަކެއް ރަނގަޅަށް ބެލެހެއްޓިފައި ނެތްކަމަށްވިޔަސް ބިދޭސީންގެ އަދަދު ރާއްޖޭގެ އާބާދީއާ އެއްވަރުކުރަން މިސްރާބު އޮތީ ޖަހާފައެވެ. އެކަން އެނގެނީ ރާއްޖޭގެ ދިފާއީ ބާރުތަކާ ކުރިމަތިލާން އެމީހުން މިހާރު ޖެހިލުން ނުވާކަމެވެ. ދޭތެރެ ދުރުކޮށް ނަމަވެސް ފެންނަމުންދާ މުޒާހަރާތަކައި އިހުތިޖާޖު ތަކުންނެވެ. ދިގުދެމިގެންދިޔަ މައްސަލައަކަށް ވިޔަސް މިއީ ކޮވިޑަށްވުރެ ވަކި ހިތްދަތިކަން ކުޑަ މައްސަލައެއް ނޫނެވެ. ކޮވިޑު ޖެހިގެން ނަގަނީ އާންމުކޮށް 14 ދުވަހެވެ. ދެން ދެތިން ފަހަރު ވެސް ކޮވިޑު ޖެހިދާނެ އެވެ. ނަމަވެސް ހިތާމައަކީ ބިދޭސީގެ މައްސަލަ (ރޯގާ) ރަނގަޅުވާން ނަގާނެ މުއްދަތެއް ވެސް ނޭނގުމެވެ. އެހެންކަމުން އެ ރޯގާގައި ދިވެހިން ތިބެން ޖެހޭނެ ދުވަހެއް ވެސް އަދި ވެސް ނޭނގެ އެވެ. ހައްލުކުރަން މަސައްކަތް ކުރަން ޖެހެނީ އެހެންވެއެވެ. ފަރުދީ ޒިންމާ އާއި ދައުލަތުގެ ޒިންމާ ކޮވިޑެކޭ އެއްފަދައިން ނަގަން ޖެހޭ މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް