ads
ހުތުބާ: އިންސާނުން އުފައްދަވާފައިވަނީ އެކަކު އަނެކުގެ އެހީތެރިކަމަށް ބޭނުންވާފަދަ ގޮތަކަށް
އިންސާނުން އުފައްދަވާފައި ވަނީ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އެކަކު އަނެކަކަށް އެހީތެރިކަމާއި، މަދަދަށް ބޭނުންވާ ފަދަ ގޮތަކަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

އެއްބަޔަކު އަނެއްބަޔަކު އެހީތެރިވުމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހަަކަށް ވުމާއެކު، މުސީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ، އަޅާލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެއްކަމަށާއި، އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް، އަދި މުއުމިނުންގެ ސިފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް މެދުވެރިވެފައި މިވާ ކޮވިޑް-19 ގެހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާގެ މިތުރު އަސްހާބުން ފަދައިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ، ވާގިވެރި ވެގެން ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ. 

"އެގޮތުން ތިމާއާއި، އަނެކުންގެ ރައްކާތެރި ކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމްކޮށް، އެކަމުގައި އެ ފަރާތްތަކަށް އެހީތެރިވާށެވެ! އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާށެވެ! މިނުރައްކާތެރި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި، ﷲ ގެ ޙަޟްރަތުގައި ކުރެވޭ ދުޢާގައި މުސްލިމް އަޚުންނާއި އުޚްތުން ޝާމިލުކޮށް، އެބައިމީހުންނަށް އަޅާލާށެވެ!" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

މާާތް ﷲ އިންސާނުން އުފައްދަވާފައި ވަނީ، އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތްކޮށް، އިޖުތިމާއީ ދިރިއުޅުމެއް އުޅޭ ގޮތަށް ކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމީ މުޖުތަމައު ތަކުގެ އަފްރާދުން ވާންޖެހޭނީ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއް ކަމުގަ ކަމަށެވެ. އެގޮތުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، ހެޔޮކޮށް ހިތުމާއި، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެކަމަކީ، އިންސާނިއްޔަތުކަމުގެ އިތުރުން، މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. 

"އުހުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި، ލޯބީގެ މާތް ޝުއޫރެކެވެ. އެއީ، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. އިސްލާމް ދީނުގައި، އުހުއްވަތްތެރި ކަމާއި އެއްބަނޑު އެއްބަފާކަމަށް، ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވެއެވެ. " ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނުުރައްކާތެރި ބަލިމަޑުކަމުން މިންޖުކޮށްދެއްވުން އެދި، އަބަދާއި އަބަދު، ﷲ ގެ ހަޒްރަތުގައި ދުއާ ދެންނެވުން މަތީ ދެމިތިބުމަށާއި، ސިއްހީ ދާއިރާއިން ދޭ އިރުޝާދުތަކަށް ކަމޭހިތައި، އާއްމު ސިއްހަތަށް ރައްކާތެރިވެ އުޅުމަށްވެސް ނަސޭހަތްތެރިވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް