ads
ފޮޓޯ: ޕީއެސްއެމް
އެމްޑީޕީއަށް 2019ގައި ލިބިފައޮތް ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް: ރައީސް
އެމްޑީޕީއަށް 2019ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީއަކީ ވަކި މީހެއްގެ މަސައްކަތް ނޫންކަމަށާއި އެއީ ވަރަށް ގިނަ ބައެއްގެ މަަސައްކަތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބޭރުކޮށްލި މައްސަލަ އާ ގުޅިގެން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީ ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް ފާޑުކިޔާފައެވެ.

އެގޮތުން ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން ތިބި މެންބަރުން، އެމަނިކުފާނު އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާލާނީ ވަރަށް ގޮތެއް ފޮތެއް ނެތުމުން ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ފާޑުކިޔާފައެވެ. 

އެމްޑީޕީއިން މަޖިލީޖހުގެ މެޖޯރަޓީ ހޯދީ ރައީސް ނަޝީދު ފޮޓޯވިއްކާގެން ކަމަށް ވިދާޅުވެ ފާޑުކިޔަމުންދާތީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، 2019ވަނަ އަހަރު އެމްޑީޕީއަށް މަޖިލިީހުގެ މެޖޯރަޓީ ލިބުނީ ސަރުކާރުވެސް ހިމެނޭހެން ވަރަށް ގިނަ ބައެެއްގެ ބުރަ މަސައްކަތުން ކަމަށެވެ.  

"އެހެންނޫނަމަ އެހާ ބޮޑު އަދަދެއް ކާމިޔާބު ކުރެވިދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން 2008 ފެށިގެން 2014 ގައިވެސް އިންތިހާބަކަށް ދިޔައިން ދެން މިދިޔައީ 2019 ގަ. ނަތީޖާތަކަށް ތިބޭފުޅުން ބައްލަވާ" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އޭރުގެ އިންތިހާބުތަކުން ލިބިފަހުރި އަދަދާ 2019ގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ އަޅާކިޔާލުމުން، އެމްޑީޕީއަށް 2019ގަ ލިބުނު ކާމިޔާބީ އަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތްކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އަދި އެކަމުގައި ރައީސް ނަޝީދުގެ މަސައްކަތްޕުޅުވެސް ހިމެނޭކަން ފާހަަގަކުރަމުން ރައީސް ސޯލިހް ވިދާޅުވީ އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދުކަން އެމަނިކުފާނުވެސް ގަބޫލުފުޅުކުރައްވަން ކަމަށެވެ. 

" އޭގެ ތެރޭގަ ހަމަ ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ. އެންމެ ގިނަ މަސައްކަތެއް ކުރެއްވި ބޭފުޅަކީ ރައީސް ނަޝީދުކަމަށް އަޅުގަނޑުވެސް ދެކެނީ. އަދިވެސް ވަރަށް ގިނަ ބައެއްގެ މަސައްކަތާއިއެކު އަޅުގަނޑުމެންނަށް އާދެވިފަ އޮތް ހިސާބެއް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެހެންކަމުން މިއަދު މިއީ ސިޔާސީ ގޮތުން ހަލަބޮލިވާންވީ ވަގުތެއް ނޫންކަމަށާއި ކޮވިޑް-19ގެ މިދަނޑިވަޅުގައި ހައްލުކުރަން އަދި ވިސްނަންޖެހޭ އެޔަށްވުރެ ބޮޑެތި ކަންކަން އެބަހުރި ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، މިވަގުތަކީ ކޮވިޑްގެ ހާލަތުން ގައުމު ސަލާމަތް ކުރުމަށް އިސްކަންދީގެން ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަަމަށާއި، އެމަގުން ހުރިހާ ބޭފުޅުންވެސް ކުރިއަށް ދިޔުމަށް އެދޭކަމަށެވެ. 

"މއީ ވަރަށް ރަނގަޅު ވަގުތެއް ގައުމު ސަލާމަތް ކުރަން. ސަރުކާރާ މަޖިލިސް ގުޅިގެން ގައުމު ވެއްޓިފަ މިއޮތް އަދަވަޅުން ސަލާމަތްކުރުމަށް ކުރެވެންހުރި ވަރަށް ބައިވަރު މަސައްކަތް އެބަހުރި. މީކީ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. ރާއްޖޭގަ އެބަހުރި އެޔަށްވުރެ މާބޮޑެތި މައްސަލަތައް ހައްލުކުރަން އަޅުގަނޑުގެ އެދުމަކީ، އެކަމަށް އަމާޒު ހިފާގެން ހުރިހާ ބޭފުޅުން ކުރިއަށް ވަޑައިގަތުން" ރައީސް ސޯލިހް ވިދާޅުވިއެވެ. 

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ރައީސް ނަޝީދު ފޮނުއްވި މައްސަލަ ބޭރުކުރުމުން އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް