ads
ޓްރޭސްއެކީ އެޕްލިކޭޝަން
ޓްރޭސްއެކީގެ ނަމުގައި ހެދި އެޕްލިކޭޝަން މިހާރު ކޮބާ؟
ކޮވިޑް-19 ބަލިމަޑުކަން ދިވެހިންނާ ބައްދަލުކުރީ އެހެން ގައުމުތަކަށް ވުރެ ލަހުންނެވެ. އެންމެ ގޯސް ހާލަތަށް ވެސް ތައްޔާރުވާނެ ވަގުތު ވެސް ދީގެންނެވެ. އެހެން ގައުމުތަކުން ކަން ކުރަމުން އައި ގޮތް ނަމޫނާއަކަށް ބަލާނެ ފުރުސަތު ދެމުންނެވެ.

އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާއެކުހެން ދެން ދިވެހިންނަށް އަޑު އިވެން ފެށީ "ކޮންޓެކްޓް ޓްރޭސިން" އޭ ކިޔާ އަޑެވެ. ކޮންމެ މީހެއްގެ ދުލު ކުރީގައި މި ބަސް އޮތްއިރު، ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ދިނުމަށާއި ކޮންމެ މީހަކު ވެސް ފާއިތުވި 14 ދުވަހުގެ ތެރޭގައި ދިމާވި މީހުންގެ ލިސްޓެއް ހަދައިގެން އުޅުމަށް ޑޮކްޓަރުންނާއި ކަމާ ގުޅޭ އިދާރާތަކުން ދިޔައީ ބުނަމުންނެވެ. 

އިތުރުވަމުން އައި ކޭސްތަކާއެކު ޕޮޒިޓިވްވި މީހުންނާ ދިމާވާ މީހުން ހޯދުން ވެގެން ދިޔައީ އުނދަގޫ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ސިއްރުކުރާ މައްސަލަތަކާއި އެއްވެސް ކްލަސްޓާ އަކާ ނުލާ ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން ސަރުކާރަށް ވެސް މަޖުބޫރުވީ އިތުރު ގޮތެއް ހޯދާށެވެ. 

ބައްދަލުވި މީހުންގެ ޑައިރީއެއް ހެދުމަށް ސަރުކާރުން ނަމޫނާއަކަށް ނެގީ ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުންނެވެ. ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، އެޗްޕީއޭއާއި ދިވެހި ޑިވެލޮޕަރުން ގުޅިގެން ކޮންޓެކްޓް ޓްރޭސިން ޑިޖިޓަލް ކޮށްދިނީއެވެ. ދިވެހިންނަށް ކޮންޓެކްޓް ޓްރޭސިން ފަސޭހަކޮށްދީ، ކޮންމެ މީހެއްގެ އަތުކުރީ އޮތް ފޯނުން، މާ ބުރަ މަސައްކަތަކާ ނުލާ ކޮންޓެކްޓް ޓްރޭސިން ހެދޭނެ މަގުފަހިކޮށްދިނެވެ. 

"ޓްރޭސް އެކީ" ގެ ނަމުގައި ތައާރަފްކުރި މޯބައިލް އެޕުން ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކައިރީގައިވާނަމަ ދެނެގަނެވެއެވެ. މި އެޕް ފަރުމާކޮށްފައިވަނީ ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު "ބީކަން" އެއް ފޮނުވާލައި، ބީކަންއެއް ފެނިއްޖެނަމަ، "ޓްރޭސްއެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރާ ގޮތަށެވެ. އެޕުގައި ރައްކާކުރެވޭ މައުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވި ނަމަވެސް އެމީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، އެޗްޕީއޭއަށް އެ ޑާޓާ ބޭނުންކޮށްގެން އޭނާއާ ބައްދަލުވި މީހުން ދެނެގަނެވޭނެއެވެ. 

އެޕް ތައާރަފް ކުރެވުނު ދުވަސްވަރު، ލޮކްޑައުން ދުވަސްވަރު ގޭގައި ތިބެ ވެސް ގިނަ ބަޔަކު މި އެޕް ޑައުންލޯޑްކޮށް ބޭނުން ކުރިއެވެ. ނަމަވެސް މިކަން މާ ގިނަ ދުވަހަކު ކުރިއަކަށް ނުދިޔައެވެ. "ޓްރޭސްއެކީ" ގެ ނަން ހަނދާނުން ފޮހެވި، ފޯނުގެ ސްޓޯރެޖު ފުރިގެން ޑިލިޓު ކުރި އެޕަކަށް ވެގެންދިޔައެވެ. ކޮންޓެކްޓް ޓްރޭސިން ހެދުމަކީ އެޗްޕީއޭއިން ކުރަން ޖެހޭ ކަމެއް ކަމަށް ވިސްނައި މުޅިން އެޗްޕީއޭއަށް ބަރޯސާ ވަމުންނެވެ. "ޓްރޭސްއެކީ" ކާމިޔާބު އެޕަކަށް ހެދުމަށް އެޕު ރަނގަޅަށް ބޭނުން ކުރަން ޖެހޭކަމަށް އެޗްޕީއޭއިން ތަކުރާރުކޮށް ބުނަމުން އައި ވާހަކައަށް ދިނީ ބީރު ކަންފަތެކެވެ. 

ކޮވިޑްގެ ރާޅަކަށް ފަހު ރާޅެއް ރާއްޖެއަށް އަރަމުން އައިއިރު، ކޮންޓެކްޓް ޓްރޭސިން ހެދުން ވެގެން ދިޔައީ ކުރަން އުނދަގޫ ކަމަކަށެވެ. ދުވާހަކު 1500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވުވުމުން، ކޮންމެ މީހަކު ދިމާވި މީހުންގެ ނަން ނޯޓުކޮށް އެމީހުނަށް ގުޅައި ކަރަންޓީނުވާން ބުނުން ވީ އެޗްޕީއޭގެ ކޮންޓެކްޓް ޓްރޭސިން ޓީމަށް ވެސް ނުއުފުލެވޭ ވަރުގެ ބޮޑު ބުރައަށެވެ.

ކަންތައް މިހިސާބަށް ދިއުމުން އެޗްޕީއޭއިން ދެން ނިންމީ ހަމައެކަނި ކޮވިޑްގެ ހައި ރިސްކު މީހުންގެ ހައި ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. ދެން ތިބި ފަރާތްތައް ފަރުދީ ޒިންމާ އަދާކޮށް އަމިއްލައަށް ކަރަންޓީނުވާށެވެ. އެއާއެކު ދެން އަނެއްކާ ވެސް ގޯސްވީ އެޗްޕީއޭއެވެ. އެޗްޕީއޭ ކަންނެތް ވީއެވެ. ކަންފަސޭހަކޮށްލީއެވެ. ފަރުދީ ޒިންމާގެ މަތިން ހަނދާނެއް ނެތެވެ. މި ދުވަސް އައުން ހުއްޓުވަން އެޗްޕީއޭއިން ފަހިކޮށްދިން ފުރުސަތުތަކުގެ މަތިން ހަނދާނެއް ނެތެވެ. "ޓްރޭސް އެކީ" ގެ މަތިން ހަނދާނެއް ނެތެވެ.

އެޗްޕީއޭއިން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަވަސްކުރުމުގެގޮތުން ވިހާވެސް ގިނަ ބަޔަކު މި އެޕް ބޭނުންކުރުމަށް  ބާރު އެޅިނަމަވެސް އެޕްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭ ކަން ފާހަގަކުރައްވާފައެވެ. އަދި މި އެޕް ބޭނުން ކުރާ ފަރާތްތަކަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް އިތުރަށް ޑިވޮލޮޕް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އެޕް އިތުރަށް ތަރައްގީ ކުރަމުން އަންނައިރު، އެޕްގެ ބޭނުން ރަނގަޅަށް ހިފުމަށް ކޮންމެ ދިވެއްސަކު ވެސް އަމާޒު ހިފަން ޖެހެއެވެ. މިއީ ހަމައެކަނި އެޗްޕީއޭގެ ޒިންމާއެއް ކަމުގައި ނުދެކި، ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. ސިއްހީ މާހިރުންގެ އިރުޝާދާ ލަފާގެ ދަށުން "ކޮންޓެކްޓް ބަބްލް" ކުޑަކޮށް، ދިމާވި މީހުންގެ ޑައިރީއެއް "ޓްރޭސްއެކީ" މެދުވެރިކޮށް ގެންގުޅެން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް