ads
ހަނިމާދޫ، ވިލުވެލި ހޮލިޑޭ ރީޓްރެޓް
ޑރ ވަހީދުގެ ބޮޑީގާޑުން "މަތިމައްޗަށް" ޖޫރިމަނާ ކޮށްފި
ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ބޮޑީގާޑުންގެ ގޮތުގައި ހަރަކާތްތެރިވާ ސިފައިންގެ ބަޔަކު ކަރަންޓީނު އުސޫލާ ހިލާފުވެގެން "މަތިމައްޗަށް" ޖޫރިމަނާކޮށްފިއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ސީއެންއެމްއަށް ވިދާޅުވީ ޑރ. ވަހީދުގެ ބޮޑީގާޑުން ޖޫރިމަނާކޮށްފައިވަނީ އެ މީހުން ކަރަންޓީނުކޮށްފައި ތިބި އިމާރާތުގެ އެޕާޓްމަންޓުން ނުކުމެގެން ރައީސް ވަހީދު ހުންނަވާ އެޕާޓްމަންޓަށް ވަތްކަމަށް ސިފައިން އެއްބަސްވުމުން ކަމަށެވެ.

" ނޫވިލު ކިޔާ ގެއެއްގައި ހިންގާ ގެސްޓްހައުސްގައި ރައީސް ވަހީދު ހުންނަވާ އެޕާޓްމަންޓަށް ސިފައިން ވަތްކަމަށް އެ މީހުންވަނީ އެއްބަސްވެފައި. އެ އެޕާޓްމަންޓަށް ވަނީ ބްރީފިންއެއް ދިނުމަށް ކަމަށް ވެސް ބުނި. ނަމަވެސް ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި، ހުއްދަ އަކާ ނުލައި ނިކުމެ ގެއަކަށް ވަނުމުގެ ސަބަބުން މި ދެ ސިފައިން ވަނީ ޖޫރިމަނާކޮށްފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ މޮނިޓަރިންގެ ހާލަތުގައި އޮއްވައި ހުއްދަ ނުނަގާ ރައީސް ވަހީދުގެ ހުންނަވާ ގެސްޓް ހައުސްގެ ދޯންޏެއްގައި ރައީސް ވަހީދުގެ ބޮޑީގާޑުން ޖެހިގެން އޮންނަ ބާރަށަށް ދިޔަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. ހުއްދަ ނުނަގާ ބާރަށަށް އެރުމުން، އެރަށުން ވެސް ރައީސް ވަހީދުގެ ދެ ބޮޑީގާޑުން ޖޫރިމަނާކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ބޮޑީގާޑުން ގަވާއިދާ ހިލާފަށް ބާރަށަށް އެރިކަމުގެ މައުލޫމާތު ބާރަށު ކައުންސިލަށް އެނގިފައިނުވާކަމަށް އެރަށު ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަނިމާދޫން ފުރައިގެން ބާރަށަށް ގޮސް އެރަށަށް އެރި ދެ މީހަކު ޖޫރިމަނާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފިރާޤް ވިދާޅުވީ ނޫވިލް ގައި ކަރަންޓީނުގައި ތިބީ ޑރ ވަހީދުގެ 3 ބޮޑީ ގާޑުންކަމަށާއި، އޭގެތެރެއިން އެކަކު މިމަހުގެ ފަސް ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެއާއެކު ނޫވިލްގައި ވަނީ އެބޭފުޅުން ކަރަންޓީނު ކޮށްފައެވެ.

ޑރ ވަހީދު ހުންނެވި ގެސްޓް ހައުސް އާއި އަދި އެމަނިކުފާނުގެ ބޮޑީގާޑުން ކަރަންޓީނުގައި ތިބި އިމާރާތަކީ ވެސް އެއް ބްލޮކްއެއްގައި ހުންނަ ބައެއްކަމަށް ވެ އެވެ. އަދި ތުންތުން މަތީން ރައީސް ވަހީދު ހުންނަވާ ގެސްޓް ހައުސްއަށް ބޮޑީގާޑުން ވަންނަވާކަމުގެ ވާހަކަ ދެކެވެމުން އައިކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުރި ބޭފުޅެއްގެ ފަރާތުން އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ފުރަތަމަ ގަބޫލެއް ނުކުރާ ކަމަށް ފިރާޤު ވިދާޅުވިއެވެ.

 ޑރ. ވަހީދުގެ ހިއްސާއެއް އޮންނަ ގެސްޓްހައުސްގައި ވަހީދު ހުންނަވާ އެޕާޓްމަންޓަށް ދެ ބޮޑީގާޑުންގެ ވަންނަ މަންޒަރު ދެ ކައުންސިލަރުންނަށް ވެސް ފެނިފައިވާކަމަށް ފިރާގު ވިދާޅުވި އެވެ. އަދި ހަމަ ވަގުތުން އެކަމުގެ ރިޕޯޓު ރަށުގެ ހެލްތް ސެންޓަރަށާއި ފުލުހުންނަށްވެސް ކުރިކަމަށް އޭނާ ވިދާޅުވި އެވެ.

62%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް