ads
ކުށްކުރުން: ފުލުހުން އުޅޭހެން ހީވޭތަ؟
މިދިޔަ 04 ވަރަކަށް ދުވަސްތެރޭގައި މީސް މީޑިއާ ފުރިގެން ބަންޑުންކޮށްލީ މިސްކިތްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނިދާފައި ތިބި ފޮޓޯ ތަކާއި އެކުގައެވެ. މިއާއިއެކު ދިވެހީންގެ ނުރުހުމުގެ ބަސްތަކާއި، އެއަށް ޒިންމާ ވާންޖެހޭ މީހުން ކޮބައިތޯ ބުނެ އެމީހުންގެ ޝުޢޫރުތައް ހިއްސާކުރަމުންދިޔައެވެ.

މި ދެންނެވުނު ފޮޓޯތައް ޢާއްމުކުރެވި، އެކަމާއި ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ބަހެއް ނުބުނެވިގެން އުޅެނިކޮށް ދެން ފެނިގެން ދިޔައީ ޢާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، މިސްކިތްތަކުގެ ތެރެއިން މަސްތުވެފައިވާ ހާލުގައި ތިބި ބައެއްކަމަށް ބެލެވޭ ބަޔަކު ބޭރަށް ނެރެ، ފުލުހުންނާއި ޙަވާލުކުރެވުނު ވާހަކައާއި، މިކަމާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ އެވެ. މިއާއި އެކު ޖެހިގެން އައި ދުވަހު މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި 15 މީހަކު ބަންދުކުރެވުނު ވާހަކަ ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަ ކުރިއެވެ.

ދެންވެސް މީސްމީޑިއާއިން ފާހަގަ ކުރެވުނު ޚަބަރެކެވެ. މާލޭގެ ފަޅުގައި އަޅާފައިވާ ލޯންޗެއްގައި ހަރުކޮށްފައި ހުރި ނެވިގޭޝަން އިންސްޓްރޫމެންޓްސް ތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް ބުނެ ޢާއްމުކޮށްފައިވާ ފޮޓޯ ތަކެކެވެ. މިފަހަރު ލޯންޗްގެ ވެރިފަރާތްކަމަށް ބުނާ ފަރާތުން ހާމަކޮށްފައިވަނީ، ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިޙްތިރާމްކުރުމުގެ ގޮތުން ގޭގައި ތިއްބާ، ލޯންޗުން ވައްކަންކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނު ވާހަކައެވެ. ޒިންމާ ނަގާނީ ކާކުތޯ އޭ ބުނެ އުފައްދައިފައިވާ ސުވާލެވެ.

މިއަދު ހެނދުނު އިރުއަރައިގެން އައީ ވައްކަމުގެ އިތުރު ދެ މައްސަލައެއްގެ ވާހަކައިންނެވެ. ކަނބާއައިސާރަނި ހިނގުމުގައި ހުންނަ މެޑިސިން ވޯރލްޑް ނަމަކަށް ކިޔާ ބޭސްފިހާރައެއް ފަޅާލައި، ވައްކަން ކުރި ވާހަކަ އާއި، މާވެޔޮމަގުގައި ހުންނަ ބެސްޓްބައި ނަމަކަށް ކިޔާ ފިހާރައަކުން ވައްކަންކޮށް، މިލިއަނަކާއި ގާތްކުރާ އަދަދަކަށް އަގުކުރެވޭ މުދާތަކެއް ވަގަށްނެގި ވާހަކަ އިންނެވެ. ނަސީބު ދިމާކުރިގޮތުން، ބެސްޓްބައި ފިހާރައިން ވައްކަން ކޮށްގެން ނިކުންނަނިކޮށް، ޢާއްމުރައްޔިތަކަށް ފެނި، ފުލުހުންނަށް އެންގުމުން، އެފިހާރައިން ގެންދިޔަ ތަކެތި ވަނީ ހޯދާފައެވެ.

މީގެ އިތުރުންވެސް، ކޮންމެވެސް ސައިކަލެއް ގެއްލިގެން އެހީއަށް އެދި ކޮންމެދުވަހަކު ކަހަލަ ގޮތަކަށް މީސްމީޑިއާގައި ރައްޔިތުންނާއި އަދި ފުލުހުން ކޮށްފަ ހުންނަ މެސެޖްތައްވެސް އެހެރީ ފެންނާށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ރައްޔިތުންގެ މުދާތައް ރައްކާތެރިކޮށްދޭން ހުރި މުވައްސަސާއެވެ. މިހާހިސާބަށް ކަންތައް ދިޔުމުން، ފުލުހުންނަށް، ފުލުހުންގެ ހުވަޔާއި އެއްގޮތަށް މަސައްކަތް ކުރެވޭތޯ ސުވާލު އުފެދެއެވެ. ތެދެއްމެއެވެ. ކާފިއު ގަޑީގައި ބޭރަށް ނިކުމެ އުޅޭ ފަރާތްތައް ޗެކްކުރަން މަގުމަތީގައި ފުލުހުން އުޅޭތަން ފެނެއެވެ. އެހެންނަމަވެސް، ޕެޓްރޯލިންގައި އުޅޭ ފުލުހުން ކޮބައިތޯ ސުވާލުކޮށްލެވޭހާ ވަރުވެއެވެ. ޢާއްމުރައްޔިތުންގެ ސުވާލު އުފައްދާ ވަރަށް މައްސަލަތައް ގިނަވެއްޖެ ކަމަށް ގަބޫލުކުރާ ވަރަަށް މައްސަލަތައް (ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް) ގިނަވެއްޖެހެން ހީވާންފަށައިފިއެވެ. ފުލުހުންގެ ތަފާސްހިސާބު ތަކަށް ބަލާއިރު، ފާއިތުވެގެންދިޔަ އަހަރަކީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު އަހަރެއްކަމަށް ފެންނަން އޮތަސް، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދު މަދުވަނީ ހަމައެކަނި ކުށްކުރާ ރޭޓް ދަށްވެގެންތޯ ސުވާލު އުފައްދާ، ރަނގަޅު ދިރާސާއެއް ކުރަންޖެހޭކަމަށް ފެނެއެވެ. އެހެނީ، ފެންނަ އަދި އިވޭ އަޑުތަކައް ބަލާއިރު، ކުރިން ދެނެވިހެން މައްސަލަތަކުގެ ޢަދަދުތައް މަދު ކަމަށް ނުފެންނާތީ އެވެ. ވައްކަމާއި، ފޭރުމާއި ފޮށުން އަދި ޖިންސީ ފުރައްސާރައިގެ ވާހަކަ ތަކުން މުޅި މީސްމީޑިއާ އޮންނަނީ ކޮންމެ ދުވަހަކުހެން ގުގުމާފައެވެ.

ކުށްމަދުކުރުމަށް ކުރެވޭނެ ކަންތަކުގެ ތެރޭގައި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ފުލުހުންގެ ދައުރު އޭގެ އެއްމެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހެއެވެ. އޭގެ ތެރޭގައި، މަގުތަކާއި ޢާއްމު ތަންތަނުން ފުލުހުން ފެންނަވަރު މިހާރަށްވުރެ އިތުރުކުރުން މުހިއްމެވެ. އަދި، ރޭގަނޑު ދަންވަރު މަގުމަތީގައި އުޅޭ ފަރާތްތައް އެއުޅޭނީ ކޮންބޭނުމެއްގައި ތޯ ބަލައި، ޢާއްމުރައްޔިތުންނަށް ތިމަންނަމެން ތިބިކަމުގެ އިޙްސާސްކޮށްދެއްވަން އެބަޖެހެއެވެ. ޚާއްސަގޮތެއްގައި، ޕެޓްރޯލިންގ މިހާރަށް ވުރެ އިތުރުކުރަން ޖެހެއެވެ. ހަމައެކަނި ވެހިކަލް (ސައިކަލް ނުވަތަ ކާރު) ގައި މަގުމަތީގައި ދުއްވުމަކުން އަދި ފުލުހުން މަގުމަތީގައި އުޅޭކަމުގެ އިޙްސާސެއް ނުވާނެއެވެ. ފައިމަގުގައި ޕެޓްރޯލް ކުރާ ފުލުހުން އިތުރު ކޮށް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ހައްދަވާށެވެ. މާލެ އަކީ އަދި ރާއްޖޭގެ ރަށްތަކަކީ ހިނގާފައި ނޫޅެވޭ ވަރުގެ ބޮޑުތަނެއް ނޫނެވެ. އަދި މިއާއެކު، މީސްމީޑިއާގައި ކޮންމެ ދުވަހަކުހެން ޢާއްމުން ދައްކަމުންދާ ވާހަކަތަކާއި ޙިއްސާކުރާ މަޢުލޫމާތުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީ ވެސް މުހިއްމުކަމެކެވެ.

ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ އެއްމެ އެދެވޭ ގޮތްކަމަށް ސިއްހީ މާހިރުން ލަފާދެނީވެސް، ބައްޔެއް ވެއްޖެނަމަ، ބަލިން ރަނގަޅުވާން ކުރަންޖެހޭ މަސައްކަތާއި ޚަރަދު ބޮޑުކަމުންނެވެ. ހަމަ މިގޮތަށް، ކުށް ކުރުމުގެ ކުރިން ކުށުން ރައްކާތެރި ވުމަކީ ވެސް އެހާ ބޭނުންތެރިކަމެކެވެ. އެހެނީ، ވައްކަން ކުރުމަށް ފަހު، ވަގަށް ނަގާފައިވާ މުދާތައް ހޯދުމަކީވެސް ނުވަތަ މާރާމާރީ އެއް ހިންގުމަށް ފަހު، އޭގެ ސަބަބުން ލިބޭ ގެއްލުމުން އަރައިގަތުމަކީވެސް އެހާ އުނދަގޫ ކަމަކަށް ވާތީއެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް