ads
ސޯލާ ޕެނަލް
14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމް ގާއިމުކުރަން ހުޅުވާލައިފި
އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11-14 މެގަވޮޓް ސޯލާ ހަކަތައިގެ ނިޒާމް ގާއިމުކުރުމަށް ހުޅުވާލައިފި އެވެ.

ވާލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން، ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11-14 މެގަވޮޓް ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހުޅުވާލާފައެވެ. 

އެގޮތުން މި ނިޒާމު ގައިމުކުރެވޭ ރަށްތަކަކީ: 

  • ގއ. ވިލިނގިލި
  • ދ. ކުޑަހުވަދޫ
  • ށ. ފުނަދޫ
  • ޅ. ނައިފަރު
  • ލ. ފޮނަދޫ
  • ލ. ގަން
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ކުނަހަންދޫ
  • ލ. މާބައިދޫ
  • ލ. ދަބިދޫ
  • ލ. މާވަށް
  • ލ. އިސްދޫ
  • ލ. ކަލައިދޫ  

އެމަޝްރޫއަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 9 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިއެވެ. އެ މަޝްރޫއަށް ބީލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫއުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުންވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫއިން ޖުމްލަ 36 މެގަވޮޓް ސޯލާ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވަރގެ ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫއުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ. 

މިނިސްޓްރީން ބުނީ، ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫއުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުން ކަމަށެވެ. 

ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު 20 އިންސައްތަ އިތުރު ކުރުން ހިމެނެއެވެ. އޭގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް