ads
ރައީސް ސޯލިހް އާއި ޢުއްތަމަ ފަނޑިޔާރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް
ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސަން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ގެކޮޅު ދައުލަތުން ހަމަޖައްސާގޮތައް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށާއި އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި ބިލުތައް ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުއެވެ. އަދި މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ރައީސް ސޯލިހް އެންގެވީ މިދިޔަ މަހުއެވެ. 

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނާއި އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިންވެސް ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނެވެ.

އެ ދެބޭފުޅުންގެ ހުރުމުގެ ކަންކަމާއި ހުރިހާ ހަރަދެއް ހަމަޖައްސާނީ އެ ބޭފުޅަކު ނިސްބަތްވާ މުއައްސަސާއަކުންނެވެ. 

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ އެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމާއި، ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމެވެ. 

ޒަރީރު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ މަޖިލީހަށް މިއަދު ހާޒިރުވީ 61 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. 

ނިހާދު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ތިބި 60 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. އަދި މި ބިލު ފާސްކުރަންވެސް  ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް