ads
މަރާލި ކުއްޖާގެ ބައްޕަ ދެކޭގޮތުގައި އިހުމާލުތަކެއް އެބައޮތް!
މަރާލި ކުއްޖާގެ ބައްޕަ ދެކޭގޮތުގައި އިހުމާލުތަކެއް އެބަ އޮތް
މަރާލާފައި އޮއްވާ ފެނުނު އުމުރުން އެންމެ 13 އަހަރުގެ ކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހުގެ 20ވަނަ ދުވަހު އެވެ. އޭނާ ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތަށް ފުރަތަމަ މައުލޫމާތެއް ދިނީ އާއްމުންގެ މީހެއްގެ ފަރާތުން ހުޅުމާލެ ފުލުހުންގެ އިދާރާއަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އާންމުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކުރަމުންދާ ކަމަށް އާންމު މީހަކު ރިޕޯޓް ކުރުމާގުޅިގެން ފުލުހުން އެ ސަރަހައްދު ބަލަމުންދަނިކޮށް އެކުއްޖާގެ ފުރާނަ ނެތް ހަށިގަނޑު ފެނިފައި ވަނީ، މިދިޔަ ހޯމަ ދުވަހުގެ މެންދަމު 2:38 ހާއިރު، އެ ސަރަހައްދުގެ މޫދުން ފޮއްޓަކަށްލާ އެއްލާލާފައިވަނިކޮށެވެ. 

"އިރުއުތުރު ފަރާތުގެ ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ވަނީ ގެެއްލިގެން ހޯދާ 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނިފައި. އެ މައްސަލާގައި ފުލުހުންވާނީ ތުހުމަތު ކުރެވިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާ 27 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ހައްޔަރުކުރެވިފައި" ފުލުހުން ބުނެފައިވެއެވެ.

ރަހީނުކޮށްގެން ގެންގުޅުމަށް ފަހު ބޮޑެތި ޒަހުމަތަކަކާއިއެކު މާރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުމާގުޅިގެން ފުލުހުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާދިސާގެ އެހެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އެެހެންނަމަވެސް ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. 

އެ ކުއްޖާގެ ބައްޕަ ސީއެންއެމް އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅު ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލުމަށް ފަހު ފޮއްޓަކަށްލާ އެއްލާލިކަމުގެ ހިތާމަވެރި ހަބަރު ލިބުނުއިރު އޭނާ ހުރީ މަސްވެރިކަން ކުރުމަށް އޭނާ އުޅޭ ބޯޓުގައި ކަނޑުމަތީގަ ކަމަށެވެ. އެ ހަބަރު ލިބުނީ އެކީގައި ދޯނީގައި އުޅޭ އެ އާއިލާގެ މީހެއްގެ ކިބައިން ކަމަށް އޭނާ ބުންޏެ އެވެ. 

އެކުއްޖާގެ ބައްޕަ އާއި މަންމަގެ ކާވެނި ރޫޅިފައިވަނީ އެ ކުއްޖާ ވަަރަށް ކުޑައިރު، މީގެ 12 ވަރަކަށް އަހަރުކުރިންނެވެ. އޭނާ މިހާރު އުޅެނީ އޭނާގެ ރަށުގައި އާ ދިރިއުޅުމެއްވެސް ފަށައިގެންނެވެ. އުމުރުން 13 އަހަރުގެ ކުއްޖާ ހުންނަނީ އޭނާގެ މަންމަކައިރީ މާލޭގައެވެ. ބައްޕަ ބުނީ ދުރުގައި ހުރިނަމަވެސް ވަރަށް ގިނައިން ގުޅައިގެން ދަރިފުޅާ ވާހަކަ ދައްކާ ކަމަށާއި، އެންމެ ފަހުން ވާހަކަ ދެއްކި ފަހަރުވެސް ވާހަކަ ދެއްކީ ވަރަށް މަޖާކޮށް، ވަރަށް ހިތްހަމަ ޖެހިގެން ހުރެކަމަށެވެ. ބަޔަކު އުނދަގޫކުރާކަމުގެ ނުވަތަ ގޯނާ ކުރާކަމުގެ އެއްވެސް ވާހަކައެއް އެއިން އެއްވެސް ފަހަރަކު ނުދައްކާ ކަމަށް އޭނާ ބުންޏެ އެވެ. 

އެހެންނަމަވެސް އެންމެ ފަހުން ވާހަަކަ ދެއްކިފަހަރު "މިހާރު އަމިއްލައަށް މާލޭގެ އެކަނި މަގުތަކުގައި ހިނގަން އެނގޭ" ކަމަށް ބުނިކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެ އެވެ. އޭނާ ބުނީ އެފަހަރުވެސް ތަންތަނަށް ނުދިއުމަށް އެދިފައިވާނެ ކަމަށެވެ. އެެހެންނަމަވެސް އަބަދު ދަތުރުމަތީގައި އުޅުމާއި ރަށުގައި ދުރުގައި ހުންނަން ޖެހިފައިވާތީ މާލެ ގޮސް ބައްދަލުވެ ނޫޅެވޭ ކަމަށެވެ. އެ ކުއްޖާގެ ބައްޕަ ބުނީ އެންމެފަހުން ދަރިފުޅާ ބައްދަލުވީ މިދިޔަ އަހަރު ތެރޭގަ ކަމަށެވެ.

ކައިވެނި ރޫޅިފައިވުމާއި ދެތަނެއްގައި އުޅެން ޖެހުމުން ދަރިފުޅަށް ބޭނުންވާ ވަަރަށް ވާހަކަ ދައްކާ ހެދުމުގެ ފުރުސަތު މަންމަ ނުދޭކަމަށް އެ ކުއްޖާގެ ބައްޕަ ބުނެއެވެ. ދަރިފުޅުގެ މަރުގެ ސަބަބުން ހިތްދަތިކަން ލިބިފައިވާ ބައްޕަ ތުހުމަތު ކުރާގޮތުން ދަރިފުޅުގެ މަރުގައި ޒިންމާ ދަރިފުޅު ބަލަހައްޓާ މީހާ ނަގަން ޖެހޭނެ އެވެ. ދަރިފުޅު ތަންތަނަަށް ގޮސް ބަޔަކާ އެކު އުޅޭއިރު އެމައުލޫމާތު ވެސް އޭނާއަށް އަންގާފައިނުވާ ކަމަށާއި، ދަރިފުޅު ގާތުގައި ބެލެނިވެރިއެއްގެ ގޮތުން ހުންނަ މީހަކު އޭނާ ގޭގައި މަޑުކުރުވައިގެން ރަނގަޅަށް ބަލަން ޖެހޭނެކަމަށް ބައްޕަ ބުނެ އެވެ. 

"މަންމަގެ އިހުމާލުން ނޫންނަމަހީ 13 އަހަރުގެ ކުއްޖަކު ބޭރަށް ގޮސްގެން ނުވާނެތާ އެކަނި. ގެއިން ބޭރަށް ދާން ފެށީމަ ނުދާށޭ ބުނެފައި ގޭގައި މަޑުނުކުރަންޏާ ފުލުހުންނަށް ގުޅައިގެން ވެސް ގޭގައި ބަހައްޓަން ޖެހޭނެތާ. ދަރިއެއް ވިއްޔާ. އެއީ ހަމަ 100 ޕަސެންޓު އިހުމާލެއް،" ކުއްޖާގެ ބައްޕަ ބުނުންޏެ އެވެ. 

އެ ކުއްޖާގެ މަރާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަ މިނިސްޓްރީން ބުނީ އެކުއްޖާއަކީ އެހާދިސާގެ ކުރިންވެސް މިނިސްޓްރީގެ ފަރާތުން ސޯޝަލް ސަޕޯޓް ދެމުން އައި ކުއްޖެއް ކަމަށެވެ. 

އެހެންނަމަވެސް ކުއްޖާގެ ބައްޕަ ބުނީ އެފަދަ އެއްވެސް މައްސަލައެއް  އުޅެގެން އެފަދަ ގޮތަކަށް ބަލަހައްޓަމުން ދިޔަކަން ބައްޕައެއްގެ ހައިސިއްޔަތުން އޭނާއަށް އެއްވެސް ތަނަކުން އަންގާފަ ނުވާކަމަށެވެ.

ކުއްޖާގެ ބައްޕަ ބުނަނީ މަރުވި ދަރިފުޅުގެ އިތުރުން އިތުރު ދެ ކުދިން ކުރީގެ އަނބިމީހާއަށް ތިބޭނެ ކަމަށެވެ. ދަރިފުޅުގެ މަރާ ގުޅިގެން ދެން ދެއްކެން އޮތް ވާހަކައެއް ނެތްކަމަށާއި ދަރިފުޅު އެދިޔައީކަމަށް އޭނާ ބުންޏެ އެވެ. އަދި އަނބުރާ ނާންނާނެ ކަމަށެވެ. އެހެންނަމަވެސް ދަރިފުޅުގެ މަންމަ ގާތުގައި ބުނަން ބޭނުންވާ ވާހަކައެއް އެބައޮތްކަމަށް ބުނެ އޭނާ ބުނީ ދެން ތިބި ކުދިންވެސް ނުބެލޭނަމަ އޭނާ އާ ހަވާލުކުރަން އެދޭ ކަމަށެވެ. އޭނާ ބުނީ މަރުވެދިޔަ ދަރިފުޅަށް ވީފަދަ ހިތާމަވެރިގޮތެއް ދެން ތިބި ކުދިންނަށް ވާން ނޭދޭކަމަށެވެ. 

ކުއްޖާގެ މަންމަ ފަރާތުން ބަހެއް ހޯދާލުމަށް ސީއެންއެމްއިން މަސައްކަތް ކުރިނަމަވެސް ފޯނަށް ޖަވާބު ނުދޭތީ މަންމަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

ބޮޑެތި ޒަހަމުތަކާ އެކު 13 އަހަރުގެ ކުއްޖާ ފޮއްޓަކަށްލާ އެއްލާލާފައި ވަނިކޮށް ފެނުނުއިރުވެސް ކުއްޖާގެ ފުރާނައެއް ނެތެވެ. މުޅި މޫނު ވަނީ ކަޅުވެފައެވެ. މޫނު ކަޅުވެފައިވަނީ ގިނަ އިރު ފެނު ތެރޭގައި އޮތުމުން ކަމަށް ބެލެވެއެވެ. ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުރި އިރު އެއް ލޮލުގެ މަސްގަނޑު ބޭރަށް ފުރޮޅިފައިވާކަމަށްވެ އެވެ. އަނެއް ލޯ މެރިފައިވާއިރު ދުޅަވެފައި ހުރިކަމުގެ ނިޝާންތައް ހުރިކަމަށް ވެ އެވެ. މައުލޫމާތު ލިބޭގޮތުން ކުއްޖާވަނީ ރޭޕްވެސް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން މިކަންކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކުއްޖާގެ ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލަމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

ކުއްޖާގެ މޫނު ދެއްކުން އޮތީ އަންގާރަ ހެނދުނު އައިޖީއެމްއެޗްގައެެވެ. އެ ސަރަހައްދުން ފެންނަމުންދިޔަ މަންޒަރުތަކާއި އަޑުތަކުން މުޅި އައިޖީއެމްއެޗް ވަށާލާފައިވަނީ ކުއްޖާގެ މޫނު ބެލުމަށް ޖަމާވަމުންދިޔަ މީހުންނާއި އާއިލާގެ މީހުންގެ ވޭނީ ރުއިމުގެ އަޑުންނެވެ. މޫނު ބަލާފައި އެތަނުން ނިކުންނަ ކޮންމެ މީހެއްގެ މޫނުމަތީގައި ވަނީ ހައިރާންކަމާއި ހިތްދަތިކަމެވެ. ގިސްލުމުގެ އަޑުން ތަން ގުގުމަމުންދިޔައިރު، ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދިފައިވާ ސުވާލަކީ އެއް ސުވާލުތަކެއްހެން ހީވެއެވެ. 

އެފަދަ ކުޑަކުޑަ ފުރާނައަށް އެހެން ހަދަން ކެރުނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟

20%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް