ads
ޑރ. މުހައްމަދު އިޔާޒު--
އަންހެން ކުދިން ހިތާނު ކުރަން ޖެހޭތަ؟
އަންހެން ކުދިން ހިތާނު ކުރުމަކީ ރާއްޖޭގައި ކުރީ ޒަމާނުގައި ކޮށް އުޅުނު ކަމެއް ނަމަވެސް އެކަން ވަނީ ފަހުން ދިވެހި ރާއްޖޭގައި އާއި ދުނިޔޭ ގެ އެކި ގައުމުތަކުން މުޅިހެން ހުއްޓާލާފައިއެވެ. ނަމަވެސް އަނެއްކާވެސް އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ވާހަކަ ދައްކަވަން ފައްޓަވާފައެވެ.

އަންހެންކުދިން ހިތާނުކުރުމުގެ ސަބަބުން އެކުދިންގެ ސިއްހަތަށާއި ބައެއް ފަހަރަށް ފުރާނައަށް ވެސް ނުރައްކާވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދ.ގެ ކަމާބެހޭ ޖަމާއަތްތަކުން ކުރަމުން ގެންދިޔަ ގިނަގުނަ މަސައްކަތުން ބައެއް ޓްރައިބަލް މުޖްތަމައުތައް ފިޔަވައި އަންހެން ކުދިން ހިތާނުކުރުމުގެ ނުރައްކަލުން ގައުމުތައް ވަނީ ސަލާމަތްކުރެވިފަ އެވެ. އެގޮތުން 1970ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައިވެސް އަންހެން ކުދިން ހިތާނުކުރުމުގެ އާދަކާދަވަނީ ހުއްޓުވާލެވިފައެވެ.

ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފް މިކަމަށް ހިތްވަރުދީ ވާހަކަ ދައްކަން ފެށުމާ އެކު މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިވަނީ މިމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅުއްވާފައިއެވެ. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)، އަށް ހިތްވަރު ދީފައިވާ ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވާތީ އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މިކަމާމެދު އާއްމުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ސިއްހީ ދާއިރާގެ ބޭފުޅުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޑޮކްޓާސް އެމްވީ ސައިޓްގައި ލިޔެފައިވާ ލިޔުމެއްގައިވާގޮތުގައި "މިކަން މިގޮތަށް އޮތުމުގެ އިތުރުން އަންހެން ކުދިން ހިތާނުކުރުމަކީ އެކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެ ކަމެއްކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ."

އަންހެން ކުއްޖާ ހިތާނު ކުރުމުން އަންހެން ކުއްޖާއަށް ވަގުތުން ކުރިމަތިވެދާނޭ ބައެއް ގެއްލުންތަކާއި ދިގު މުއްދަތަކަށް ލިބިދާނެ ގެއްލުންތަކެއް ވެއެވެ. އަންހެން ކުއްޖާއަށް ވަގުތުން ކުރިމަތި ވެދާނެ ގެއްލުން ތަކުގެތެރޭގައި ގަދަޔަށް ރިހުމުގެ އިތުރުން އާދަޔާ ހިލާފަށް ގިނައިން ލޭ ފޭބުމާއި (ހެމަރޭޖް) ކުރިމަތި ފަރާތުގައި އުފެދިފައި ހުންނަ ދުލިފަތް (ޓިޝޫ) ދުޅަވުމާއި ހުން އައުމުގެ އިތުރުން ޓެޓްނަސް ފަދަ ނުރައްކާތެރި އިންފެކްޝަން އުފެދުން އެކަށީގެންވާ ކަަމަށް ޑޮކްޓަރުން ބުނެއެވެ. މީގެ އިތުރުން ކުޑަކަމުދިއުމަށް ދަތިވުމުގެ އިތުރުން ފާރުގަނޑު ރަނގަޅުވުމަށް އުނދަގޫވުމާއި ޝޮކު ލިބުމުގެ އިތުރުން މަރުވުން ވެސް އެކަށީގެންވާ ކަމަށް މިކަމާގުޅޭ ގޮތުން ބައެއް ޑޮކްޓަރުން ހަދާފައިވާ ދިރާސާތަކުގައި ވަނީ ބުނެފައެވެ.

ދިގު މުއްދަތަކަށް ކުރިމަތި ވެދާނެ ކަންކަމާ މެދު ވިސްނާލާނަމަ ކުޑަކަމުދިއުމުގެ މައްސަލަތައް (ކުޑަކަމުދާ އިރު ތަދުވުން، ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އުފެދުން) ޖެހުމާއި، ކުރިމަތި ފަރާތުގެ މައްސަލަތައް (ޑިސްޗާޖުވުން، ހިރުވުން، ބެކްޓީރިއަލް އަދި އެހެނިހެން އިންފެކްޝަން އުފެދުން) އިތުރުވުމާއި މައްސަރުގެ މައްސަލަތައް (މައްސަރުގެ ދުވަސްވަރު އިތުރު ތަދު ތަހައްމަލު ކުރަން ޖެހުން، މައްސަރު ދުވަސްވަރު ހަށިގަނޑުން ލޭ ބޭރުވުމަށް ހުރަސް އެޅުން ފަދަ އިތުރު ކަންކަން) ގިނަވެގެން ދިއުން ހިމެނެއެވެ. މިކަންކަމުގެ އިތުރުން ނަފްސާނީ ގޮތުން ގެއްލުން ލިބުމުގެ (ޑިޕްރެޝަން، އެންޒައިޓީ، ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން) ފުރުސަތު ބޮޑުވެގެން ދާނެއެވެ. 

މިހާ ހިސާބުން އުފެދިގެން ދާ ސުވާލަކީ މިކަން ހުއްޓާލާފައި އޮއްވާ އަނެއްކާ ފަށަން ހިތްވަރު ދިނުމުގެ ބޭނުމަކީ ކޮބާ ބާވައެވެ؟  ނުވަތަ ލިބޭ ފައިދާ އަށް ވުރެ ލިބޭ ގެއްލުން ބޮޑުވެގެން ހިނގައިދާނެ ބާއޭ؟    

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް