
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ދިވެހިރާއްޖެއިން ސީޝެލްސް އަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުލްރައްޒާކު ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ވެވެލް ރަމްކަލަވަން އަށް އެރުވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ސީޝެލްސްގެ ރައީސްގެ ގެކޮޅު ސްޓޭޓް ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އުމަރު އަބްދުލްރައްޒާކު އެ ގައުމުގެ ނޫސްތަކަށް ވިދާޅުވީ، ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި ސީދާ ދަތުރުތުތައް ފެށުމުން ދެ ގައުމު ދެމެދުގައި ދަތުރުކުރާ މީހުން ގިނަވާނެ ކަމަށެވެ. ނަމަވެސް ދަތުރު ފަށާނެ ވަކި ދުވަހެއް އުމަރު އަބްދުލްރައްޒާކު ވިދާޅުވެފައެއް ނުވެއެވެ.
ސީޝެލްސްގެ ގައުމީ އެއާލައިނުން، އެއާ ޝީޝެލްސްގެ ވެބްސައިޓް ދައްކާގޮތުން މި މަހުގެ 26 އިން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ބުކިން ހެދޭނެއެވެ. އިކޮނޮމީ ކްލާހެއްގެ ޓިކެޓް އުޅޭނީ 279 ޑޮލަރަށެވެ. ބިޒްނަސް ކްލާސްގެ ޓިކެޓް ވިއްކަނީ 1373 ޑޮަލަރަށެވެ.
ކުރިން ރާއްޖެއާއި ސީޝެލްސްއާ ދެމެދު ދަތުރުކޮށް އުޅެނީ އެމިރޭޓްސް އެއާލައިންސް އިންނެވެ. އެ ފްލައިޓް ދަތުރު ކުރަނީ ދުބާއީ ގައި ޓްރާންސިޓް ކުރުމަށްފަހުއެެވެ.
ސީޝެލްސް އަކީފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ.