ads
ޖެންޑަ މިނިސްޓްރީން ވަނީ އޮންލައިން ނޫސް އަވަސް ޖޫރިމަނާކޮށް އިތުރު ދެ މީޑިއާއަކަށް އިންޒާރުދީފަ
ގާނޫނުތަކުގެ ފުށުއެރުން: މިފަހަރުގެ ރާޅު މީޑިއާ އަށް
މީޑިއާއިން ކުޑަކުއްޖެއްގެ ހަބަރު ގެނެސްދިން ގޮތުންނޭ ބުނެ ޖެންޑަ މިނިސްޓްރީން ވަނީ ނޫހެއް ޖޫރިމަނާކޮށް އެހެން ތިންނޫހަކަށް އިންޒާރު ދީފައެވެ.

ސުވާލަކީ މީޑިއާގެ ކަންކަމަކީ ޖެންޑާއާ ބެހޭ ކަންކަން ހެއްޔެވެ؟ މީޑިއާގެ ކަންކަން ބަލަހައްޓަންވެސް އެތައް ބެލެނިވެރީންނެއް އެބަތިއްބެވެ. އެކަމަކު މިފެންނަނީ ޖެންޑާއިން ކުރަންޖެހޭ ހަގީގީ މަސައްކަތްތައް ބަހައްޓާފައި މީޑިއާތަކަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާ ތަނެވެ. ޖެންޑާއިން ނޫހެއް ޖޫރިމަނާ ކޮށްފައިވަނީ، މީޑިއާއިން ކުޑަ ކުދިންގެ ހަބަރު އާންމުކުރުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ގެ 10 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި އަދި 53 ވަނަ މާއްދާއާއި ހިލާފްވެފައިވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން އެގާނޫނާއި ހިލާފްވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރުލިބިފައިވާތީ ކަމަށް ބުނެއެވެ.

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެކެވެ. އެފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހްގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް 53 ވަނަ މާއްދާގެ ދަށުން މިނިސްޓަރު އަޅަންވާނެކަމަށެވެ. 

އާއެކެވެ. އެކަން ކުރެވިދާނެއެވެ. ގާނޫނުތައް ހުރިގޮތުންނެވެ. މީޑިއާދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އެބައިމީހުންނަށް ވެސް އެބައޮތެވެ. އެހެންވީމާ އެކަން ކުރެވޭނެ އެވެ. އަދި ކިތައް އިދާރާއިން މީޑިއާ އާދެކޮޅަށް ފިޔަވަޅު އަޅައިފާނެބާވައެވެ. އެއިދާރާތަކަށް ހުރި ބާރުތަކުގެ ދަށުންނެވެ.

އެކަމަކު މިނިސްޓަރުގެ މަސްއޫލިއްޔަތު ހިމެނޭ 54ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އެގާނޫނުގެ ދަށުން މިނިސްޓަރަށް ފިޔަވަޅު އެޅޭނީ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ވަކި ފަރާތަކާ ހަވާލު ކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި ކަމަށެވެ.

ފިޔަވަޅު އެޅުމާއެކު ދެންއޮތީ އެކަން ކުށްވެރި ކުރުމެވެ. އަދި އެއީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދައި ބަހުސަކަށް މުޖުތަމައު ހުޅުވުމެވެ. ކޮންމެ ކަމެއްގައިހެން އުޅެންޖެހެނީ މިކަހަލަ ގޮތަކަށެވެ. އެއްގާނޫނުން އެއްކަމެއް ހުއްދަކުރާއިރު އަނެއްގާނޫނަކުން އެކަންމަނާ ކުރާ ތަންވެސް ފެނެއެވެ. ގާނޫނުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ގެއްލުން ލިބެނީ އެކި ފަހަރު އެކި މީހުންނަށެވެ. 

މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން އެޅި ފިޔަވަޅުތަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ނޫސްބަޔާނެއް ނެރެފައެވެ. ބަޔާނުގައި ވަނީ ޖެންޑާއިން މިފިޔަވަޅު އެޅީތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ކިތަންމެ ކަންބޮޑު ވިޔަސް އެފިޔަވަޅު ނާޅާ ކަމަކަށް ނުވާނެއެވެ. 

"އެހެންނަމަވެސް، 24 ޖޫން 2021ގައި، މި ހާދިސާއާ ގުޅޭ ޚަބަރުތައް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީއިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) ން އެ މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅާފައިވާތީ، އެކަމުގެ ކަންބޮޑުވުން ކޮމިޝަނުން ފާޅުކުރަމެވެ. އަދި ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު މިފަދަ ފިޔަވަޅެއް އެޅުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާނެ ކަމެކެވެ." ބްރޯޑްކާސްޓިން ކޮމިޝަނުގެ ނޫސްބަޔާން

ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮތް ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނެވެ. އެހެންވެ އެކޮމިޝަނުން ބުނަނީ މިހެންނެވެ. 

"ދިވެހިރާއްޖޭގެ އެކި ޤާނޫނުތަކުން މީޑިއާތަކަށް ފިޔަވަޅުއެޅުމަށް ފުރުސަތު ލިބިދީފައިވާތީ، އެކަމަކީވެސް މި ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ. އަދި ޤާނޫނުތަކުގައި ހުރި މިފަދަ ފުށުއެރުންތައް އެއްގޮތްކޮށް، އިޞްލާޙްކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ދަރަޖައަށް ދިނުމަށް ޤާނޫނުތައް ބައްޓަންކުރުމަށް، އެކަމާ ގުޅޭ ލަފާ ސަރުކާރަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ." ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައި ބުނެއެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނީ މީޑިއާގެ ޙައްޤުތައް، ހާއްސަކޮށް ބްރޯޑްކާސްޓަރުންގެ ހައްގުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެއްބާރުލުމާއި، އެހީތެރިކަން ފޯރުވައިދިނުމަށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނުން ބާރު ލިބިގެން އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި، އެ ކޮމިޝަން ދެމި އޮންނާނެ ކަމަށެވެ. 

ދެން އޮތީ މީޑިއާ ކައުންސިލްގެ ވާހަކައެވެ. އެކައުންސިލުން ބުނީ މީޑިއާގެ އެފަދަ މައްސަލަތަކާބެހޭ ކަންކަމުގައި ގޮތް ކިއުމުގެ ބާރު އޮތީ މީޑިއާ ކައުންސިލަށް ކަމަށެވެ.

އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަން ހާމަކޮށް ނެރުނު ބަޔާނުގައި މީޑިއާ ކައުންސިލުން ބުނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެެކައުންސިލަށް ކަމަށެވެ.

"އެހެންކަމުން އެ އުސޫލުގެ ތެރެއިން ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު)ގެ 33 ވަނަ މާއްދާއާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، މިކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކެމެވެ. އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި މި ކައުންސިލުން ޤަބޫލެއް ނުކުރަމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މިއީވެސް އެއްހާދިސާއެވެ. މީޑިއާއަށް ލިބުނު ގެއްލުމެކެވެ. ޤާނޫނުތައް ހުރި ގޮތުގެ ސަބަބުންނޭ ނުބުނެވޭނެ ހެއްޔެވެ؟ ގާނޫނުތައް ހަދަން ދީފައިވާ ބަޖެޓް އަދިވެސް ކުޑައީ ހެއްޔެވެ؟ މިފަހަރުގެ ރާޅު ބިންދާލީ މީޑިއާ އަށެވެ. މާދަމާ ކޮންބަޔަކަށް ހެއްޔެވެ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް