ads
ކުއްޖާ ފެނުނު ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ:ސީއެންއެމް
ކުޑަކުއްޖާ އެންމެ ފަހުން މަންމައަށް ފެނުނީ ހުކުރު ދުވަހުގެ ރޭ ދަންވަރު
އަންގާރަ ދުވަހުގެ ރޭ ދަންވަރު މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ އެންމެ ފަހުން ފެނުނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އެކުއްޖާގެ މަންމަ ބުނެފިއެވެ.

އެކުއްޖާގެ މަންމަ ސީއެންއެމްއަށް ބުނީ ހުކުރު ދުވަހުގެ ރޭ ހުރިހާ ކުދިން ވެސް ތިބީ އެގޭ ގޯޅި ތެރޭގައި މެޗު ބަލަން ކަމަށެވެ. އަދި އެތަނުގައި ތިއްބާ، ކުއްޖާގެ ރައްޓެހި ކުއްޖަކު އެކުއްޖާ ގޮވައިގެން ދިޔަ ކަމަށް މަންމަ ބުންޏެވެ. ކުއްޖާ ބޭރަށް ދިޔަ ފަހުން ކުއްޖާގެ ހަބަރެއް ނުވާ ކަމަށް މަންމަ ބުނެފައިވެއެވެ. 

ކުއްޖާގެ މަންމަ ބުނީ ކުއްޖާ ބޭރަށް ދިޔަ ފަހުން ކުއްޖާގެ ހަބަރެއް ނުވިނަމަ ވެސް އެކުއްޖާ ގޮވައިގެން ދިޔަ ރަހުމަތްތެރިޔާ އިރުއިރުކޮޅުން ގުޅާފައި އަދިވެސް އެކުއްޖާ ކޮބައިތޯ އެހި ކަމަށާއި ކުއްޖާ އަދިވެސް ގެއަށް ނާދޭތޯ ސުވާލުކުރި ކަން މަންމަ ފާހަގަކުރިއެވެ. 

މަރާލި ކުޑަކުއްޖާގެ ފަރާތުން އެރޭ ވެސް އެއްވެސް ކަހަލަ އާދަޔާ ހިލާފު ކަމެއް ފާހަގަ ކުނުކުރެވޭ ކަމަށާއި އެރޭ މެޗު ބަލަން އިން އިރު ވެސް އަދި އެދުވަހު ގޭގައި އުޅުނު އިރު ވެސް އެކުއްޖާގެ ހަގަށް ހުންނަ ކުއްޖާއާ ސަމާސާކޮށް ހެދި ކަމަށް މަންމަ ބުންޏެވެ. 

ކުއްޖާގެ މަންމަ ބުނީ ފުރަތަމަ ފުލުހުންނާ މައްސަލަ ހިއްސާނުކޮށް އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ. 

"ސިފައިންގެއަށް އަންގައިގެން ވެސް ގިނަ ފަހަރަށް ހަގީގަތުގަ ބުނަންޏާ އަސްލު ބަލަންވާ ވަރަށް ނުބެލިފަ އޮންނަނީ. އެވާ ގޮތަކީ އެ ބޭފުޅުން ވެސް އެންމެ މަސައްކަތެއް ދެ މަސައްކަތެއް ނޫން ކުރައްވަނީ. އަޅުގަނޑު ވެސް ގަބޫލުކުރަން. ހުރިހާ އެންމެންގެ ދަރިން ހޯދުމަކީ އެބޭފުޅުންނަކަށް ވެސް ފަސޭހަކަމެއް ނޫން." ކުއްޖާގެ މަންމަ ބުންޏެވެ.

ބޮޑެތި ޒަހަމުތަކާ އެކު 13 އަހަރުގެ ކުއްޖާ ފޮއްޓަކަށްލައި އެއްލާލާފައި ވަނިކޮށް ފެނުނުއިރުވެސް ކުއްޖާގެ ފުރާނައެއް ނެތެވެ. ގިނަ އިރު ފެނު ތެރޭގައި އޮތުމުން މުޅި މޫނު ވަނީ ކަޅުވެފައެވެ. ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުރި އިރު އެއް ލޮލުގެ މަސްގަނޑު ވަނީ ބޭރަށް ނުކުމެފައެވެ. އަނެއް ލޯ މެރިފައިވާއިރު ދުޅަވެފައި ހުރިކަމުގެ ނިޝާންތައް ހުއްޓެވެ. 

ފުލުހުން ވަނީ ކުއްޖާ މަރާލުމުގައި ބައިވެރިވި ކަމަަށް ތުހުމަތުކުރެވޭ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް