ads
ރައީސް ނަޝީދު އަދި ރީކޯ މޫސަ ---
ގިނަ ބަޔަކު ހައްޔަރުކުރުމަށް ގޮވާލުމުން ރީކޯގެ ވަރުގަދަ ރައްދެއް ނަޝީދަށް
ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލުމުން، އެ ޕާޓީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ރައްދު ދެއްވައިފިއެވެ.

ރީކޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. އެހެންކަމުން ޕާޓީއަށް 16 އަހަރު ފުރުނުއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ފިކުރަށް އެމްޑީޕީ ރުޖޫއަ ނުވުމަށް ރީކޯ ވަނީ ރައީސް ނަޝީދަށް ނަސޭހަތް ދެއްވާފައެވެ. އަދި ގިނަ ދުވަހު ޖަލުގައި އުޅުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއް ނޫން ކަމަށް ރީކޯ ރައީސް ނަޝީދަށް ވިދާޅުވިއެވެ. 

"ޑިއަރ މުހައްމަދު ނަޝީދު، އެމްޑީޕީ އަކީ ހައްޔަރުކޮށް ޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އަޅުގަނޑުމެން އުފެއްދި ޕާޓީއަކަށްވާއިރު 16އަހަރު ވެރިކަން ކުރެއްވުމަށްފަހު މައުމޫނު ގެންގުޅުއްވި ފިކުރަށް ތިޕާޓީ ރުޖޫއަނުވާށެވެ. ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއެއް ނޫނެވެ." ރީކޯ

އިއްޔެ އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން، ރޭ "ކްލަބް ހައުސް" މެދުވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރު ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ހިފައި ހައްޔަރު ކުރުމުގެ އުސޫލުތައް މިހާރު އޮތް ގޮތަށް ގެންނަން ޖެހުނު ސަބަބަކީ، ކޮންމެ މީހެއްގެ އަސާސީ ހައްގުތައް ހިފެހެއްޓިގެން ހައްޔަރު ކުރާ ކުރުން ނިމުމަކަށް ގެނެސް، ވަކި ހަމަޖެހޭ އުސޫލުތަކެއްގެ ތެރެއިން އެ ކަން ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރިކަމުން އަރައިގަނެވެން އޮތީ އަނެއްކާ ވެސް އެ ކަން ބަދަލުކޮށްގެން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ރައީސް މައުމޫންގެ ވެރިކަމުގައި، ރައީސް ނަޝީދު ވަނީ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރައްވާފައެވެ. އަދި އޭގެ ފަހުން އެމްޑީޕީ އުފެދިގެން އައީ އޭރު އޮތް ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނެސް ރާއްޖޭގައި ގަނޫނީ ވެރިކަމެއްގެ ތެރެއިން މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމުގެ މަގްސަދުގައެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް