ads
ވާހަކަ: ދިން އުފާ ލޯބިން
ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ފައްޅީގެ ތާޅަފިލިތަކުގެ އަޑުން މުސްކާންގެ ކަންފަތައް ތުރާވިއެވެ. މޯޅިއަކަށް ދެމިލައި ރަގަޅަށް ލޯ ހުޅުވާލުމާއެކު، ދެން އިވެންފެށީ ހިތްގައިމު އަޑުތަކެކެވެ. ބޭރުގައި ހައްދާފައިހުރި ބޮޑެތި ގަސްތަކުގައި ތަފާތު ދޫނިތައް ލަވަކިޔާ، އެސޮރުމެންގެ ދުވަހުގެ ތަހްނިޔާއާއި ތަރާނާތަކުގެ އަޑެވެ. ވަރަށް ރަގަޅަށް ހަށިގަނޑުގެ ކަށިތަކާއި މަސްތައް ދަމާލުމަށް، މުސްކާންގެ ދެއަތް އުފުލާލާފައި ކަސްރަތުކޮށްލަން އަރިވެލައިފިއެވެ. ފޯނު ރިންގުވާންފެށީ ހަމައެވަގުތުއެވެ.
(20 ވަނަ ބައި)

ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ފައްޅީގެ ތާޅަފިލިތަކުގެ އަޑުން މުސްކާންގެ ކަންފަތައް ތުރާވިއެވެ. މޯޅިއަކަށް ދެމިލައި ރަގަޅަށް ލޯ ހުޅުވާލުމާއެކު، ދެން އިވެންފެށީ ހިތްގައިމު އަޑުތަކެކެވެ. ބޭރުގައި ހައްދާފައިހުރި ބޮޑެތި ގަސްތަކުގައި ތަފާތު ދޫނިތައް ލަވަކިޔާ، އެސޮރުމެންގެ ދުވަހުގެ ތަހްނިޔާއާއި ތަރާނާތަކުގެ އަޑެވެ. ވަރަށް ރަގަޅަށް ހަށިގަނޑުގެ ކަށިތަކާއި މަސްތައް ދަމާލުމަށް، މުސްކާންގެ ދެއަތް އުފުލާލާފައި ކަސްރަތުކޮށްލަން އަރިވެލައިފިއެވެ. ފޯނު ރިންގުވާންފެށީ ހަމައެވަގުތުއެވެ.

"ބައްޕަ ނުވެސް ނިދަނީތަ؟" ފޯނާއި ދިމާއަށް ބަލައިލަމުން މުސްކާން ބުނެލިއެވެ.

އިރުނާރަނީސް މުސްކާންގެ ދުވަސް ފަށަންޖެހުނީ ބައްޕަގެ ފޯން ކޯލްއަކުންނެވެ. ފުންޏަކަށް އޮއްސާލި ސުވާލުތަކަށް ދޭނެ މާބައިވަރު ޖަވާބެއް މުސްކާންގެ ކިބައިގައި ނެތެވެ. ހިނިތުންމުވަކުން، މާނަފުން މެސެޖެއް ބައްޕައާއި ހިއްސާކޮށްލިއެވެ. ޖެހިލުންވުމެއް ނެތި، މުސްކާން އެދުނީ ބޮޑު ކަމަކަށެވެ. ޔަނާލްހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނޫނެވެ. ހައިރާންވެސް ވިއެވެ. ބިރުވެސް ގަތެވެ. އެހެންމީހެއްގެ ފަރާތުން ދަރިފުޅަށް ގޯނާއެއް ލިބިދާނެކަމަށްޓަކައެވެ.

"ދަރިފުޅު ތި އެދުނު ކަންތައް ބައްޕަ ކޮށްދޭނަން.. އެކަމަކު ހިތް ބިރުގަންނަނީ.. ފައިސާއާއި ބެހޭގޮތުން، ނުވަތަ ދަރިފުޅުގެ އަމިއްލަ މައުލޫމާތުގެ އެއްވެސް ތަފްސީލެއް، އެއްވެސް މީހަކަށް އެނގިގެން ނުވާނެ.. ފައިސާ ދައްކަންޖެހުނީމައި، ކާޑުން ދައްކާލާ.. އެހެންގޮތެއް ނޯންނާނެދޯ" ޔަނާލްގެ ޖަވާބަކީ މުސްކާންއަށް ހިތްހަމަޖެހުނު ޖަވާބަކަށްވިއެވެ. ބައްޕަގެ އެހީތެރިކަމަށް ފަށްފަށުން ޝުކުރުވެރިވިއެވެ.

ނަމަވެސް، ބައްޕަގެ ޝަކުވާތަކަށް އަދިވެސް ނިމުމެއް ނައެވެ. ނުދަންނަ މީހަކަށް އެވަރުގެ ޚިދުމަތެއްކުރުމަށް މުސްކާންގެ ވަގުތުތައް ބޭކާރު ނުކުރުމަށް ޔަނާލް ނަސޭހަތްތެރިވިއެވެ. ރޭގައިވެސް ނުނިދާ ހުރުމުން ވީއެންމެ އަވަހަކަށް ހޮޓަލަށްގޮސް ނިދާލުމަށް ޔަނާލް އެދުނެވެ.

"ދަރިފުޅާ! ތިކަހަލަ ދަތުރުތަކުގައި ތިޔަފަދަ ހާލުދެރަ ކިތަންމެ މީހަކާ ދިމާވާނެ.. އެއިން ކޮންމެ މީހެއްގެ ޒިންމާ މުސްކާންގެ ކޮނޑުގައި އަޅާއިގެން އެ ބުރަ އުފުލޭނެކަމަށް ހީވަންޏާއި އެއީ ގޯހެން.. އެކަމެއް ނުވާނެ! އެމީހުން ގެންގުޅޭ މަރުކަޒުތަކުން އެމީހުންގެ ޒިންމާ އަދާކުރާނެ.. ބަލިމީހުންގެ ބަލަދުވެރިންނަކީ އެތަންތަނާއި ހަވާލުވެގެންތިބޭ މީހުން.. ތިޔައީކީ ދަރިފުޅާއި ބެހޭ މީހެއްވެސް ނޫން" މުސްކާންއަށް ވިސްނައިދެވޭތޯ ޔަނާލް ވާހަކަދެއްކިއެވެ.

"ބަލަދު އެރިޔަސް ނޭރިޔަސް، އިންސާނިއްޔަތުކަމުގެ ގުޅުމުން އަހަރުމެން އެންމެންނަކީ އެއްބައެއް.. އިޙްތިރާމްކުރުމާއި އޯގާތެރިވުމަށް ވަކި ގައުމެއް ނުވަތަ ވަކި ނަސްލެއް ނޯންނާނެ ބައްޕާ.. އެމީހާ ވަރަށް ބަލި.. ވަރަށް ހާލުދެރަ.. އެކަމަކު ޑޮކްޓަރ ޔަގީންކަންދެއްވި، މިއަދު ވާހަކަދައްކާލެވޭވަރު ވާނެކަމަށް.. ހެޔޮނުވާނެ ބައްޕާ! އާދޭސްކުރަން ފަސޭހައެއް ނޫން.. އެކަމަކު އޭނާއާއި ވާހަކަދައްކާލާފައި ގެއަށްދިޔުމުގެ ހުއްދަ ބޭނުން... މުސްކާން މިއީ މިހާރު ބޮޑުކުއްޖެއް.. ބައްޕަ އިތުބާރުކޮށްބަލަ.. ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނާބަލަ" ވަރަށް ލޯބިން ބައްޕައާއި މުސްކާން ވާހަކަދެއްކިއެވެ. ޔަނާލްގެ ސިކުނޑިއަށް ކިތަންމެ އުނދަގޫވިޔަސް މުސްކާންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި، އަމާންދޭން ޖެހުނީއެވެ. އެހެން ގޮތެއް ނެތެވެ.

"ބައްޕަގެ ސަޕޯޓްނެތި މުސްކާންއަށް އެއްވެސް ކަމެއް ކާމިޔާބު ނުވާނެ.. ހިއްވަރު ދީބަލަ ބައްޕާ! ބުނަންތަ ބައްޕާ! ރޭގައި ޑޮކްޓަރ ބުނުއްވީ، ވިހި އަހަރުގެ ދިގު ތަޖުރިބާގައި، މިވަރުގެ އަނިޔާވެރި ކޭސްއެއް އަދި ދިމާނުވެޔޯ.. ވަރަށް އަނިޔާކޮށްފައި އޮތީ.. ގައިގެ އެތަންމިތަން ނޫފައިގަތްފައި ހުރި ވާހަކަވެސް ބުނުއްވި.. ދެން ނޭގެ ބައްޕާ.. ހުރިހައި ތަފްސީލެއް ނުބުނުއްވާ.. އެކަމަކު ތަފްސީލް ރިޕޯޓް ލިބުނީމައި ހަމަޖެހިލައިގެން ކިޔާލައްޗޯ ބުނުއްވި.. ބައްޕާ.. މުސްކާންގެ ހިތްވެސް ވަރަށް ބާރަށް ތެޅެނީ.. ކިހިނެއް އިނގެނީ، އޭނާއަށް ކޮންމެވެސް ރަގަޅުގޮތެއް ﷲގެ މިންވަރުފުޅުގައި އޮތީ ނޫންކަމެއް.. ވަރަށް ނިކަމެތިންވެސް ފެނިއްޖެ! ވަރަށް ހާލުގައި ތިބި މީހުންވެސް ފެނިއްޖެ.. އެކަމަކު ފަނޑުއަލިކަމުގެ ތެރެއިންވެސް މި އަންހެންމީހާގެ ރިހުން މުސްކާންއަށް އިހްސާސްކުރެވުނޭ ބައްޕާ.. ދެން ކިހިނެއް ފުރަގަސްދީފައި ދާނީ؟ އޭނާއަށްޓަކައި އެހީތެރިއަކަށް މުސްކާން މެދުވެރިކުރެއްވީ ނޫންކަމެއްވެސް ނޭގޭނުން ބައްޕާ.. އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދެވުނަސް، އެއީ ހާދަހައިވާ ބޮޑު ހެޔޮކަމެކޭ.. އޭރުން މުސްކާންއަށްވެސް އަދި ބައްޕައަށްވެސް ﷲގެ ރުހިވޮޑިގަތުން ލިބޭނެ" މުސްކާންގެ ހުރިހައި ވާހަކައެއް ޔަނާލް އަޑުއެހިއެވެ. ދަރިފުޅުގެ ކޮންމެ ވާހަކައަކަށް ސަމާލުކަންދިނުމަކީ ޔަނާލްގެ އުފަލެކެވެ. ނަމަވެސް ދުރުގައި ހުރުމުން ހިތް ނުތަނަވަސްވަނީއެވެ.

"ވިސްނައިގެން އުޅޭތި ދަރިފުޅާ.. އެންމެންނަކީ ދަރިފުޅު ކަހަލަ މާތް އިންސާނަކަށް ނުވާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި! ބައްޕަގެ ހެޔޮދުޢާ ދަރިފުޅާއެކު އަބަދުވެސްވާނެ.. އިތުރަށް ފައިސާ ބޭނުންވިޔަސް ބައްޕައަށް ގުޅާލާ" ނަޔާލް ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުއްޓެވެ. ނަމަވެސް ހިމޭންކަން އިޚްތިޔާރުކުރިއެވެ. ހިތައް އެރި ކިތަންމެ އެއްޗެއް ލޯ ކުރިމަތީން ސިފަވެއްޖެއެވެ. ބަލަން ބޭނުން ނޫން މަންޒަރުތަކެއް ހިތް ބިރުގަންނަވާލައިފިއެވެ. މުސްކާންގެ ވާހަކަތަކާމެދު ވިސްނާލުމަށް ހިއްސުތައް ބުނަންފަށައިފިއެވެ.

"މެޑަމް.. ޓީ؟" ހިތްހެޔޮ ނަރުސްކުއްޖެކެވެ. ހިނިތުންވެފައިނޫނީ މުސްކާންއާއި މުޚާތަބް ނުކުރެއެވެ. ރެއިން ފެށިގެން އޭނާވެސް އެހުރީ ޑިއުޓީގައެވެ. ނަމަވެސް ކުރިއަށް އޮތް ދެގަޑިއެއްހާއިރުތެރޭގައި އޭނާގެ ޑިއުޓީވެސް ނިމޭނެއެވެ. ސުވާލަކީ ބަލިމީހާއަށް ޝިފާއެއްލިބި، މުސްކާންގެ އިންތިޒާރަށް ނިމުމެއް އަންނާނެތޯއެވެ.

***
ހެނދުނުގެ ސައިވެސް ނުބޮއެވެ. މުރުޝިދާ ތައްޔާރުވީ މުސްކާންހުރި ތާކަށްދާށެވެ. ސައިތައްޓަކާއި މޭވާއެއް ޒަމީލްއަށް ދިނެވެ.

"މިތަނުން އެންމެ އާފަލު ފޮއްޗެއް ކާލަބަލަ! ހުސްބަނޑާ ހުންނާކަށް ނުވާނެ.. މުސްކާން ގާތަށް ދާއިރަށް އެމަންޖެ ފުރަތަމަވެސް އަހާނީ ކައިފިންތޯ ނޫންތޯ.. ދެން މުރުޝިދާ ބުނާނީ ކީކޭ؟" ޒަމީލްގެ ވާހަކަދެއްކުމުގައި ހުންނަ ލޯބިގޮތްތައް މުރުޝިދާއަށް އަބަދުވެސް ކަމުދެއެވެ. އަލަތު ކައިވެނީގެ ދުވަސްވަރުންފެށިގެންވެސް ޒަމީލްގެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

"އެންމެ ރަގަޅޭ.. އެމަންޖެ ކިތަންމެ ވަރަކަށް ސުވާލުކުރިއަސް، އަހަރެންގެ ފަރުވާލެއް ނެތް.. މިއަދު އަހަރެން މިހުރީ ވަރަށް ކަންތައްބޮޑުވެފައި.. ރޭގައި އަހަރެން އޮންނާނީ އެކުދިން އަތުން، އެ ހޮސްޕިޓަލުގެ އެޑްރެސް ނޯޓްކުރުވާފައި.. އެހައި ހެނދުނު އެކުދިން ނަގައިގެން އެތަނަށް ދާންއުޅެގެން، ލޭމައްޗަށް ދާނީ.. ތިޔަ އާފަލު ފޮތިވެސް އަހަރެންގެ މަތީން، ޒަމީލް ކާލާ! މަށަކަށް ތިޔެއް ނުދިރޭނެ.. ޔަނާލްގެ ހާލެއް ހިތައްގެންނާންވެސް ކުޅަދާނައެއް ނޫން" މުރުޝިދާ ބުންޏެވެ. ލޯބި ގޮތަކަށް ޒަމީލް ބަލަހައްޓައިގެން އިނދެ ބަސްއަހާ ކުއްޖެއް ފަދައިން މުރުޝިދާގެ އާފަލްފޮތިވެސް ކައިފިއެވެ.

***
އޮފީހުގެ ރަސްމީ ޒިންމާއަށްވުރެން މިއަދު ޝަރީފުއަށް މުހިއްމުވީ އޭނާއަށް ޖެހިފައިވާ އުނދަގުލުގެ ވާހަކަ ޔަނާލްއަށް ހުށަހެޅުމެވެ. ރޭ އިރުއޮއްސުނީއްސުރެން ޝެނީންގެ ކިބައިން ލިބެމުންދިޔަ ތަކުލީފުތަކުގެ ޝަކުވާ ޔަނާލްގެ ސިކުނޑިއަށް އޮއްސާލަން ބޭނުމެވެ. ކުރީންވެސް އެ އުނދަގުލުން ޝަރީފު ސަލާމަތްކޮށްދިނީ ޔަނާލްއެވެ.

"އަހަރެން ވަރަށް ސާފުކޮށް ބުނެދިނިން، މާލޭގައި ނުހުރެ ރަށަށް ދާންޖެހޭ ސަބަބުތައް.. ދެމަސް ދުވަހުގެ ތެރޭގައި މާލެއިން ކަންކަން ހައްލުކުރުމަށްފަހު، ރަށަށް ބަދަލުވުމަށް ހިނގާނެ ޚަރަދުވެސް އަހަރެން އޭނާއަށްވާނީ ޓްރާސްފަރކޮށްފައި.. ދެމަހުގެ ކުލި ޖަމާކޮށްދިނިން.. ދެން ކޮބައި އޭނަގެ މައްސަލައަކީ؟ ރަށަށް ދިޔަނަމަ ތިޔަހުރިހާ ކަމަކުން ސަލާމަތްވެވުނީނުން.. އޭނާގެ މަންމަގެ ގެ ހުރޭ.. އެތަނުގައި އުޅުނީމާ ނިމުނީނުން.. ގަނަތެޅެންވެސް މާލޭގައިތަ އުޅެންޖެހެނީ" ޔަނާލް ވާހަކަދެއްކީ ވަރަށް ހިތްހަމަނުޖެހިފައެވެ.

ވާނީވެސް އެހެންނެވެ. ޝަރީފުގެ ދިރިއުޅުމަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެކަމަށް ޝަރުތުކުރުވިއެވެ. ޝެނީންއަށް އެހުރިހައިކަމެއް ކޮށްދިނީ ހަމައެކަނި ޝަރީފުގެ ހައްގުގައެވެ. އެތައް އަހަރަކަށްފަހު ނިޝާނާއާއި ޝަރީފު ހަމަޖެހިގެން ދިރިއުޅޭ މަންޒަރު ޔަނާލްއަށް ފެނިފައިވަނީ ޝެނީން، ޝަރީފުގެ ހަޔާތުން ބޭރުކުރިފަހުންނެވެ. ޝެނީންގެ ހިޔަނިވެސް ޝަރީފުގެ ހަޔާތުން ފެންނަން ޔަނާލް ބޭނުން ނުވެއެވެ.

"އަހަންނަށް، އަހަރެންގެ ހަޔާތުގައި ނުލިބުނީ، އަންބެއްގެ ލޯބި! ޚިދުމަތްކޮށްލަންވެސް ނުލިބުނީ ލޯބިވާ އަންބެއް! އެހެންމީހުން އުފާވެރި ހަޔާތުގައި އުޅޭމަންޒަރު އެއީ އަހަރެން އެންމެ ލޯބިކުރާ ކަންކަން.. އުފާވެރި ދެމަފިރިއެއްގެ ހަޔާތަށް އަނދިރިކަމެއް އައުމަކަށް އަހަންނަށް ގަބޫލެއް ނުވެވޭނެ.. ޝެނީން ޖެހޭނީ މާލެ ދޫކޮށް ދާން.. އެއީ ނިމާގެ އާއިލީ އަންހެނެއް ނޫންނަމަ، އަހަރެންގެ ނަފުރަތުން އޭނާގެ ދުނިޔެ ބަނަކޮށްލާނަން.. އެކަމަކު ވަރަށް ނަސޭހަތްދިނީ، އަހަރެންގެ ލޯބިވާ ނިމާއަށްޓަކައި" ޔަނާލްގެ ލޮލުން މިއަދުވެސް ކަރުނަ ހިލުވާލިއެވެ. ޝަރީފުއަށް އިނދެވުނީ ބަލާށެވެ. ނިމާގެ ނަން ޔަނާލް ކިޔާލާ ލޯބިގޮތް ޝަރީފު އަންތަރީސް ކޮށްލައެވެ.

"އަދިވެސް ހަމަ އެހައި ލޯބިވޭތަ؟" ޝަރީފުއަށް ކުރެވުނީ ސުވާލެކެވެ. ޔަނާލް ފިއްތާލީ މެއަށެވެ. ދެލޯ މަރާލުމަށްފަހު ހަމަހިމޭން ނޭވާއެއް ދޫކޮށްލިއެވެ.

"މިހަށިގަނޑުގެ ކޮންމެ ވިންދެން ނިމާއަށް އެދި ކަރުނައަޅާ.. ބިއްލޫރިކޮޅެއްފަދަ ކަރުނަތިކީގައި ކިހައި ރިހުމެއް ހުރިކަން، ކާކަށް އެނގޭނީ.. އަހަރެން ދުވަހަކުވެސް ނުދެކެން އެހައި ރީތި އަންހެނެއް.. އެމޫނުގައި ފޮރުވާފައިވީ ރިހުން، ތަރުޖަމާކުރާން އަހަރެން ނުކުޅެދުނު.. އެވަރުގެ ފުންދެލޮލެއް އަހަރެން ދުވަހަކުވެސް ނުދެކެން.. ދިގު އެސްފިޔަތަކާއި، ތުންފަތުގެ ބައްޓަން، އަހަރެންގެ ހިތް ބަލިކަށިކޮށްލި... މިހިތުން އެހެން އަންހެނަކަށް ޒައްރެއްގެ މިންވަރުވެސް ނުލިބޭނެ.. އިންޝާﷲ ޤިޔާމަތް ދުވަހުން އަހަރެންގެ ނިމާ، އަހަންނާއެކުވާނެ.. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް، ފުރިހަމަ ޞިއްހަތުގައި ލައްވާ، އޭނާއަށް ނިހާއީ އުފަލާއި ހިތްހަމަޖެހުން ﷲ މިންވަރު ކުރައްވާށި!" ޔަނާލްގެ އަޑު ތުރުތުރުލަނީއެވެ.

***
ލަސްލަހުން ސައިތަށި ބޮމުން، ވަގުތުތައް ގުނަމުން މުސްކާންގެ ފޯނަށް ބަލަން އިނެވެ. ބަލިމީހާ ބަދަލުކުރެވުނު ކޮޓަރީގައި އިންނާން ކިތަންމެ ބޭނުންވިޔަސް، އެކަން ނުކުރެވުނީ އެކޮޓަރީގައި ބަހައްޓާނެ ގޮނޑިއެއްވެސް ހޮސްޕިޓަލުން އެވަގުތު ނުލިބުނީމައެވެ. ކުއްލިޔަކަށް ފެނުނީ ނަރުސްކުދިންތައް ދުވަމުން އަންނަ މަންޒަރެވެ. އެކުދިންގެ ފަހަތުން ނުހަނު ހަލުވި ހިނގުމުގައި، އެވަގުތު ހުންނެވި ޑޮކްޓަރުވެސް ބަލިމީހާ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. މުސްކާންއަށް ކޮޅަށް ތެދުވެވުނެވެ.

***
"އަދިވެސް އުއްމީދު ކުރަންތަ؟" ވަރަށް މަޑުމަޑުން ޝަރީފު ސުވާލުކޮށްލިއެވެ.

ކުރިމަތީގައި ހުރި ޓިޝޫ އެތިން، ޝަރީފު ޓިޝޫއެއް ދިއްކޮށްލިއެވެ. ތިބެވުނީ އާންމު ކެފޭއެއްގައިކަންވެސް ޔަނާލްއަށް އެނގުނީ، ދެލޯ ފޮހެލިފަހުންނެވެ.

"ފަހު ނޭވާޔަށްވެސް.. އަހަރެންގެ ނިމާ، އެ ދިން އުފާ މިހިތަކުން ދުވަހަކުވެސް ނުފިލާނެ.. އަހަރެން އެކަން ބަލައިގަތީ ލޯބިން.. ނުހަނު ލޯބިން.. މުސްކާންއަކީ އަހަރުމެން ދެމީހުންނަށް ހެދުނު މިސްޓޭކްއެއް ނޫން.. އެއީ އަހަރެންގެ ލޯބި.. ނިމާއަށްޓަކައި އަހަރެންގެ ލޯބި" ކަރުނަ ސިއްރުކުރަމުންވެސް ޔަނާލް ވާހަކަދެއްކިއެވެ. ޔަނާލް ގޮވައިގެން ޝަރީފު ކޮފީއަށް ދިޔައީ ޝެނީންގެ ޝަކުވާ ކުރާށެވެ. ނަމަވެސް މައުޟޫއު އެނބުރުނީ މުޅިން އެހެން މިސްރާބަކަށެވެ.

***
ނަރުހުންގެ އެހީގައި ބަލިމީހާ، ވޯޑުން ނެރިގެން ޕްރައިވެޓް ކޮޓަރިއަކަށް މުސްކާން ބަދަލުކުރުވީ މެންދަމުއެވެ. ހަރަކާތެއް ނެތިފައި އޮތަސް، ފަރުވާއަށް ފަހުގައި ދާދި އަވަހަށް ވާހަކަދެއްކޭވަރުވާނެކަމަށް ރޭގައި ޑޮކްޓަރވަނީ ފާހަގަކުރައްވާފައެވެ. މުސްކާން އެހުރީ އެ އުއްމީދުގައެވެ. ނަމަވެސް މިހާރު އެވީ ކީއްހެއްޔެވެ؟ އެންމެން އެދިމާއަށް ބާރަށް ދުވަނީ ކީއްވެހެއްޔެވެ؟

***
ދަރީން ސްކޫލަށް ގެންގޮސްފައި އައިގޮތަށް ނިޝާނާއަށް އިނދެވުނީ ފިކުރެއްގައެވެ. ޝެނީންގެ އުނދަގުލަށްފަހު ޝަރީފުގެ ވާހަކަތައް ނިޝާނާގެ ސިކުނޑީގައި ގުގުމަނީއެވެ. ފިރިމީހާގެ ލޮލުންބޮލުން ގޯސްހެދީ ނިޝާނާގެ ކުށެށް އޮވެގެންނެވެ. އެވާހަކަދައްކާފައި އޭނާއަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭކަށްނެތެވެ. ނިޝާނާ ބަދަލުވުމުންވެސް ޝަރީފުގެ ކިބައިން އެފަދަ ލޯތްބަކާއި ގަދަރެއް ލިބިދާނެކަމަށް ނިޝާނާއަށްވެސް ހީކުރެވިފައި ނެތީއެވެ.

***
"ސިސްޓަރ... ސިސްޓަރ.. ދުވެފައި ނިކުތް ނަރުސް ހުއްޓުވުމަށް މުސްކާން އަތް އުފުލާލިއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން ޖަވާބު ދިނެވެ. މުސްކާންގެ ދެފައިކޮޅުން ބާރު ދޫވިހެން ހީވިއެވެ. ދެލޮލުން ފެންކަޅިވީ އިޚްތިޔާރަކާނުލައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް