ads
ރައީސް މުހައްމަދު ނަޝީދު އަދި ރީކޯ މޫސާ މަނިކު
ސަރުކާރު ވައްޓާލުމަށް ރައީސް ނަޝީދު ބަގާވަތްކުރަން އުޅޭ ކަމުގެ ތުހުމަތުކޮށްފި!
2010 ވަނަ އަަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލިގޮތައް މިހާރުގެ ސަރުކާރު ވައްޓާލުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައި ބަގާވާތް ކުރަން އުޅޭ ކަމުގެ ތުހުމަތު މަޖިލީހުގެ ކުރީގެ ނައީބު ރައީސް މޫސާ މަނިކު (ރީކޯ) ކުރައްވައިފި އެވެ.

އެމްޑީޕީއަށް ގިނަ އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަމުން ދަނިކޮށް ޕާޓީގެ އުސޫލުތަކާއި ހިލާފުވިކަމަށްބުނެ ޕާޓީން ވަކިކުރި، އެމްޑީޕީގެ ޗެއާ ޕާސަންއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ރީކޯ މި ތުހުމަތު ކުރައްވާފައިވަނީ، ރައީސް ނަޝީދަށް އެޑްރެސްކުރައްވާ ރީކޯގެ އަމިއްލައަތުން ލިޔުއްވާފައިވާ ސިޓީއެއްގައެެެވެ. 

އެތަށްބައެއްގެ ބުރަމަސައްކަތާ ދާއޮހޮރި، އެތަށްވަގުތެއް، އެތަށްއަނިޔާއެއްލިބިގެން އެމްޑީޕީ މިހާރު މިއޮތް ހިސާބަށް ގެނައުމުން، ޕާޓީތެރެއިން އިހްލާސްތެރި އެއްމެން ޤުރުބާންކުރިގޮތަށް ރައީސް ނަޝީދުގެ ޖާހައްޓަކައި، ޕާޓީ ގުރުބާންކުރަން ރައީސް ނަޝީދު ނުކުތުމުން ލިޔުނު ސިޓީއެއް ކަމަށް ބުނެ ޓްވިޓާގައި އާއްމުކޮށްފައިވާ މިސިޓީގައި ބުނީ، އެމްޑީޕީ އެ މަގުސަދަކަށްޓަކައި އުފެދުނު އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭގޮތަށް ގައުމުގެ ކަންކަން ކުރުން ކަމަށެވެ. އެހެންކަމުން މިއަދު ޕާޓީ ވެރިކަމުގައި އޮވެ، ދެވަނަ ފަހަރަށް އެމްޑީޕީގެ ވެރިކަން ބަގާވަތްކޮށް ވައްޓާލުމުގެ މޭސްތިރިއަކަށް ވެވަޑައިގެން މަނިކުފާނު މަސައްކަތް ކުރެއްވުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. 

ރައީސް ނަޝީދުގެ ވެރިކަން ވެއްޓި ދިޔައީވެސް ކުރިން ވެރިކަންކުރި ބައެއްގެ ކަަރުބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި އެފަދަ އަނިޔާވެރި މަޅީގައި އެމްޑީޕީ އެންމެން ޖެހިގެން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ވެރިކަމުގެ ދަހިވެތި މަޅީގައި ރައީސް ނަޝީދު ދަނީ ބެދެވެމުން ކަމަށްވެސް ސިޓީގައި ވެއެވެެ.

"މަނިކުފާނުގެ ވެރިކަން ވެއްޓި ދިޔައީވެސް ކުރިން ވެރިކަންކުރި ބައެއްގެ ކަަރުބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި ތިޔަފަދަ އަނިޔާވެރި މަޅީގައި މަނިކުފާނުގެ އެމްޑީޕީ އެންމެން ޖެހިގެންނެވެ. ވެރިކަމުގެ ދަހިވެތި މަޅީގައި މަނިކުފާނު ތިދަނީ ބެދެވެމުންނެެވެ" ސިޓީގައި ވެއެވެެ.

އަމިއްލަ އަތުންލިޔެ ރައީސް ނަޝީދަށް އެޑްރެސްކޮށްފައިވާ މި ސިޓީ ރީކޯ އާއްމުކޮށްފައިވަނީ، ވެރިކަން ހިންގާ މައިނޯރިޓީ ޕާޓީއަކުން ސަރުކާރު ކޮންޓްރޯލް ކުރާ ކަމަށް ބުނެ، ރައްޔިތުންގެ ރަޢީސް ނަޝީދު އެމަނިކުފާނުގެ އުދާސްތައް މިއަދު އިގިރޭސިބަހުން އާއްމުކޮށް ރައީސް ސޯލިހްގެ ސަރުކާރަށް ތާއީދު ނެތްކަން ބޭރު ދުނިޔޭގެ ސަމާލުކަަމަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. 

އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އެންމެ ފުރަތަމަ ގާއިމުކުރެވުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެންތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއެހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ. އެގޮތުން އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގާއިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ހަރަކާތްތެރިކަން ގެނުވައި، އިސްލާހީ ބަދަލުތައް ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުގެ މައްޗަށް އެމްޑީޕީއަށް ނުފޫޒުފޯރުވުނެވެ.

ޖެނުވަރީ 2005 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން އެކަން އާންމުކޮށް އިއުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ގާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ގާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އަދި ޕާޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ދޫނުދީ، އެކަން ހަމަނުޖެހެނީސް ހޯމް މިނިސްޓްރީގެ އޮފީހުން ނުނިކުމެ، ސުލްޙަވެރިކަމާއެކު އިށީނދެތިބުމުގެ ނަތީޖާއެއްގެ ގޮތުން، 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ.

އޭގެފަހުން 2008ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ވެރިކަމުގެ ކުރީ ކޮޅުގައި ހެނދުނު ގޯސްތަކުގެ ސަަބަބުން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ހިންގި ހަަމަނުޖެހުންތަކާއި ގުޅިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވިއެވެ. އެމްޑީޕީއާއި ރައީސް ނަޝީދުވެސް ގަބޫލުކުރަނީ އެދަުވަހު ބަގާވާތަކުން އެމަނިކުފާނުގެ ވެރިކަން ވައްޓާލީ ކަމުގައެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް