
ޝިކާރަކުރުމާއި ޖަންގަލީގެ މޭވާގެ ބާވަތްތައް އެއްކުރުން ދޫކޮށް ކޯރުތަކުގެ އައްސޭރިތަކުގައި ގޮވާންކުރަން ފެށުމަކީ އިންސާނުންނަށް ތަހުޒީބާއި ހަމައަށް ވާސިލްކޮށްދިން ސަބަބެކެވެ. އަދި އެއް އިރެއްގައި ދިވެހިންގެ އިޤްތިސާދުވެސް މުޅިންހެން ދަނޑުވެރިކަމުގެ މައްޗަށް ބިނާވެފައިވި ޒަމާނެއް ވޭތުވެ ގޮއްސިއެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ގައުމެކެވެ. އެއްބަޔަކު މިމަސައްކަތް ކުރާހިތުން ކުރާއިރު އަނެއް ބަޔަކު މިމަސައްކަތް ކުރަނީ ދިރުއުޅުމަށްޓަކައި ހައިހޫނުކަން ފިލުވުމަށާއި އާމްދަނީ ހޯދުމަށެވެ.
މިހެން މިކަންވާއިރު، ރާއްޖެއަށް ވެލީގައި ހައްދާ ގަހަށް ބޭނުންވާ ކާނާ އަގުހެޔޮކޮށް އެތެރެކުރެވުނުކަމުގައިވީނަމަވެސް، އެކަމުން ދަނޑުވެރިންނަށް ކުރާ އެއްވެސް ފައިދާއެއް ނެތްކަމަށް ރާއްޖޭގެ ދަނޑުވެރިން ބުނަމުންދެއެވެ.
15 އަހަރުވަންދެން ދަނޑުވެރިކަމުގެ މަސައްކަތް ކުރި ތ.ކަނޑޫދޫ އަށް ނިސްބަތްވާ ހުސެއިން އަރީމް ސީއެންއެމްއަށް މައުލޫމާތުދެމުން ވަނީ، ދަނޑުވެރިކަން ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީކަމަށް ބުނެ މައުލޫމާތު ހިއްސާކޮށްފައެވެ.
މިގޮތުން ގަސްކާނާއާއި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބޭހުގެ ބާވަތްތައް ރާއްޖެއަށް އަގުހެޔޮކޮށް ގެނެވޭގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހައްދަވާފައިވާކަން އޭނާ ފާހަގަކޮށްފައިވެއެވެ.
އަދި އެކަން އެހެން އޮތްނަމަވެސް އެއިން ދަނޑުވެރިންނަށް ވާ ފައިދާއެއް ނެތްކަން ފާހަގަކޮށް އޭނާ ބުނީ ފިހާރަތަކުންނާއި މާލެ މާކެޓުން ގަސްކާނާއާއި ބޭހުގެ ބާވަތްތައް ގަންނަންޖެހެނީ އަގޮބޮޑުކޮށްކަމަށެވެ.
އެއްފަހަރު ބޭނުންކޮށްލެވޭ ބޭސް ފަދަ ތަކެތި 300ރުފިޔާ އާއި 400ރުފިޔާ އާއި ދެމެދުގެ އަގެއްގައި ގަންނަން ލިބޭއިރު، އޭގެތެރެއިންވެސް ރަނގަޅު ގަސްކާނާ ލިބެނީ 600ރުފިޔާ އިން މަތިން ކަމަށް އޭނާ ބުންޏެވެ.
އަދި ބޮޑު އަގުދީގެން ގަސްކާނާއާއި ބޭސްފަދަ ތަކެތި ގަތުމަށްފަހު ދަނޑުހައްދައިގެން އުފައްދާ ތަކެތި މާލޭގެ މާރުކޭޓުތަކަށް ވިއްކަން ދިންނަމަވެސް، ދަނޑުވެރިންނަށް ލިބޭ އެއްޗެއް ލިބެނީ މާރުކޭޓުގައި ވިޔަފާރިކުރާ ވިޔަފާރިވެރިން ދިން އިރަކުން ކަމަށާއި، ވިޔަފާރިވެރިން ނަގާ އަގާއި، ގެއްލުމާއި ހުރިހައި ކަމަކަށް ކަނޑާފައި، ލިބެނީ ކުޑަ އެއްޗެއް ކަމަށް އޭނާ މައުލޫމާތުދެއެވެ.
ދަނޑުވެރިންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުންވެސް އެދިފައިވާނެކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިފަދަ މައްސަލަތަކަކީ ދަނޑުވެރިންގެ މަސައްކަތުގައި އެދެވޭ ފައިދާ ނުލިބޭ އެންމެ ބޮޑު އެއް ސަބަބު ކަމަށާއި، މިކަން ހައްލުވުމަކީ ހުރިހާ ދަނޑުވެރިންގެ އެދުމެއް ކަމަށް އޭނާ ބުނެއެވެ.
މީގެއިތުރުން، ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ރ.އުފުލަންދޫއާއި ރ.ފަސްމަންދޫގައި ގިނަ އަހަރުތަކެއް ވަންދެން ދަނޑުވެރިކަންކުރި ރ.މަޑުއްވަރިއަށް ނިސްބަތްވާ ހަބީބާ އާދަމް ވެސް ވަނީ މިކަމާއި ގުޅޭގޮތުން އޭނާ ކުރާ ތަޖުރިބާ ހިއްސާކޮށްފައެވެ.
ދުވާލުގެ އަވީގައި ހައިހޫނުކަމާއިއެކު ކުރާ ދަނޑުވެރިކަމުގެ މަސައްކަތަކީ ދާއޮހޮރުވައިގެން ގިނަ ވަގުތާއި މިންނެތް މަސައްކަތުން ގިނަ މީހުން ކުރާ ކަމެއް ކަމަށްވާއިރު، ރާއްޖޭގެ މާކެޓުގައި ވިއްކަން ލިބޭ ބޭހާއި ގަސްކާނާގެ ބާވަތްތަކަކީ އޭގެ ކޮލިޓީ ޓެސްޓު ނުކޮށް ގެނެވޭ އެއްޗިއްސަށް ވުމުގެ ސަބަބުން ކުރާ ނޭދެވޭ ގެއްލުމުގެ ވާހަކަ ދައްކަމުން ހަބީބާ ބުނީ މާލޭގެ ފިހާރަތަކުން އެތަކެތި އަގުބޮޑުކޮށް ގަތުމަށްފަހު ވާ ފައިދާއެއް ނެތުމަކީ ދަނޑުވެރިންނަށް އިންތިހާއަށް ދަތިކަމާއި މާލީ އެތަކެއް ގޮންޖެހުން ތަކަކާއި ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ.
އަދި ހަބީބާ ބުނީ ދަނޑުހައްދާ މީހުން އަގުބޮޑުކޮށް ގަންނަ ބޭސްތަކަކީ ގަހަށް ޖެހޭ ތަފާތު ވައްތަރުގެ ބަލިތަކުން ސަލާމަތްކުރުމަށާއި، ގަސް ހެދިބޮޑުވެ، ކާނާ އަވަހަށް އެޅުމަށް ގަންނަ ތަކެތި ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގައި ކޮލިޓީ ޔަގީން ނުކޮށް ގަސްކާނާއާއި ބޭސް އެތެރެކުރެވޭކަން ފާހަގަކޮށް އޭނާ ބުނީ އެއެއްޗިހީގެ ކޮލިޓީ ނުހިފެހެއްޓުމުގެ ސަބަބުން އެތަކެތި ބޭނުންކޮށްގެން ގަހަށް ޖެހޭ ބަލިތަކުން ސަލާމަތް ނުކުރެވޭކަމަށެވެ.
މިފަދަ އެތައް ސަބަބުތަކާއިހުރެ ދަނޑުވެރިކަމުން އެކަށީގެންވާ ރަނގަޅު ޢާމްދަނީއެއް ނުލިބޭކަމަކީ ގިނަ ދަނޑުވެރިން ކުރަމުން ގެންދާ ޝަކުވާއެކެވެ.
ދަނޑުވެރިންނަށް ދިމާވާ މިފަދަ މައްސަލަތަކުގެ ވާހަކަ އެމީހުން އަބަދުމެ ހިއްސާކޮށްފައިވާއިރު، ދަނޑުވެރިން ކުރާ ބުރަ މަސައްކަތަށް އެދެވޭ އުޖޫރައެއް ލިބުމަށްޓަކައި ބޭހާއި ދަނޑުވެރިކަން ކުރުމަށް ގަސްކާނާގެ ސާމާނު އަގުހެޔޮކޮށް ރާއްޖެއިން ލިބޭނެ ގޮތެއް ހަދައިދިނުމަށް އެމީހުން އެދެމުންދެއެވެ. "ފޫނެތް ފަޔަކަށް ފެންފުރުން" ހުއްޓާލުން އެދިގެންނެވެ.