ads
އިމްރާން އަދި ނަޝީދު-- ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުންވެސް އިހުމާލްވެފައިވާކަމުގެ ތުހުމަތު!
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންވެސް އިހުމާލުވެފައިވާކަމުގެ ތުހުމަތު ރައީސް ނަޝީދުގެ "ނުރަސްމީ" ޓުވިޓާ އެކައުންޓު ކަމަށް ގިނަ ބަޔަކު ބުނާ "އެލެކްސް އަހްމަދު"ގެ އެކައުންޓުން ކުރި ޓްވީޓެއްގައި ތުހުމަތުކޮށްފި އެވެ.

އެއެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، "އަޅުގަނޑު މަރާލަން ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ ކަމަށް ގަބޫލު ނުކުރަން" ކަމަށެވެ.

އެގޮތުން އެކަން ގަބޫލުނުކުރާ ހަތް ސަބަބެއް ފާހަގަކޮށްފައިވެއެވެ. އެއީ އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މޫވްމެންޓުތައް ނުވަަތަ ހަރަކާތްތައް ޓްރޭސް ކޮށްފައި ނުވުމާއި، ސައިކަލެއްގައި ހަރުކޮށްފައިވާ ބޮން ގޮއްވައިލަން ބޭނުންކުރި ތަކެތީގެ އަސްލު ހޯދިފައި ނުވުމާއި، އެ ހަމަލާ ދޭން ފަންޑުކުރި މީހުން ހޯދިފައި ނުވުން ހިމެނެއެވެ.

އަދި ބޮން ގޮއްވާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަށް ރިމޯޓް ކޮންޓްރޯލް އައިއީޑީއެއް ހެދުމުގެ ގާބިލުކަން ލިބުނު ގޮތާއި އެކަމަށް ބޭނުންކުރި ޓެކްނޮލަޖީ ހޯދިފައި ނުވުމާއި، އެފަދަ ހަމަލާއެއް ދޭން އުޅޭކަން އެގުނީ ކާކަންވެސް ހޯދިފައިނުވުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އަބްދުﷲ އަލި މަނިކުގެ އިތުރުން އެހެން މީހަކު ހަމަލާއާއި ގުޅިގެން ޓްރެސްކޮށްފައި ނުވުމާއި، ހަަމަލާގެ ކުރިން އެކަމުގެ މައުލޫމާތު އެގިތިބި މީހުން ޓްރޭސްކޮށްފައި ނުވުމަކީވެެސް ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުންގެ އިހުމާލުވެފައިވާކަމަށް ބުނާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.

ހަމަލާއާ ގުޅިގެން ބޮންގޮއްވާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ މައްޗަށް ތަހުގީގު ހިންގާ ނިންމާ އަންނަ ހަފްތާގައި ދައުވާ ކުރަން ޕްރޮސިކުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމަލާ ގާތުން ބެލުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ކަނޑައަޅާފައިވާ 6 މެއި ކޮމެޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު އެކޮމެޓީން ވަނީ ބުނެފައެވެ. 

ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންވެސް އިހުމާލުވެފައިވާކަމުގެ ތުހުމަތު ރައީސް ނަޝީދުގެ "ނުރަސްމީ" ޓުވިޓާ އެކައުންޓުންކޮށްފައި މިވަނީ، މިނިސްޓަރު އިމްރާންގެ އަދާލަތު ޕާޓީން ސަރުކާރު ކޮންޓްރޯލް ކުރާކަމަށް ބުނެ ރައީސް ސޯލިހް އަށާއި، އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާ ސްޓޭޓްމެންޓެއް ނެރުއްވާފައިވާ ދަނޑިވަޅެއްގައެވެ. 

މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ނީލޯފަރު މަގުގައި ހުރި ސައިކަލެއް ގޮއްވާލައިންގެން ދިން ޓެރަރިޒަމްގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. 

އެގޮތުން މި މައްސަލައާއި ގުޅިގެން ދެ މީހަކު މާލެއިން، އެކަކު ހުޅުމާލެއިން އަދި އެކަކު ބ. ދަރަވަންދޫއިން ހައްޔަރު ކޮށްފައިވެއެވެ. 

ދަރަވަންދޫއިން ހައްޔަރު ކޮށްފައިވަނީ، ލ. ގަން، ދުންފިނިއުފާ، އުމުރުން 23 އަހަރުގެ އަހްމަދު ފާތިހު އެވެ. އޭގެ ކުރިން މި މައްސަލައިގައި މާލެއިން ހައްޔަރު ކޮށްފައިވަނީ މއ. ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒު އަހުމަދު އަދި ގއ. ކޮނޑޭ، ފޮޅޭމާގެ އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދެވެ. 

އަދި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަދުހަމް އަހުމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް