ads
އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން
އިސްލާމްދީނާއި ހިލާފަު އެއްވެސް ކަމަކަށް މި ޕާޓީން ތާއިދެއް ނުކުރާނަން
އެމް.ޑީ.ޕީ. ގެ މައިގަނޑު އަސާސްތައް ދިފާއުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ޕާޓީގެ އަންހެނުންގެ ރޫޙުން ތާއީދު ކުރާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން އެމް.ޑީ.ޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީކަމަށާއި އެޕާޓީ އުފެދުނީއްސުރެން، އެޕާޓީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އަސާސްތަކަކީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަން ގާއިމުކޮށް، ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުންކަމުގައެވެ.  2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމުގައި މި ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެންކަމަށް ގަބޫލުކުރާކަމަށް އެ ނޫސް ބަޔާނުގައިވެއެވެ.

އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށާއި މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫންކަމަށް އެ ނޫސް ބަޔާނުގައިވެއެވެ. މީގެ އިތުރުން ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެމްޑީޕީން އަބަދުވެސް ގަބޫލުކުރާކަމަށް އެ ނޫސް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ގައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށާއި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ އަންހެނުންގެ ރޫހުން ބަލައިގަންނާނެ ކަމެއްނޫކަމަށް އެ ނޫސް ބަޔާނުގައިވެއެވެ. 

ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް އެޕާޓީގެ އަންހެނުންގެ ރޫހުން ދެކޭކަމަށް އެ ނޫސް ބަޔާނުގައިވެއެވެ.

މިރާއްޖެއަކީ އަމާން ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް، މިޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެމްޑީޕީ ގެ އަސާސްތަކަށް ސަރުކާރުން އިހްތިރާމްކޮށް އެމްޑީޕީ ގެ މައިގަނޑު އަސާސްތައް ދިފާއު ކޮށްދެއްވުމަށް އިލްތިމާސްކުރާކަމަށް މި ނޫސް ބަޔާނުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް