ads
ކުއްޖާ ސަލާމަތް ކުރާ މަންޒަރު
ޗައިނާގައި ފެންބޮޑުވުން: މަންމަގެ އެންމެ ފަހުވަގުތުކޮޅު، ދަރިފުޅު ސަލާމަތް ކުރުމުގައި
ޗައިނާގައި ހިނގަމުންދާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 33 މީހެއް މަރުވެފައިވާއިރު، މަރުވި ކޮންމެ މީހެއް ދުނިޔެއަށް ދޫކޮށްލީ އަސަރުތަކުން ފުރިގެންވާ ވާހަކަތަކަކެވެ.

އެގޮތުން ޗައިނާގެ ހެނާން ޕޮރޮވިންސްގެ ވެންޒޮންހިއަން ވިލެޖުގައި އާދަޔާ ހިލާފަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތައް ހިނގައިފައެވެ. މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު ދަރި ސަލާމަތައް އެއްލާލި އަންހެނަކު ބިންގަނޑު ކަނޑައިގަންގޮސް ދަމައިގަތުމުގެ ސަބަބުން މަރުވެފައިވާ ކަމަށެވެ. 

ރިކޯޑް މިންވަރަށް އެހިސާބަށް ވާރޭ ވެހުމުގެ ސަބަބުން އެސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މިހާތަނަށް 33 މީހުން މަރުވެފައިވާއިރު 200،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. 

ސަލާމަތް ކުރި ފަރާތްތަކުން އެ ކުއްޖާ ސަލާމާތް ކުރާ މަންޒަރު ފެންނަ ވީޑީއޯއަށް ވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެއީ ތިން ނުވަތަ ހަތަރު މަހުގެ ކުއްޖެއް ކަމަށް ބެލެވޭ ކަމަށް ބީބީސީ އިން ރިޕޯޓްކުރެއެވެ. 

އެ ކުއްޖާ އާއިލާ މީހަކު "ސަދާން މެޓްރޮޕޮލިސް ޑެއިލީ"އަށް މައުލޫމާތު ދެމުން ބުނީ ބުދަ ދުވަހު އެ ސަރަހައްދަށް މީހުން ސަލާމަތް ކުރާ މީހުން ދިޔައިރު އެކުއްޖާ ރޯ އަޑު އިވުނު ކަމަށާއި ކުއްޖާގެ އަޑު އިވުނުތަކާ އިރުކޮޅަކުން އެ ކުއްޖާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާ އޮތީ ބިންގަނޑު ކަނޑައިގެން ދިޔަތަނަށް ވުރެ އުސް ހިސާބަކަށް އެއްލާލާފަ ކަމަށް އޭނާ ބުނެއެވެ.

އެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނުއިރު ކުއްޖާއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައިއެއް ނުވެއެވެ.

އެ ކުއްޖާގެ މަންމަގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ބުރާސްފަތި ދުވަހު އެވެ. ސަލާމަތްކުރާ ފަރާތްތަކުން ބެއިޖިން ޔޫތު ޑައިލީއަށް ބުނީ އަންހެންމީހާގެ ހަށިގަނޑު ފެނުނު އިރު އެއް ޕޮޒިޝަނަކަށް ގާވެފައިވާ ކަމަށެވެ. އަދި ފެންނަ ފެނުމުގައި އެ އަންހެން މީހާ ހުރީ އެއްޗެއް އުފުއްލައިގެން ކަަމަށް ބެލެވޭ ކަމަށް އޭނާ ބުނެއެވެ.

އެންމެ ފަހު ވަގުތު ވެސް އެ މަންމަ އުޅުނީ ކުއްޖާ ސަލާމަތް ކުރުމަށް ކަމަށް ރިޕޯޓަރުންނަށް މައުލޫމާތު ދެމުން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މީހެއް ކަމަށްވާ ޔެން ބުނެފައިވެއެވެ. 

އޭނާ ބުނީ އެ ސަރައްދަށް ދެވޭ މައި ބްރިޖު ފެން ބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވުމުން އެ ސަރަހައްދަށް އެހީފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ވިއްސާރައިގައި އެތައް ގެއެއް ހަލާކުވެފައިވާ ކަމަށް އޭނާ ބުނެއެވެ.

ވެންޒޮންދިއަންގައި ވަރަށް ގިނަ ކުޑަކުދިން އަދި މުސްކުޅިން އުޅޭ ކަމަށާއި އެހެން ކަމުން އެމީހުން އަމިއްލައަށް ސަލާމަތްވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް އޭނާ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް