ads
މިސްބާހް އާއްމުކުރި ވީޑިއޯގެ މަންޒަރެއް
ޕާކިސްތާނުގައި ޑްރަގް ނެޓުވޯކެއްގެ ގެރެންޓައެއްގެ ގޮތަށް ހުރި މިސްބާހް ހައްޔަރުކޮށްފި
ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަ" އެއްގެ ގޮތުގައި ޕާކިސްތާނަށް ދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންސަން، މިސްބާހް މުހައްމަދު ހައްޔަރުކޮށްފި އެެވެ.

ފުލުހުން މިއަދު ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅުމާއިއެކު މެއި މަހުގެ 14 ވަނަ ދުވަހު ހޯދަން އިއުލާންކުރި މިސްބާހު މިއަދު މާލެ އަައިސްފައިވާ ކަމަށެވެ. 

އަދި އޭނާ މާލެ އައުމާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒްކުރުމަށް ކަރެކްޝަނަލް ސާވިސްއާއި ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން ހުކުމެއް ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ. 

ފުލުހުން އިތުރަށް ބުނީ އޭނާ ޕާކިސްތާނަށް ދިއުމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ. 

ނިމިދިޔަ މޭމަހުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ މިސްބާހުގެ ގުޅޭގޮތުން ފުލުހުން ޖޫން މަހުގެ ދެވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2020 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށާއި، އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއި އެކު ކަމަށެވެ.  

އިރުފާން އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ. 

އޭގެފަހުން އިރުފާން 2020 ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވީ ނަމަވެސް، އިރުފާންއާއެކު މިސްބާހް އައިސްފަ ނުވާކަަމަށާއި މިސްބާހް 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށްވެެސް ބުނެފައިވެއެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ" ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިރުފާން ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.  

އިރުފާންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި 2021 ފެބްރިއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން އާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

އޭނާ ހުރީ ޑްރަގުގެ ނެޓުވޯކެއްގައި ގެރެންޓަ އެއްގެ ގޮތަށް ކަމަށް ބުނެފައިވާތީ އެކަން ދޮގުކޮށް މިސްބާހު ވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހު ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ. އެ ވީޑިއޯގައި މިސްބާހު ވަރަށް ހަމަޖެހިލާގެން ހުރެ ބުނެފައިވަނީ، އޭނާއަކީ ޑްރަގުގެ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމަށާއި، ފުލުހުން ހަދަނީ ދޮގުކަމަށެވެ. އެހެންނަމަވެސް އޭރުވެސް ފުލުހުން ދިޔައީ އޭނާ ހޯދަމުންނެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް